Advertisement

މާލޭގައި ކައިވެނި ޕާޓީ ބާއްވަން އެންމެ ރީތި ފަސް ތަނެއް

9 ޑިސެންބަރު 2021 - 07:52 2

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


މާލޭގައި ކައިވެނި ޕާޓީ ބާއްވަން އެންމެ ރީތި ފަސް ތަނެއް

9 ޑިސެންބަރު 2021 - 07:52 2

އަހަރުގެ ބޮޑު ޗުއްޓީއާ އެކު ކައިވެނި މޫސުން ލަފާކުރެވުނީ އެވެ. އެކަމަކު، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އުފެއްދި ނެޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބޭނުމަށް ދަރުބާރުގެ އެ އޮތީ ހިފާފަ އެވެ. އެންމެ ޑިމާންޑު ބޮޑު 'ދަރުބާރު' ޕާޓީ ބާއްވަން އަނެއްކާ ވެސް ހުޅުވާލާނެ ދުވަހެއް ނުވެސް އެނގެ އެވެ.

ސުވާލަކީ، ދަރުބާރުގެ ލިސްޓުން ކަޓާފައި އޮތް މި ދުވަސްކޮޅު ވެޑިން ޕާޓީ ބާއްވަން ދެން ހުރީ ކޮން ތަންތަނެއް ހެއްޔެވެ؟

ވެޑިން ޕްލޭނިންއާ ޑެކަރޭޓް ކުރުމުގެ ހިދުމަތްދެމުންގެންދާ ފަރާތްތަކުގެ ހިޔާލާއެކު މި ހިމަނާލަނީ މިވަގުތު މާލޭގައި ވެޑިންއެއް ބާއްވަން ބޭނުންނަމަ އެންމެ ކަމުދާ ފަސް ލޮކޭޝަނެވެ.

ލޮކޭޝަން: ލޮނުޒިޔާރަތް ޕާކު -- ފޮޓޯ: ޒިޕޯ ފޮޓޯގްރާފަ


1. ލޮނުޒިޔާރަތް ޕާކު

މުޅި މާލޭ ސަރަހައްދުގައި ވެސް މިވަގުތު އޮތް އެންމެ ހިތްގައިމު އެއް ޕާކަކީ ލޮނުޒިޔާރަޔް ޕާކެވެ. ލިސްޓުގެ އެއްވަނަ މިތަނަށް ދޭންޖެހޭ ސަބަބުތައް ތިރިއަށް މި ގެންނަނީ އެވެ.

ޖާގަ އަށް ބެއްޔަސް، ދުވާލު ނުވަތަ ރޭގަނޑުގެ ޕާޓީއަކަށް ވެސް މިތަނަކީ އެންމެ ހިތްގައިމު އެއް މަންޒިލެވެ. ތަފާތު އެކި ބާވަތްތަކުގެ މާމެލާމެއްޔާ ގަސްތަކުން މުޅި ޕާކަށް ދިރުން ލިބިފައިވާއިރު, މިއީ އަމިއްލަ ޒާތުގައިވެސް މިފަދަ އުފާވެރި މުނާސަބަތެއްގެ ހައިބަތު ގެނުވައިދޭ ފަދަ ހާއްސަ ތަނެއް ކަަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވެޑިން ޕްލޭނަރު ގޯބިގް އިން ބުނެ އެވެ.

މީގެ އިތުރުން ލޮނުޒިޔާރަތް އެންމެ ހާއްސަވާ އެއް ސަބަބަކީ ތަނުގެ ޖާގައިގެ ބޮޑުކަމާއި, ކުރެވޭ ބޭނުންތައް ގިނަ ކަމެވެ. ޕާކުގެ ސަރަހައްދުތަކުގެ ތެރެއިން "ކަސްރަތު ފެހި" ގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދުގައި އެއްފަހަރާ 250 އަށްވުރެ ގިނަ މީހުންނަށް ކޭޓާ ކުރެވެ އެވެ. އަދި ބޮޑު ބުފޭއަކާއި އެކު ކޮފީބާ އެއްވެސް ބެހެއްޓޭނެހާ ފުރިހަމަ ޖާގައެއް އޮވެ އެވެ. މިތަނުގަައި ޕާޓީ ބޭއްވުމަުގެ ހުއްދަ ދޭނީ ސިޓީ ކައުންސިލް އިންނެވެ.

ލޮކޭޝަން : މެންހަޓަން ބިޒްނަސް ހޮޓެލް --ފޮޓޯ:ޒިޕޯ ފޮޓޯގްރާފަ


2. މެންހަޓަން ބިޒްނަސް ހޮޓެލް އިންޑޯ ހޯލް

ގިނަބަޔަކަށް މިތަން އެނގިފައި އޮންނާނީ ކުރިން ގައުމީ ޔުނިވާސިޓީގެ ބައެއްގެ ގޮތުގަ އެވެ. ޕާޓީތަކާއި ހަފްލާތަކައް ދޫކުރާ ދެ ހޯލެއް މިތަނުގައި ވެ އެވެ. އެއްފަހަރާ 180 މީހުންގެ ޖާގަ އޮންނަ މި ލޮކޭޝަންއަކީ މިވަގުތު ދެވަނަ ދަރުބާރުގެ ކަމުގައި ވެޑިން ޑެކަރޭޓް ކުރާ ގިނަ ފަރާތްތައް ބުނެ އެވެ. މިގޮތުން ދެ ހޯލްގައިވެސް ހުދު ފޮތި ދަމާ ފަރުނީޗަރުތައްވެސް ހުރުމަކީ މިތަނުގައި ޕާޓީއެއް ބާއްވަން އިތުރަށް ފަސޭހަވާ ކަމެކެވެ. މެންހަޓަން ބިޒްނަސް ހޮޓެލުގައި ޕާޓީ ބާއްވާނަމަ މިތަނުގެ އަމިއްލަ ކޭޓަރިން ހިދުމަތް ކަމުގައިވާ "ސިލްވާ ކޭޓަރިން" ލިބެން ހުންނާނެ އެވެ.

ލޮކޭޝަން: ސްކައިފޯލް މޯލްޑިވްސް --ފޮޓޯ:ޒިޕޯ ފޮޓޯގްރާފަ


3. ސްކައި ފޯލް މޯލްޑިވްސް

ވަށައިގެންވީ ވިލު ނޫ ކުލައިގެ މާސިންގާ ކަނޑާއި, ސިނަމާލެ ބްރިޖުގެ ޗާލުކަން އެންމެ ފުރިހަމައަށް ފެންނަން ހުރި ސްކައި ފޯލް ރެސްޓޯރެންޓްއަކީ ވެސް ކައިވެނި ޕާޓީ ބޭއްވުމަށް މިއަދު ވަރަށް މަގުބޫލު ލޮކޭޝަނެކެވެ. ޖާގައިގެ ގޮތުން އެންމެ ތަނަވަސް ނުވިއަސް, ތަނުގެ މީރު ކެއުމާއި މާހައުލުގެ ހިތްގައިމު ކަމުން މުޅި ޕާޓީގެ ރޫހު ބަދަލުކޮށްލާނެ އެވެ. ސްކައިފޯލްގައި އެއްވަގުތެއްގައި ހިދުމަތްދެވޭނީ 100 މީހުންނަށެވެ.

ލޮކޭޝަން: ސޮލައިޓް --ފޮޓޯ:ޒިޕޯ ފޮޓޯގްރާފަ


4. ސޮލައިޓް ރެސްޓޯރެންޓް

ޕާޓީތަކާއި ހަފްލާތަކަށް މިއަދު އެންމެ ޑިމާންޑް ބޮޑުވަމުންދާ އެއް ތަނަކީ ސޮލައިޓް ރެސްޓޯރެންޓް އެވެ. މި ރެސްޓޯރެންޓްގެ ނުވަވަނަ ފްލޯގައިވާ އިންޑޯ ހޯލާއި, 10 ވަނަ ފްލޯގައިވާ ރެސްޓޯރެންޓްގެ އިތުރުން 11 ވަނަ ފްލޯގެ ޓެރަސްވެސް ޕާޓީތަކަށް ދޫކުރެ އެވެ. މާހައުލުގެ ހިތްގައިމު ކަމުގެ އިތުރަށް ސޮލައިޓްގެ ކެއުމުގެ ފުރިހަމަކަމަކީ ގިނަ ބަޔަކު މިތަން އިހްތިޔާރު ކުރާ އެއް ސަބަބެވެ, ސޮލައިޓްގެ ތިން ފްލޯގައި އެއްވަގުތެއްގައި 200 މީހުންނަށް ކޭޓާ ކުރެވޭނެ އެވެ.

ލޮކޭޝަން:ސޯލްޓް -- ފޮޓޯ:ޒިޕޯ ފޮޓޯގްރާފަ


5. ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް

ލޮކްޑައުންއަށް ފަހު ދިވެހިންގެ މެދުގައި އެންމެ މަގުބޫލުވި ވެޑިން ލޮކޭޝަން އަކީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ކައިވެނި ޕާޓީއަށް ސޯލްޓް ބުކް ކުރާނަމަ ސޯލްޓްގެ ހަތް ވަނަ ފްލޯގައި ހުންނަ ޓެރަސްއާ, ފަސް ވަނަ ފްލޯގައި ހުންނަ އިންޑޯ ހޯލް އަދި ހަވަނަ ފްލޯގެ ރެސްޓޯރެންޓް ގެ އިތުރުން ކައިވެނި ޕާޓީގެ ބޭނުންތަކަށް ތިން ވަނަ ފްލޯވެސް އެކުއެކީ ލިބެން ހުންނާނެ އެވެ. ގިނަ ފަރާތްތަކަށް ސޯލްޓް އެންމެ ކަމުދާ ސަބަބަކަށްވެފައި އޮންނަނީ ޓެރަސްގެ ވިއު އެވެ.

ސޯލްޓްއަކީ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ތަނަކަށް ނުވެދާނެ އެވެ. މިތަނުގައި އެއްފަހަރާ އެކޮމޮޑޭޓް ކުރެވެނީ 110 މީހުންނެވެ.