Advertisement

ބޮޑު ހިޔާނާތުން ދިފާއުވާން ރިޒާ ހެކި އުފައްދާ، ފޯޖުކުރިކަން ހާމަވެއްޖެ

6 ޑިސެންބަރު 2021 - 11:54 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކްރިކް ރިޒާ: ބޮޑު ހިޔާނާތުން ދިފާއުވާން ހެކި އުފައްދާ ފޯޖުކުރިކަން ހާމަވެއްޖެ --


ބޮޑު ހިޔާނާތުން ދިފާއުވާން ރިޒާ ހެކި އުފައްދާ، ފޯޖުކުރިކަން ހާމަވެއްޖެ

6 ޑިސެންބަރު 2021 - 11:54 0

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިން ސަލާމަތްވުމަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކްރިކް ރިޒާ ހެކި އުފައްދައި، ފޯޖުކޮށްގެން ޝަރީއަތަށް ހުށަހަޅާފައިވާކަން ހާމަވެއްޖެ އެވެ.

ޝަރީއަތުގެ ކުރީގެ މަރުހަލާގައި މަޑުޖެހިފައި އޮތް މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމާމެދު މި މައްސަލަ ބައްލަވަމުން ގެންދަވާ އެ ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް އަދި ގޮތެއް ނުނިންމަވަ އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ހާމަކުރުމެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ޝަހުމާ ވަނީ ކްރިކް ރިޒާ ދިފާއުގައި ހުށަހެޅި ބައެއް ހެކިތައް ޝަރީއަތަށް ބަލައިގަތުމާމެދު އިއުތިރާޒު ކުރައްވާފަ އެވެ. އަދި އެ ހެކިތައް ބަލައިނުގަތުމަށް އެދި، އެފަދައިން ހުށަހެޅި ސަބަބުތައް އެ އަޑުއެހުމުގައި އޭނާ ހާމަކުރެއްވި އެވެ.

ރިޒާއަށް ކުރާ ދައުވާގެ ދިފާއުގައި ހުށަހެޅި ދެ ހެއްކަކާ ގުޅިގެން ދައުލަތުން ސުވާލު އުފައްދާފައިވާއިރު، ވަކީލް ޝަހުމާ ވަނީ އެ ދެ ހެއްކަކީ އޭ އެންޑް އޭ ކިޔާ ކުންފުންޏަކާއެކު 1.5 މިލިއަން ޑޮލަރުގެ ސައްހަ ވިޔަފާރީއެއް ކުރިކަން ދެއްކުމަށް، އޮޅުވައިލައިގެން ފޯޖުކޮށް، އުފައްދާފައިވާ ހެއްކެއްކަން ޝަރީއަތަށް ސާފުކޮށް ދެއްވާފަ އެވެ.

މަނީލޯންޑްރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ރިޒާއަށް ކޮށްފައިވާއިރު، އޭ އެންޑް އޭ އާއެކު 1.5 މިލިއަން ޑޮލަރުގެ މުއާމަލާތެއް ހިނގާފައި ވަނީ ކޮންސަލްޓެންސީ ރިޕޯޓެއް ތައްޔާރު ކުރުމަށް ކަމަށް އޭނާ ބުންޏެވެ. އެ ފައިސާ ހަރަދުވެފައިވާ ގޮތް ހާމަކުރުމަށްޓަކައި ރިޒާ ވަނީ އެ ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި ކުރި ދަތުރުތަކެއްގެ ބިލުތަކަކާއި، އޭ އެންޑް އޭއާ ދެމެދު އީމެއިލްގެ ޒަރިއްޔާއިން ކޮށްފައިވާ މުއާމަލާތްތައް ރަމްޒުކޮށްދޭ ލިޔުންތަކެއް ހުށަހަޅާފަ އެވެ.

ބޮޑަށް ބުރަވެވެނީ އިންވޮއިސްތަކެއް އުފައްދާ ފޯޖް ކުރި ކަމަށް

ރިޒާއަށް ކުރި ދައުވާގެ ޖަވާބު ފޯމުގައި އޭނާގެ ފަރާތުން ބުނެފައި ވަނީ އޭ އެންޑް އޭ ކުންފުނީގެ ކޮންސެލްޓެންސީ ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި، ގިނަ މައުލޫމާތުތަކެއް ހޯދާ އެއްކުރުމަށް، އެކި ދަތުރުތައް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރީ ދައުވާ ރައްދުވާ ރިޒާ ކަމަށެވެ.

މިފަދައިން ޖަވާބު ފޯމުގައި އޮތުމުން ދައުލަތުން ގަބޫލުކުރީ އެ މައުލޫމާތުތައް ހޯދުމަށް ދަތުރުކުރީ ރިޒާ ކަމަށެވެ. އެހެންކަމުން ރިޒާއަށް ކުރި ދައުވާތަކުގެ ދިފާއުގައި ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ބެލީ އެ ދުވަސްތަކުގައި ރިޒާ ދަތުރުކޮށްފައި ވޭތޯ ނުވަތަ ނޫންތޯ އެވެ.

ހަތަރު އިންވޮއިސްއެއް ހުށަހަޅާފައިވާއިރު، އެއީ 2013-2015 އާއި ދެމެދުގައި ހިނގި މުއާމަލާތުތަކެވެ. އެ މުއްދަތުގައި އޭނާ ހުރީ އެސްޓީއޯގެ މެނޭޖަރެއްގެ މަގާމުގަ އެވެ. ދައުލަތުން ބެލީ އިންވޮއިސްތަކުގައިވާ ދުވަސްތަކުގައި ރިޒާ އޮފީހަށް ހާޒިރުވެފައިވޭތޯ ނުވަތަ ނޫންތޯ އެވެ.

އެގޮތުން ފުރަތަމަ އިންވޮއިސްގައި ވަނީ މާލޭން ނ. އަތޮޅަށް ފާމްސް މެރިން ޓެކްސީ ސާވިސެސް ކިޔާ ފެރީއަކުން ދަތުރު ކުރި ކަމަށެވެ. ދައުލަތުން ބުނީ އިންވޮއިސް ދޫކޮށްފައި ވަނީ 23 ޖޫން 2013 ގައި ކަމަށާއި، އެއަށް ފައިސާ ދައްކާފައިވަނީ އޭގެ ތިން ދުވަސް ފަހުން ކަމަށެވެ. އެހެން ނަމަވެސް އެސްޓީއޯގެ ހާޒިރީން ދައްކާ ގޮތުގައި އިންވޮއިސް ދޫކޮށްފައިވާ 23 ވަނަ ދުވަހު ވެސް އޭނާ އޮފީހަށް ނިކުމެފައިވާ ކަމަށާއި، އެމަހުގެ 25 ވަނަ ދުވަހު އޮފީސް ދަތުރެއްގައި ދިއުމަށްފަހު ޖެހިގެން އައި 26 ވަނަ ދުވަހު ވެސް އޮފީހަށް ނިކުތް ކަމަށެވެ.

ދެވަނަ ދަތުރު ކޮށްފައިވާކަމަށް އޮތީ އެކްސް ސްޕީޑް ކިޔާ ލޯންޗަކުން މާލޭން ރ. އަތޮޅަށެވެ. އެ ދަތުރުގެ ބިލް ދޫކޮށްފައި ވަނީ 6 މާޗް 2013 ކަމަށް ވީއިރު، އެ ދުވަހާ، ޖެހިގެން އައި ދުވަހުވެސް އެސްޓީއޯގެ ހާޒިރީން ދައްކާ ގޮތުގައި އޭނާ ވަޒީފާއަށް ހާޒިރުވެފައިވާކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އަދި ހަމަ އެ ލޯންޗުން 1 އޮކްޓޯބަރު 2013 ގައި ދަތުރެއް ކުރި ކަމަށް ބުނެ އިންވޮއިސްއެއް ހުށަހަޅާފައިވާއިރު، އެ ދުވަހާ ޖެހިގެން އައި ދުވަހު ވެސް ރިޒާ ވަޒީފާއަށް ނުކުތް ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހަތަރުވަނަ އިންވޮއިސްގައި މާލޭން ރ. އަތޮޅަށާއި، ބ. އަތޮޅަށް 17 ޖުލައި 2013 ގައި ދަތުރު ކުރިކަން އެނގޭއިރު، އެ ދުވަހު އޭނާ ވަޒީފާއަށް ނިކުތްކަން އެސްޓީއޯގެ ހާޒިރީން އެނގެ އެވެ. އެ ބިލަށް ފައިސާ ދައްކާފައި ވަނީ އެ މަހުގެ 25 ވަނަ ދުވަހު އެވެ. ދައުލަތުން ބުނީ އިންވޮއިސް ދޫކުރި ތާރީހުން ފެށިގެން، އެއަށް ފައިސާ ދެއްކުމަށް ހޭދަވި މުއްދަތުގައި އޭނާ ދަތުރު ކުރި ކަމަށް ބުނުމުގެ ޖާގަވެސް ނެތް ކަމަށެވެ. އެއީ 21-24 ވަނަ ދުވަހަށް އޭނާ ވަޒީފާއަށް ނިކުމެފައިވާކަން އެސްޓޯއޯގެ ހާޒިރީން އެނގެން އޮތުމުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރިޒާ ބުނެފައިވަނީ އޭނާގެ މެއިލް އިންބޮކްސް ފުރުމުން މި އިންވޮއިސްތައް ޑިލީޓްކޮށްލާފައިވާތީ ޝަރީއަތަށް ހުށަހަޅުމަށްޓަކައި، އެ އިންވޮއިޒްތައް ހޯދީ ހިދުމަތް ދިން ފަރާތުގެ އަތުން ކަމަށެވެ. އެހެންނަމަވެސް އެ ލޯންޗުތައް އޮޕަރޭޓް ކުރާ ކުންފުނިތަކުން ގަވާއިދުން ޓެކްސް ދައްކާފައި ނުވާކަން މިީރާގެ ތާފާސްހިސާބުތަކުން އެނގޭ ކަމަށާއި، ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު، ކުރީގެ ލިޔެކިޔުންތަކެއް ފައިލްކޮށް ރައްކާކުރާނެ ކަމުގައި ގަބޫލުކުރަން ދަތި ކަމަށް ދައުލަތުން ވިދާޅުވި އެވެ.

އަދި މި އިންވޮއިސްތައް ވަކިވަކިން އޭ އެންޑް އޭއަށް ހުށަނާޅާކަމަށް ރިޒާ އެއްބަސްވެފައިވާއިރު، އެއީ ފޯޖްކޮށްފައިވާ ބިލުތަކެއް ކަމުގައި ދައުލަތުން ގަބޫލުކުރެ އެވެ. އެހެންވެ އެ ހެކިބަސް ޝަރީއަތަށް ބަލައިގަތުމަށް ދައުލަތުން އިއުތިރާޒު ކުރި އެވެ.

މެއިލްތައް ޕްރިންޓް ކުރި ތާރީހާ މެދު ވެސް ސުވާލު އުފެދޭ

ރިޒާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީއަކާއި، އޭ އެންޑް އޭ ކުންފުންޏާ ދެމެދު ކުރި މުއާމަލާތަކީ ސައްހަ ވިޔަފާރިއެއްކަން ކަށަވަރު ކުރުމަށް އޭނާ ދިފާއުގައި ދެން ހުށަހެޅީ ބައެއް މެއިލްތަކުގެ ސްކްރީންޝޮޓްތަކެކެވެ. އެ ލިޔުންތަކުގައި މެއިލް ކުރި ތާރީހާއި، މެއިލް ލިބުނު ތާރީހާއި، އެ ޕްރިންޓު ކުރި ތާރީހު ޖަހާފައި އޮވެ އެވެ. 2013-2015 އާއި ދެމެދު ޖުމްލަ ހަ މެއިލްއެއް ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ކޮންމެ މެއިލްއެއްވެސް ޕްރިންޓް ކޮށްފައިވާ ވަނީ އެ އަހަރުގެ ތެރޭގައި ކަމަށް ދައުލަތުގެ ވަކީލް ޝަހުމާ ވިދާޅުވި އެވެ.

