Advertisement

ޔާމީނަށް ކުރާ އިތުރު ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

5 ޑިސެންބަރު 2021 - 19:16 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ރައީސް ޔާމީން: މިނިވަންވުމަށްފަހު ބޭއްވޭ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި -- ފޮޓޯ: އަދަދު


ޔާމީނަށް ކުރާ އިތުރު ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

5 ޑިސެންބަރު 2021 - 19:16 0

ގއ. ވޮޑަމުއްލާ މައްސަލައިގައި ދެ އަހަރު ބަންދުގައި ހުރުމަށްފަހު ސުޕްރިމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފާލާފައިވާ އެހެން ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 9:00 ގައި ތާވަލުކޮށްފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ބޭއްވޭ ޝަރީއަތުގެ އަޑުއެހުމެކެވެ. މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ވަނީ ގަބޫލުކޮށްފަ އެވެ.

އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

އެ ދައުވާގައި ދައުލަތުން އެދިފައިވަނީ ފުއްގިރި މައްސަލާގައި ހިޔާނާތްވެފައިވާ ކަމަށް ބުނާ 1،117،000 ޑޮލަރު ޔާމީންގެ އަތުން ހޯދުމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ވެސް ނެރިފައި އެވެ. އެ އަމުރު ނެރެފައި ވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

މި ދެ ދައުވާއިން ސަލާމަތްވުމަށް އެމަނިކުފާނުގެ ގެކޮޅު، ދޫވެހީގެ ސައްހަކަން ކަށަވަރު ކުރުމުގެ ހެއްކާއި ދިފާއީ ހެކިންގެ ގޮތުގައި ފަސް ޝަފަވީ ހެކިން ހިމެނޭ ގޮތަށް ޖުމްލަ 30 ހެއްކެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފަ އެވެ.

މުއާމަލާތުގެ ސައްހަކަން ސާބިތުކުރުމަށްޓަކައި ޔާމީންގެ ފަރާތުން ފުއްގިރި މައްސަލާގައި ދިފާއީ ހެކި ހުށަހަޅާފައިވީ ނަމަވެސް، މި މައްސަލާގައި ދައުލަތުން އެމަނިކުފާނުގެ ގެ ނެގުމާ ގުޅޭ ގޮތުން ނުވަތަ އެ ގެއާ ގުޅޭ ކަމެއް ދައުވާގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މަނީ ލޯންޑްރިންގެ މައްސަލަތަކުގައި ގެދޮރާއި މުދާ ފަދަ ތަކެތި ދައުލަތަށް ނެގިދާނެ އެވެ.

މީގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށްބުނެ އިތުރު ދައުވާއެއް ކޮށްފައި ވެއެވެ. މި މައްސަލައިގެ އަޑުއެހުންތަކެއް އަދި ނުފެށެ އެވެ.