Advertisement

ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ކުރިމިނަލް ކޯޓުން ނުދިން

6 ޑިސެންބަރު 2021 - 19:57 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން: އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުދިން - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ކުރިމިނަލް ކޯޓުން ނުދިން

6 ޑިސެންބަރު 2021 - 19:57 0

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕާސްޕޯޓް ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި, ދައުލަތުން އެދުނު އަމުރު ނެރެ ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ފައިސާއަށް ހިޔާނަތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އަދި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވާއިރު, އެ މައްސަލާގެ ތެރެއިން ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނެވެ.

ފުއްގިރި މައްސަލާގައި ކޯޓުގައި އެ އަމުރަށް އެދުނީ ގއ. ވޮޑުމުލާ މައްސަލާގައި ޔާމީންގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައި އޮތް މަނީލޯންޑްރިންގެ ކުށުގެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ހުކުމެއް ނޫން ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާއެކު ޔާމީން މިނިވަންވުމުންނެވެ.

އަމުރު ނެރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމަށް މިއަދު އަޑުއެހުމެއް ބާއްވާފައިވާއިރު ދައުލަތުން ވަނީ ޔާމީން ފިލައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި, އެކަމުގެ ހެކި ވެސް އެބަހުރިކަން ފާހަގަކުރި އެވެ. ދައުލަތުން އެދުނީ ޔާމީންގެ އޯޑިނަރީ އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓާށެވެ.

ނަމަވެސް, ދައުލަތުގެ ތުހުމަތުތައް ދޮގުކޮށް ޔާމީންގެ ވަކީލް ފާހަގަ ކުރެއްވީ ދައުލަތުން ހިފަހައްޓަން ހުށަހެޅި ދެ ޕާސްޕޯޓަކީ ވެސް މުއްދަތު ހަމަވެފައި އޮތް ޕާސްޕޯޓެއް ކަމެވެ. އެހެންކަމުން ސައްހަ ނޫން ޕާސްޕޯޓެއް ހިފަަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމާއި އެކަމުން ނުކުންނާނެ ނަތީޖާއެއް ވެސް ނޯންނާނެ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ, އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރޭނެ ތަނެއް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ގާޒީ ފާހަގަ ކުރެއްވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަމުން އެއީ ވުޖޫދުގައި ނެތް އެއްޗަކަށްވުމެވެ.

ގާޒީ ވިދާޅުވި ގޮތުގައި ވުޖޫދުގައި ނެތް އެއްޗެއް ހިފަަހައްޓަން ޖެހޭ ގާނޫނީ ހަމައެއް ނެތެވެ. އޭގެއިތުރުން ޔާމީންނަކީ ޝަރީއަތަށް ހާޒިރުވާ ފަރާތެއް ކަމާއި ފިލައިގެން ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދައުލަތުން ބުނި ނަމަވެސް, އެކަން ބަޔާންކުރާ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ, ހަމައެކަނި އެހެން ބުނާ ބުނުމުގެ މައްޗަށް އަމުރު ނުނެރެވޭނެ ކަމަށެވެ.

ނަަމަވެސް, ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އެ ތުހުމަތުތައް ކުރެވޭ މިންވަރަށް ހެކި ހުރުމުން އަދި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭތީ ރާއްޖޭގައި މަޑުކުރުވަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ, ފިލަން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެނަމަ ޕާސްޕޯޓް ހިފަހައްޓަން އަލުން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ.