Advertisement

ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނެތް؟

8 ޑިސެންބަރު 2021 - 11:38 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ގއ. ވޮޑުމުލާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ބޭންކު ޗެކުގެ ކޮޕީއެއް: މި ޗެކު ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް. -- އާޓްފޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނެތް؟

8 ޑިސެންބަރު 2021 - 11:38 0

ޔާމީންގެ މައްޗަށް މަނީލޯޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރި ހުކުމުގައި މުހިންމު ވާހަކައެއް ބުންޏެވެ; ކުރީގެ ރައީސް އަބްދުالله ޔާމީންނަށް އެސްއޯއެފްއިން ލިބުނު އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދައި، އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ހައްގު ދައުލަތަށް އޮތް ވާހަކަ އެވެ.

އެކަމަކު ސުވާލަކީ މަދަނީ ދައުވާއެއްގެ ތެރެއިން ވެސް މިކަން ކުރާނީ ކިހިނެއް ހެއްޔޭ އެވެ؟

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ދައުލަތުން ތުހުމަތު ކުރަމުން ދިޔަ ގޮތުގައި ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ.

މިކަމަށް ބާރު ދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔާތުގެ ހެކިބަހެވެ. ސުޕްރީމް ކޯޓުން ފާސިގު ހެކިން ގޮތުގައި ކަނޑައަޅާފައިވާ އެ ހެކިން ބުނާ ގޮތުގައި އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑުމުލާގެ ފައިސާ އެވެ. އަދި, އެ ފައިސާ ޔާމީނަށް ޖަމާކުރީ އެކަމަށް އެ މަނިކުފާނު އެންގުމުންނެވެ.

ދައުލަތުން ހުށަހެޅީ ކޮން ހެއްކެއް؟

އެއް މިލިއަން ޑޮލަރުގެ އަސްލު ގޮސް ގުޅެނީ ވޮޑުމުލާއާކަން ސާބިތުކުރުމަށް ދައުލަތުން ދަށު ކޯޓު މަރުހަލާއަށް ހަ ހެއްކެއް އަދި ސުޕްރީމް ކޯޓަށް އިތުރު ކަމެއް ހުށަހެޅި އެވެ. ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި އެމްއެމްޕީއާރްސީއަށް ފައިސާ ހަމަޖައްސަމުންދާ ކަމަށް ޔުނައިޓެޑް އިންޓަނޭޝަނަލް ކުންފުނިން ބުނެފައިވާކަން އެނގޭނެ ލިޔުމަކާއި, ވޮޑުމުލާ ކުއްޔަށް ދިނުމާ ގުޅޭ އިތުރު ލިޔެކިއުންތައް ހުށަހެޅި އެވެ.

އެހެން ހެކިތައް;

  • ޗެކް ޑިޕޮސިޓް ސްލިޕް
  • އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓް
  • އޮޑިޓާާ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓް
  • އަދީބާއި ޒިޔަތުގެ ހެކިބަސް

ޗެކުގެ އަސްލެއް ވެސް ކޮޕީއެއް ވެސް ހުށަހަޅާފައި ނެތް

ޔާމީންގެ މައްޗަށް ދައުވާކުރި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި، ޔުނައިޓެޑް އިންޓަނޭޝަނަލްއިން ދޫކުރިކަމަށް ބުނާ ޗެކު ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ. ޝަރީއަތަށް ހުށަހެޅީ ޗެކު ޑިޕޮޒިޓް ސްލިޕާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓެވެ. އެހެން ނަމަވެސް، މައްސަލައިގެ ދިރާސާގެ ބޭނުމަށްޓަކައި، ކުރިމިނަލް ކޯޓުން ޒިޔާތުގެ މައްސަލަ ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓު ސުޕްރީމް ކޯޓަށް ގެނުވި އެވެ. އެ ރިޕޯޓުގެ ތެރޭގައި މި ޗެކު ހިމެނިފައި ވެއެވެ.

މިއީ ޔުނައިޓެޑް އިންޓަނޭޝަނަލްގެ ފަރާތުން ޑރ.ހަމަދު އަލް ތުވަރްޖީގެ ނަމުގައި މޮރިޝަސް ކޮމާޝަލް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގެ 0494502 ވަނަ ނަންބަރުގެ ޗެކެވެ. ޔުނައިޓެޑް އިންޓަނޭޝަނަލްއިން މި ޗެކު ދޫކޮށްފައި އޮތީ އެމްއެމްޕީއާރުސީއަށް ފައިސާ ލިބެންޖެހޭ ގޮތަށެވެ. މިކަން ޝަރީއަތުގެ ސަމާލު ކަމަށް އައިސްފައި އޮތްކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 195 ވަނަ ނުކުތާއަށް ބެލުމުން އެނގެ އެވެ.

"ދައުވާގައިވާ "ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާކަން" މި ވާގިއާ ސާބިތުކުރުމަށް ދައުލަތުން ގިނަ ކިތާބީ ހެކިތަކެއް ހުށަހަޅާފައި ވެއެވެ. މި ކިތާބީ ހެކިތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަރނޭޝަނަލް އިން ގއ.ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރސީއަށް ދޫކުރި ޗެކު ބޭންކް އޮފް މޯލްޑިވްސް ގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 002-701832-7701 އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެ އެވެ." ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮވެ އެވެ.

ފަނޑިޔާރު ފާހަގަކުރައްވާފައިވާ މި ވާހަކައަށް ބަލާއިރު، ޔުނައިޓެޑް އިންޓަނޭޝަނަލްއިން ދޫކުރި ޗެކަކީ އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ޗެކެއްކަން ފާހަގަކުރައްވާފައިކަން އެނގެން އޮވެ އެވެ.

ގއ. ވޮޑުމުލާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ބޭންކު ޗެކް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ސްލިޕް. --އާޓްފޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


އެމްއެމްޕީއާރުސީއަށް ދޫކުރި ޗެކު އެސްއޯއެފަށް ޖަމާވާންވީ ކީއްވެ؟

ޗެކުގައި ފައިސާ ލިބެންވީ ފަރާތެއްގެ ގޮތުގައި އެމްއެމްޕީއާރުސީ އޮތަސް، ފައިސާ ޖަމާވީ އެސްއޯއެފް އަށެވެ. ޔުނައިޓެޑް އިންޓަނޭޝަނަލްއިން އެއްވެސް މުއާމަލާތަކާ ގުޅިގެން އެސްއޯއެފަށް ފައިސާ ދޭންޖެހިފައި އޮތަސް، އެ ފައިސާ ދެއްކުމަށް ދޫކުރާ ޗެކެއްގައި ލިބެންވީ ފަރާތުގެ ގޮތުގައި އެމްއެމްޕީއާރުސީ ލިޔެފައި އޮތުމަކީ ބުއްދީގެ ހަމަތަކުންވެސް ހަމަޖެހޭ ކަމެއް ނޫނެވެ.

އެމްއެމްޕީއާރުސީއަށް ދޫކޮށްފައި އޮތް ޗެކެއް، އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ކީއްވެގެންތޯ ބެލުމަށް ޝަރީއަތުގެ މަރުހަލާއެއްގައި ޔުނައިޓެޑް އިންޓަނޭޝަނަލްގެ ބަހެއް ހޯދާފައެއް ނެތެވެ. ދައުލަތުގެ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާއިރު، ޝަރީއަތުން ވެސް އެކަން ސާފުކުރުމަށް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، އަދުލުއިންސާފަށް ވާސިލުވުމުގެ ބޭނުމަށްޓަކައި ޝަރީއަތުގެ އިސްނެގުމަށް ހެކިން ހާޒިރުކުރުމަކީ ކުރެވޭ ގޮތަށް އޮންނަ، އަދި ކުރާ ވެސް ކަމެކެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި ހިމެނޭ ހެއްކަކު ސުޕްރީމް ކޯޓު މަރުހަލާގައި ހާޒިރުކުރީ ހަސްމަކު އެކަމަށް އެދިގެނެއް ނޫނެވެ. އަދުލުއިންސާފަށް ވާސިލުވުމަށްޓަކައި އެކަން މުހިންމުކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަތުމުންނެވެ.

ޔާމީންގެ މައްޗަށް ދައުވާކުރި މައްސަލައިގައި ހުށަހެޅި ހުރިހާ ހެއްކެއްގެ ބޭނުން ސުޕްރީމް ކޯޓުގައި ކެނޑި, އެއް މިލިއަން ޑޮލަރުގެ ހަގީގަތް ސާފުވާ ގޮތެއް ނުވި އެވެ. ސަބަބުތައް ދައްކަވާފައި އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް، އަދީބާއި ޒިޔާތުގެ ހެކިބަހަށް އެކަނި ބަރޯސާ ވެވޭކަށް ނެތެވެ. އެ ދެމީހުންގެ މައްޗަށް އެމްއެމްޕީއާރުސީ އާ ގުޅޭ އެތައް މައްސަލައެއްގައި އޮތީ ކުށް ސާބިތުވެފަ އެވެ. އެ ދެމީހުންގެ ވަޒީފާ ގެއްލި، ޖަލުގައިވެސް ބަންދުކުރެވުނީ ޔާމީންގެ ވެރިކަމުގަ އެވެ. އެމީހުންގެ ހިތުގައި ޔާމީންއާމެދު އޮވެދާނޭ ދެކޮޅުވެރި ޝުއޫރުތަކަކީ ހާމައަށް ފެންނާން އޮތް ކަމެކެވެ. ފަނޑިޔާރުގެ ހިތްޕުޅުގައިވެސް އެ ޝައްކު އުފެދުމުން އެ ދެ މީހުންގެ ހެކިބަހަށް އެކަނި ބަރޯސާ ނުވެވޭނޭ ކަމަށް ނިންމެވީ އެވެ.

