Advertisement

ޔާމީން ފިލަން އުޅޭ ކަމުގެ ތުހުމަތުކޮށް ޕާސްޕޯޓް ހިފަހައްޓަން އެދިއްޖެ

6 ޑިސެންބަރު 2021 - 10:41 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރީގެ ރައީސް ޔާމީން: ޕާސްޕޯޓް ހިފަހައްޓަން ވަނީ އެދިފައި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ޔާމީން ފިލަން އުޅޭ ކަމުގެ ތުހުމަތުކޮށް ޕާސްޕޯޓް ހިފަހައްޓަން އެދިއްޖެ

6 ޑިސެންބަރު 2021 - 10:41 1

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ހެކި އެބަހުރި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ފައިސާއަށް ހިޔާނަތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އަދި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލާގައި ހަތް ދުވަހަށް ޔާމީން ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ.

ފުއްގިރި މައްސަލާގައި ކޯޓުން އެ އަމުރު ނެރުނީ ގއ. ވޮޑުމުލާ މައްސަލާގައި ޔާމީންގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައި އޮތް މަނީލޯންޑްރިންގެ ކުށުގެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ހުކުމެއް ނޫން ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާއެކު ޔާމީން މިނިވަންވުމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުއްގިރި މައްސަލައިގެ ތެރެއިން ފުލުހުން މިހާރު ވަނީ އެދިފަ އެވެ. އެހެންވެ, އެކަމާ ގުޅޭ ގޮތުން މިއަދު ވަނީ ވާހަކަ ދެއްކުމަށް މިއަދު ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.

އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވި ގޮތުގައި, ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން އެދެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ)ގައި ބުނާ ކަންކަން ފުރިހަމަވާތީ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ)


ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމަ އެވެ. 1. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން؛ 2. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން؛ 3. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

ވަކީލް ވިދާޅުވި ގޮތުގައި, ޔާމީންގެ މައްޗަށް އުފުލާފައިވާ ބޮޑު ދެ ދައުވާއަކާ ގުޅިގެން ވެސް އެކަށީގެންވާ ހެކިތައް ދައުލަތުގައި އެބަ ހުއްޓެވެ. އަދި ޔާމީނަކީ މިހާރު މިނިވަނަކަށްވާއިރު ރާއްޖޭން ބޭރަށް ފިއްލަވަން އުޅުއްވާ ކަމުގެ ހެކިތައް ވެސް ލިބިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި, މިފަދަ މައްސަލަތަކުގައި އެކުގައި ކުށްކުރި މީހުން އަމަލުކޮށްފައިވާ ގޮތް ބަލަން ޖެހެ އެވެ. އެގޮތުން, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ތަހުގީގަށް ފިލަން މަސައްކަތް ކުރި މީހެއް ކަމާއި އެކަމުގައި އޭނާއާ ދެކޮޅަށް ދައުވާ ވެސް ކުރިކަން ފާހަގަ ކުރެއްވި އެވެ.

ޔާމީނަކީ ރާއްޖޭން ބޭރަށް ދިޔުމުގެ ވަސީލަތްތަކާއި އެ ކަނެކްޝަންތައް ވެސް ހުންނާނެ ބޭފުޅެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އެކަން ސާބިތުކުރުމަށް ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމެންޓްތައް ވެސް ހުށަހެޅި އެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހާ ބޭރަށް ގޮސްފިނަމަ އޭނާ އަނބުރާ ގެނައުމަކީ އުނދަގޫ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ވަކީލް ފާހަގަ ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ނުގެނެވިގެން އުޅޭ މައްސަލަ އެވެ.

ދައުލަތުން ފާހަގަކުރި ކަންކަމަށް ރައްދު ދިނުމަށް ޔާމީންގެ ފަރާތުން އުޒުރުވެރިވި އެވެ. ޔާމީންގެ ވަކީލް އަބްދުالله ޝިޔާޒު ވިދާޅުވި ގޮތުގައި ދައުލަތުން ފާހަގަކުރި ނުކުތާތަތަކާއެކު ފޯމް ލިބުނީ މިއަދު އެވެ. އެހެންވެ އެކަށީގެންވާ ގޮތެއްގައި ދިރާސާކުރެވިފައިނުވާތީ އެހެން އަޑުއެހުމަކަށް ފަސްކޮށްދިނުމަށް އެދުނެވެ. ނަމަވެސް, ދައުލަތުން ބުނި ގޮތުގައި ފޯމްގައި އިތުރު އާ ވާހަކަތަކެއް ނެތް ކަމާއި އެހެންވެ މިއަދުގެ އަޑުއެހުމުގައި ވެސް ވާހަކަ ދެއްކޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް, ދައުވާ ލިބޭ ޔާމީން ވިދާޅުވި ގޮތުގައި އެެމަނިކުފާނު ފިލައިގެން ރާއްޖޭން ބޭރަށް ދާން އުޅޭ ކަމަށް ބުނެ ދައުލަތުން ކުރީ ބޮޑު ތުހުމަތެއް ކަމާއި އެހެންވެ އެކަމުގައި ދައުލަތުގެ އަތުގައި ހުރި ހެކިތަކަކީ ކޮބައިތޯ ބަލައި އެކަން ދިރާސާކުރުމަށް ބޭނުންވެ އެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ފިލައިގެން ދާން ކުރި މަސައްކަތެއް ނޯންނާނެ އެވެ.

"އެހެންވެ އެއާ ބެހޭ އެއްވެސް ވާހަކައެއް މި ފޯމަކު ނެތް, އެހެންވީމަ ފުލުހުންނަށް ލިބިފައިވާ ތި ހެކިތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްޗަކަށް ނުވާއިރު އަޅުގަނޑު ބޭނުންވޭ އެ ހެކިތައް އަޅުގަނޑަށް އެނގެން, މި ހެކިތައް ނުލިބިއެއް އަޅުގަނޑުމެންނަށް ދިރާސާއެއް ނުކުރެވޭނެ," ޔާމީން ވިދާޅުވި އެވެ.

"ވަަރަށް ކޮށްގެން ނުވާނެ ތުހުމަތެއް ފުލުހުން އެ ކުރީ,"

ނަމަވެސް, ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީން ފިލައިގެން ރާއްޖޭން ވަޑައިގަންނަވަން އުޅޭ ކަމުގެ ހެކިތައް ހުށަހަޅާފައިނުވާ ކަމާއި މި ހާލަތުގައި އެ ހެކިތައް ހުށަހަޅަން ވެސް ނުޖެހޭ ކަމަށެވެ. ދައުލަތުން ސާބިތުކޮށް ދޭން މިންގަނޑަކީ ދައުވާއަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމާއި އެމީހަކު ފިލައިގެން ގޮސްދާނެ ފަދަ ސަބަބެއް އޮތްކަން ކަމަށެވެ.

އެގޮތުން, ޔާމީން ފިލައިގެން ގޮސްދާނެ ކަމުގެ ސަބަބު އޮތްކަން ދައުލަތުން ސާފުކޮށްދީފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން އެ ހިސާބުން މައްސަލަ ބައްލަވާ ގާޒީ, އިސްގާޒީ އަހުމަދު ޝަކީލް ނިންމަވާލެއްވި އެވެ. އަދި މިއަދު ހަވީރަށް ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ތާވަލުކުރި އެވެ.