Advertisement

ކްލަބް މޯލްޑިވްސް: ގަދަ 16 ބުރުގައި ފެނަކަ އާއި ސްޓެލްކޯ، ދިރާގާއި ރޯޑުގެ ކުރިމަތިލުމެއް

5 ޑިސެންބަރު 2021 - 18:03 0

ފެނަކަ ޓީމުގެ އަޔާ (ވ) އަތުން ބޯޅަ ހޯދަން އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ ސިއާދު މަސައްކަތް ކުރަނީ


ކްލަބް މޯލްޑިވްސް: ގަދަ 16 ބުރުގައި ފެނަކަ އާއި ސްޓެލްކޯ، ދިރާގާއި ރޯޑުގެ ކުރިމަތިލުމެއް

5 ޑިސެންބަރު 2021 - 18:03 0

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ދެ ވަނަ ބުރުގައި ޓީމު ފެނަކަ އާއި ސްޓެލްކޯ ކްލަބް ކުޅޭއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ދިރާގާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ގަދަ 16 ބުރުގެ މެޗުތައް ކަނޑައެޅީ އޯޕަން ޑްރޯއަކުންނެވެ. މިއަދު ހުޅުމާލޭގައި ކުރިއަށްދިޔަ ގުރުއަތުލުމުގެ އިވެންޓްގައި ޓީމުތަކުގެ އިސް އޮފިޝަލުން ބައިވެރިވި އެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ތިން މެޗުން މޮޅުވެގެން ހަތަރު ޓީމެއް ފުރިހަަމަ ރެކޯޑަކާ އެކު ދެ ވަނަ ބުރަށް ދަތުރުކުރި އެވެ. އެއީ ވެމްކޯ، އެޗްޑީސީ، އެމްޕީއެލް އަދި އެސްޓީއޯ އެވެ.

ގަދަ 16 ބުރުގެ މެޗުތައް:

* މެޗު 1: ޕްރިޒަން ކްލަބް - ޕޮލިސް

* މެޗު 2: އެމްއޭސީއެލް - އެމްޓީސީސީ

* މެޗު 3: އެޗްޑީސީ - ދިވެހި ސިފައިންގެ ކްލަބް

* މެޗު 4: ވެމްކޯ - އެފްއެސްއެމް

* މެޗު 5: އެމްޕީއެލް - އުރީދޫ

* މެޗު 6: ދިރާގު - އާރްއާރްސީ

* މެޗު 7: އެސްޓީއޯ - ޓްރޭޑް ކްލަބް

* މެޗު 8: ފެނަކަ - ސްޓެލްކޯ

މީގެ ތެރެއިން ފެނަކަ އާއި ސްޓެލްކޯގެ މެޗު ހާއްސަވާނެ އެއް ކުޅުންތެރިއަކީ ފެނަކަ ޓީމަށް މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔާޒް އަހުމަދު (އަޔާ) އަށެވެ. މުބާރާތުގެ ދެ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު މި ފަހަރު ހޯދި އަޔާ ވަނީ މީގެ ކުރިން ސްޓެލްކޯ އަށް ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފަ އެވެ.

މެޗަކުން ބަލިނުވެ، ދެ ވަނަ ބުރަށް ދަތުރުކުރި ޕޮލިހުން ޕްރިޒަންއާ ކުޅެން ޖެހުނުއިރު، ދެ ޓީމުގެ ބެންޗުގައި ހުރީ ފުޓްސަލްގައި މަޝްހޫރު ދެ ކޯޗުންނެވެ. ޕޮލިހުގެ ކޯޗަކަށް ހަސަން ހަމީދު (ޑަކޭ) ހުރިއިރު، މުހައްމަދު ޝާހީން އެވެ.

ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި އެޗްޑީސީ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. މެޗަކުން ބަލިނުވެ، ވަރުގަދަ ފޯމަކާ އެކު ދެ ވަނަ ބުރަށް އައި އެސްޓީއޯ އިން މި ބުރުގައި ކުޅޭ ޓްރޭޑް ކްލަބް ވެސް އަންނަނީ ޒުވާން ކުޅުންތެރިންނާ އެކު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފުޓްސަލްގައި ކާމިޔާބު ކޯޗެއް ކަމަށްވާ އަހުމަދު ނިޔާޒް (ނިޔާ)ގެ އިރުޝާދުގެ ދަށުން ގިނަ ފުޓްސަލް ތަރިންނާ އެކު ކުޅެމުން އަންނަ ވެމްކޯ ޓީމު ދެ ވަނަ ބުރުގައި ކުޅޭނީ އެފްއެސްއެމްއާ އެވެ. އެފްއެސްއެމް ޓީމުގައި ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި އެކި ޓީމުތަކަށް ކުޅުނު ކުޅުންތެރިން ހިމެނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް ކަޓުވާލައި ދެ ވަނަ ބުރަށް ދަތުރުކުރި އާރްއާރްސީން މި ބުރުގައި ކުޅޭ ދިރާގު ދެ ވަނަ ބުރަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އާރްއާރްސީ ޓީމުގެ ކެޕްޓަނަކީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ދިރާގު ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަނީ ކުރިން އިމިގްރޭޝަނަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) އެވެ.

ތިން މޮޅާ އެކު ދެ ވަނަ ބުރާ ކުރިމަތިލާ އެމްޕީއެލް އިން މި ބުރުގައި ކުޅެން ޖެހޭ އުރީދޫ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އުރީދޫ ބަލިކުރި އެމްއޭސީއެލް ދެ ވަނަ ބުރުގައި އެމްޓީސީސީއާ ކުޅޭއިރު، އެމްޓީސީސީ ފެންނަނީ މެޗަކަށް ފަހު މެޗެއް ވަރުގަދަ ކޮށެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ އަންގާރަ ދުވަހުގެރޭގަ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ ހަތަރު މެޗު އެރޭ ކުޅޭއިރު، ބާކީ ހަތަރު މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގަ އެވެ.