ނަމަވެސް އެ މެއިލްތަކުގެ ސްކީންޝޮޓް ހިމަނާފައިވާ ލިޔުންތަކުގައި ވަނީ 6 އޮކްޓޯބަރު 2020 ވަނަ އަހަރު ތައާރަފް ކުރި ޖީމެއިލްގެ އާ ލޯގޯކަން ދައުލަރުން ފާހަގަކުރެ އެވެ. އެހެންކަމުން ޕްރިންޓް ކޮށްފައިވާ ތާރީހާ މެދު ވެސް ދައުލަތުން ވަނީ ސުވާލު އުފައްދާ، ދައުލަތުން ވަނީ އެ ހެކިވެސް ބަލައިނުގަތުމަށް އެދިފަ އެވެ.

"2013، 2014، 2015 ގައި ޕްރިންޓް ކޮށްފައިވާ އީމެއިލްތަކެއްގައި 6 އޮކްޓޯބަރު 2020 ގެ ފަހުގެ ލޯގޯއެއް އޮންނަންވީ ސަބަބއެއް ދައުލަތަކަށް ނުވިސްނޭ," ޝަހުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މި ލިޔެ ކިޔުންތައް އުފައްދާފައިވާ ކަމަށާއި، ފޯޖްކޮށްފައިވާ ކަމަށް އިތުރަށް ބާރު ލިބެނީ ފުލުހުން ތައްޔާރު ކުރި ފޮރިންސިކް ރިޕޯޓުން ކަމަށެވެ.

ރިޒާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ބުނީ އޭ އެންޑް އޭ ކުންފުންޏާއި ރިޒާއާ ދެމެދު 1.5 މިލިއަން ޑޮލަރުގެ ވިޔަފާރީ މުއާމަލާތެއް ހިނގި ކަމަށް ދައްކަން ދިފާއުން އުޅުނު ނަމަވެސް، އެއީ އިގްތިސޯދީ ނަޒަރަކުން ބެލި ކަމުގައި ވީނަމަވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

އެގޮތުން ކުއްޔަށް ހިފާނެ ރަށެއް އިހްތިޔާރު ނުކޮށް، އެރަށް ލިބޭނެ އިންތިޒާމްތައް ކަށަވަރު ނުކޮށް، އެރަށެއްގެ ލޭންސްކޭޕް ކުރަހާ ކޮންސަލްޓެންސީ ދިނުމުގެ ހިދުމަތަކަށް ފައިސާ ދެއްކުމަކީ އާންމު ވިސްނުމުން ވިސްނާއިރުވެސް، ހަމަޖެހޭ ވާހަކައެއް ނޫންކަން ޝަހުމާ ފާހަގަކުރެއްވި އެވެ.

"ދައުވާލިބޭ ރިޒާގެ ފަރާތުން މަސައްކަތްކުރަނީ ނުހިނގާ މުއާމަލާތެއް ހިނގި ކަމަށް ދައްކައި އެ ފައިސާއަކީ ވިޔަފާރީ ބޭނުމަށް ހިނގި ކަމެއްކަން ދައްކަން," ދައުލަތުގެ ވަކީލް ޝަހުމާ ވިދާޅުވި އެވެ.

މި މައްސަލާގައި މިއަދު މެންދުރަށް އަޑުއެހުމެއް ތާވަލް ކޮށްފައިވެ އެވެ. އެއަޑުއެހުމައި އޮންނާނީ ދިފާއުގެ ހުށަހެޅުންތަކާ ދައުލަތުގެ ތުހުމަތުތަކަށް ރައްދުދިނުމެވެ. މި ބަޔަށްފަހު، މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ގާޒީ ކަނޑައަޅުއްވާނެ އެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތައް

ކްރިކް ރިޒާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

ކުރިކް ރިޒާ އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.