Advertisement

ފުއްގިރީގެ ރިޝްވަތާ ގުޅޭ ސިއްރުތަކެއް ޕެންޑޯރާ ޕޭޕާސްގައި

6 ޑިސެންބަރު 2021 - 23:45 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރީގެ ރައީސް ޔާމީން: ފުއްގިރި މުއާމަލާތުގެ ސިއްރުތަކެއް ވަނީ ފަޅާއަރުވާލާފައި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ފުއްގިރީގެ ރިޝްވަތާ ގުޅޭ ސިއްރުތަކެއް ޕެންޑޯރާ ޕޭޕާސްގައި

6 ޑިސެންބަރު 2021 - 23:45 2

އެމްއެމްޕީއާރްސީގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ކުންފުންޏާ ގުޅޭ ސިއްރުތަކެއް ޕެންޑޯރާ ޕޭޕާސްގައި ހާމަކޮށްފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ސިއްރު މުދަލާއި، ޓެކްސް އަށް މަކަރު ހަދާ ގޮތްތަކާއި، މަނީ ލޯންޑާ ކުރާ ގޮތް ހާމަކުރަން ލީކްކޮށްލި ޕެންޑޯރާ ޕޭޕާސްގައި ފުއްގިރީގެ މުއާމަލާތުގެ ސިއްރުތައް ހިމެނިއިރު, އެ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީނަށް ވަނީ ދައުވާކޮށްފަ އެވެ.

މަނީލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ދައުވާ ޔާމީނަށް ފުއްގުރި މައްސަލާގައި ކުރެ އެވެ. މިހާތަނަށް އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ފެށިފައިނުވެ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

"އަވިނާޝް ބޮސާލޭ ޕެލަސް"ގެ ނަމުގައި ބޮޑު ގެއެއްގައި ދިރިއުޅޭ ބޮސާލޭ އާއިލާއަކީ މަނީލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބައެކެވެ. އެގޮތުން އިންޑިއާގެ ލަގްޒަރީ ގިނަ ހޮޓެލްތަކަށް އިންވެސްޓްކޮށްފައިވާ އެ ކުންފުނިން ދުބާއީގައި އިންވެސްޓްކޮށް އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފުވި މައްސަލައެއްގައި އިންޑިއާއިން ވެސް މަނީލޯންޑްރިންގެ ތަހުގީގެއް ހިންގި އެވެ.

ފުއްގިރި ހޯދުމަށް ރިޝްވަތު ފޮނުވާފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ އޭ އެންޑް އޭ ހޯލްޑިންސް ގުރޫޕް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން އެ ފައިސާ ފޮނުވާފައިވަނީ ޔާމީންގެ އެކުވެރިއަކަށް ކަމަށް ތުހުމަތު ކުރެ އެވެ.

އޭ އެންޑް އޭ ހޯލްޑިންސް ގުރޫޕް ކިޔާ ކުންފުނީގެ ހަގީގީ ވެރިންނަކީ ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން އަމިތު ކުމާރު ގާންދީ އާއި އަވިނޭޝް ކުމާރު ގާންދީ އެވެ.

މި މައުލޫމާތުތައް ދައުލަތުން ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާގައި ބުނާ ކަންކަމާ ގުޅުވާލެވެ އެވެ. އެގޮތުން, ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ވަނީ ގަބޫލުކޮށްފަ އެވެ. ކްރިކް ރިޒާއަކީ ޔާމީންގެ ވަރަށް ގާތް މީހެކެވެ.

ދައުވާގައިވާ ގޮތުން ކްރިކް ރިޒާ ވަނީ އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ. އޭގެފަހުން ޔާމީންގެ ނަމުގައި އޮތް އިސްލާމިކް ބޭންކްގެ ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށް ފަހު، ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް މަންފާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ނަމަވެސް ޔާމީން މިކަމަށް އިންކާރު ކުރައްވަ އެވެ.

"ފުއްގިރި ކުއްޔަށް ދިނުމުގައި ބައިވެރިވުމެއް ނޯންނާނެ"

ޔާމީން ތަހުގީގަށް ކިޔައިދެއްވާފައިވާ ގޮތުގައި ގޮތުގައި ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރު ލިބުނީ، އެ އަދަދަށްވާ 17 މިލިއަން ރުފިޔާ، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްއާ ހަވާލުކުރެއްވުމުންނެވެ. މި މުއާމަލާތް ސިޔާމްއާ އެކު އެމަނިކުފާނު ހިންގެވީ 2016 ގައި ކަމަށް ތަހުގީގަށް ވިދާޅުވި އެވެ.

ސިޔާމް އަތުން 1.1 މިލިއަން ޑޮލަރު ގަތީ، ޔާމީން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެކަށީގެންވާ އަދަދެއް ޖަމާކޮށްފައި ބެހެއްޓުމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މަގާމުގެ ބޭނުންކޮށްގެން އެއްވެސް ފައިދާއެއް ހޯދައި އެހެން މީހަކަށް ވެސް ފައިދާއެއް ހޯދައިދީފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވެފައިވާ ގޮތުގައި ފުއްގިރި ކުއްޔަށް ދޫކުރުމުގައި އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށް އެއްވެސް އިރުޝާދެއް ދީފައެއް ނުވާނެ އެވެ. އަދި، އެކަމާ ގުޅޭ ގޮތުން ޒިޔަތަށް އެއްވެސް މެސެޖެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ތަހުގީގަށް ކިޔައި ދެއްވި ވާހަކަތަކުން އެނގޭ ގޮތުގައި ޔާމީން މި މުއާމަލާތް ހިންގަވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރި ފަހުންނެވެ.

ތަހުގީގު ބަޔާނުގައި ޔާމީން ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ އިންވެސްޓަރަކު ލިބިގެން އެ ވާހަކަ ކްރިކް ރިޒާ އެމަނިކުފާނަށް ދެންނެވި އެވެ. އެކަމުގައި އެމަނިކުފާނަށް ކޮށް ދެއްވޭނެ ކަމަކީ ހަމައެކަނި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބާ ގުޅުވައިދިނުން ކަމަށާއި ނަމަވެސް އެކަމުގައި އަދީބަށް ނުގުޅުއްވާ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އަދީބާ ވެސް ކްރިކް ރިޒާއާ ގުޅުން އޮންނަ ކަމަށާއި އެހެންވެ އެ ދެ މީހުން އަމިއްލައަށް ގުޅިގެން އެކަން ކުރިއަށް ގެންދިޔަ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މުއާމަލާތުގެ ތެރެއިން ފުއްގިރި ހޯދުމުގައި އިންވެސްޓަރުންގެ ފަރާތުން ކޮމިޝަނެއްގެ ގޮތުގައި ކްރިކް ރިޒާއަށް ފައިސާއެއް ލިބިފައިވާ ނަމަ އެއީ އިންވެސްޓަރާއި ކްރިކްއާ ދެމެދު އޮތް ކަމެއް ކަމަަށާއި އެ ފައިސާ އެމަނިކުފާނަށް ލިބެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.