ދެން އުފެދުނު ބޮޑު މައްސަަލައަކީ ޗެކް ނަންބަރުގައި އޮތް ހިލާފެވެ. ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ ނަންބަރު 0000000000048593 އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އެއް މިލިޔަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވުމެވެ. އެ ޗެކްގައި އޮތް ނަންބަރަކީ، 0494502 އެވެ. މިއީ ޑިޕޮސިޓް ސްލިޕްގައިވެސް އޮތް ނަންބަރެވެ. އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ.

މި ދެ އަކުރުގެ އޮޅުމަކީ ދައުލަތުން ބުނާ ގޮތުން ސިސްޓަމަށް ނަންބަރު އެންޓާކުރުމުގެ ތެރޭ އަރާފައިވާ "ހިއުމަން އެރާ" އެކެވެ. އެކަން ބޭންކުން ވެސް ސާފުކޮށްފައިވާނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް، އެކަން ސާފުކުރުމަށް ބޭންކް ހާޒިރުކޮށްދިނުމަށް ދައުލަތުން ނޭދެ އެވެ. ޝަރީއަތަކުން ވެސް އެކަމެއް ނުކުރެއްވި އެވެ.

އެކައުންޓް ސްޓޭޓްމަންޓާއި ޗެކް ޑިޕޮޒިޓް ސްލިޕްގައި އޮތް އެކައުންޓް ނަންބަރުގައި ހުރި ފުށުއެރުން އެގޮތަށް އޮތް ސަބަބު ބުނެދެވޭނީ ބޭންކަށެވެ. މި ދެ އަކުރުގެ ސަބަބުން އުފެދުނު ޝައްކަކީ ބޭންކުގެ ބަހެއް ހޯދިނަމަ ފިލުވައިލެވުމުގެ ޖާގަ އޮތް ޝައްކެކެވެ.

ނަމަވެސް, ނަންބަރުގައި ފުށުއެރުން އޮތް ވާހަކަ ދައުލަތުން ވެސް ތިބީ ނުދައްކަ އެވެ. ބޭންކުން އެކަން ސާފުކުރުމަށްފަހު ވެސް އެ ވާހަކަ އަމިއްލައަށް ދައުލަތުން ނުދެއްކި އެވެ. އެކަމަކު, ޔާމީންގެ ފަރާތުން އެ ފުށުއެރުމުގެ ވާހަކަ އޮތީ ފެންމަތިކޮށްފަ އެވެ.

ދައުލަތުން އެ ވާހަކަ ދެއްކީ ވެސް ސުޕްރީމް ކޯޓަށް އެކަން ފާހަގަވެ އަޑުއެހުމެއް ބާއްވައި ފަނޑިޔާރުން ސުވާލުކުރުމުންނެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ފެށުމާއެކު ވެސް ދެ ފަރާތަށް ވެސް އާ ހެކި ހުށަހަޅަން ފުރުސަތު ދިންއިރު, އެ ފުށުއެރުން ސާފުކުރުމަށް އޭރު ވެސް ދައުލަތުން ހެއްކެއް ހުށައެއް ނާޅަ އެވެ. އެ ފުރުސަތު ދައުލަތުން ސުޕްރީމް ކޯޓުގައި ދޫކޮށްލީ އަމިއްލައަށެވެ.

ފައިސާ ހޯދަން އިތުރު ދައުވާއެއްކޮށްގެން ކާމިޔާބު ވެދާނެތަ؟

ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފާނޭ އާ ހެއްކެއް އޮވެދާނޭ ކަމަކަށް ނުފެނެ އެވެ. ޔުނައިޓެޑް އިންޓަނޭޝަނަލްއިން ދޫކުރި ޗެކުގައި ފައިސާ ލިބެންޖެހޭ ފަރާތުގެ ގޮތުގައި ލިޔެފައި އޮތީ އެމްއެމްޕީއާރުސީގެ ނަމެވެ. ފައިސާ ލިބުނީ އެސްއޯއެފް އަށެވެ. އޭގެ ފަހަށް ޔާމީންގެ އެކައުންޓަށެވެ. މިކަމަށް ޔާމީންވެސް އިންކާރެއް ނުކުރައްވަ އެވެ.

މިކަންކަން މިގޮތަށް ހުރިނަމަވެސް، އެއީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމް ކަނޑައެޅިއްޖެ އެވެ. އެ ނިންމެވުމަކީ މައްސަލައިގައި ހިމެނޭ އެންމެހައި ހެކިތައް ވަޒަންކުރުމަށްފަހު އެންމެ މަތީ ކޯޓުން ނިންމެވި އާހިރު ނިޔާ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮއްވައި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް އެހެން ކޯޓަކަށް ކަނޑައެޅޭނީ މުޅީން އާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ. ހަމަ މި ހެކިތަކުގެ މައްޗަށް ބިނާކޮށް އެ ނިންމުން ނުނިންމޭނޭ ސަބަބަކީ އެ ހެކިތަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވުމެވެ.

އެހެންކަމުން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ހަގީގަތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވީނަމަވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގައި އޮތް ގޮންޖެހުން ވަރަށް ބޮޑެވެ.