Advertisement

މަސްފެށުނުތާ ފަސް ދުވަސް، އެހާއަވަހަށް މަސްތުވާތަކެތީގެ ހަތަރު މައްސަލަ

5 ޑިސެންބަރު 2021 - 15:26 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބެލެވޭ ގެއެއް ފުލުހުން ބަލައި ފާސް ކުރަނީ: ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7000 ވުރެ ގިނަ މީހުން އުޅޭ -- ފޮޓޯ: އަދަދު ފައިލް


މަސްފެށުނުތާ ފަސް ދުވަސް، އެހާއަވަހަށް މަސްތުވާތަކެތީގެ ހަތަރު މައްސަލަ

5 ޑިސެންބަރު 2021 - 15:26 0

މަސްތުވާތަކެތީގެ މައްސަލަތަކުގައި އިއްޔެގެ ނިޔަލަށް މި ޑިސެމްބަރު މަހު އެކަނި ވެސް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ހައްޔަރު ކުރީ އެ އިދާރާގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ހިންގި އޮޕަރޭޝަންސްތަކެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ނ. މާޅެންދޫގެ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ވަނީ ސީންއަށް ގޮސް މައްސަލަ ބަލައި މީހަކު ހައްޔަރުކޮށްފަ އެވެ.

މި މަހުގެ ދެވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނާއި ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިނގުނު މި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ދިރިއުޅެމުން ދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކޮށް އެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ގޭތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު މާޅެންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީ މީދޫއަށް މަސްތުވާތަކެތި އެތެރެކުރަމުންދާ ކަމުގެ މައުލޫމާތު ރަށު ޕޮލިސް ސްޓޭޝަންއަށް ލިބުމާ ގުޅިގެން ފުލުހުން ވަނީ މި މަހު ތިން ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 55 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފަ އެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން ދެ މީހަކު ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު އެ މީހުންގެ އަތުން ފެނިފައިވާތީ އެ ދެ މީހުން ވެސް އައްޑޫއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ.

މި ފާއިތުވި ތިން އަހަރުގެ ތެރޭގައި 1000 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އަދި އެ ތަކެއްޗާ ގުޅުން ހުރި، މަސްތުވާތަކެތި ވިއްކާ ނެޓްވޯކުތަކުގެ ވެރިންގެ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނެތެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ.