Advertisement

"ގްރޭޓް ޕެސިފިކް ގާބޭޖް ޕެޗް" ގައި ކަނޑުގެ ދިރުންތައް އާލާވަނީ

5 ޑިސެންބަރު 2021 - 12:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގްރޭޓް ޕެސިފިކް ގާބޭޖް ޕެޗް: މި ތަނަކީ ޕެސިފިކް ކަނޑުގައި ދައުރުވާ އޮއެވަރާ އެކު ކުނިބުނި ގިނަ އަދަދަކަށް ޖަމާވަމުންދާ ހިސާބެއް. -- ފޮޓޯ: ދަ އޯޝަން ކްލީންއަޕް


"ގްރޭޓް ޕެސިފިކް ގާބޭޖް ޕެޗް" ގައި ކަނޑުގެ ދިރުންތައް އާލާވަނީ

5 ޑިސެންބަރު 2021 - 12:22 0

"ގްރޭޓް ޕެސިފިކް ގާބޭޗް ޕެޗް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެސިފިކް ކަނޑުގައި ކުނި ޖަމާވާ ސަރަހައްދުގެ ޕްލާސްޓިކްތަކުގެ ތެރޭގައި ކަނޑުގެ ދިރުންތައް އާލާވަމުންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އޭގެ ތެރެއިން ގިނަ ދިރުންތަކަކީ އާއްމުކޮށް އައްސޭރިފަށުގެ ހިސާބުތަކުގައި އާލާވާ ދިރުންތަކެވެ. ނަމަވެސް އެ މާހައުލާ އެތައް މޭލެއް ދުރުގައި ކެލިފޯނިއާ އާއި ހަވާއީއާ ދެމެދުގެ ހިސާބެއްގައިވާ ކުނިތަކުގެ ތެރޭގައި ދިރުންތައް ދަނީ އާލާވަމުންނެވެ.

ކުނިތަކުގެ 90 ޕަސެންޓުން ފެނިފައި ވަނީ ކަނޑުގެ ދިރުންތައް ކަމަށްވާ އެނިމޯންސް، ކުދި ސޫފި، މޮލަސްކް އަދި ކަކުނި ފަދަ ތަކެއްޗެވެ. ގުދުރަތީ މާހައުލަށް ގެއްލުން ކުރާ "އިންވޭޒިވް" ދިރުންތައް ގިނަ އަދަދަކަށް އެ ތަނުގައި އުފެދިދާނެތީ ސައިންސްވެރިން ކަންބޮޑުވެ އެވެ.

ކަނޑަށް ޖަމާވެފައި ހުރި ކުނީގެ ދިރުން އާލާވެފައި. -- ފޮޓޯ: ސްމިތްސޯނިއަން


ޕެސިފިކް ކަނޑުގެ އޮއެވަރާ އެކު ކުނި ޖަމާވާ ސަރަހައްދަށް އެއްވެފައިވާ ވަށުމިނުގައި ފަސް ސެންޓިމީޓަރު ހުންނަ ގިނަ ޕްލާސްޓިކް ތަކެތި ސައިންސްވެރިން ދިރާސާކުރި އެވެ. ޑރ. ލިންސީ ހަރަމް ވިދާޅުވީ ޕްލާސްޓިކަކީ އުމުރު ދިގު އެއްޗެކަށް ވާތީ، ދިރުންތަކަށް ދާއިމީ މާހައުލެއް ބިނާވަމުންދާ ކަމަށެވެ.

އެ ދިރާސާގައި ޑރ. ހަރަމް މަސައްކަތް ކުރީ ޔުނިވާސިޓީ އޮފް ހަވާއީގެ އޯޝެނޮގްރާފަރުންނާއި ކަނޑުގައި ހުންނަ ކުނި ސާފުކުރުމުގެ މަސައްކަތް ކުރާ އޯޝަން ވޮޔެޖަޒް އިންސްޓިޓިއުޓް ޖަމިއްޔާއާ އެކު އެވެ.

ކަނޑުގެ އޮއެވަރާ އެކު ކުންޏާއި ޕްލާސްޓިކް ތަކެތި ޖަމާވެފައިވާ ފަސް ސަރަހައްދެއް ވެ އެވެ. ޕެސިފިކް ކަނޑުގައިވާ "ގްރޭޓް ޕެސިފިކް ގާބޭޖް ޕެޗް" އަކީ އެންމެ ގިނަ ޕްލާސްޓިކް ޖަމާވެފައިވާތަނެވެ. 610،000 އަކަ މޭލުގެ ސަރަހައްދެއްގައި 79،000 ޓަނުގެ ޕްލާސްޓިކް ފެތުރިފައިވާ ކަމަށް ބެލެވެ އެވެ.

އެ ތަނަށް ޖަމާވާ ތަކެތީގެ ތެރޭގައި ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި މައިކްރޯ ޕްލާސްޓިކް ވެސް ހިމެނެ އެވެ. ނަމަވެސް ކަނޑަށް ދޫކޮށްލާ ނެޓުތަކާއި، ބުއޯއިތަކާއި ހަލާކުވެފައިވާ ބޯޓު ފަދަ ތަކެތި ވެސް ޖަމާވެފައި ވެ އެވެ.

ދިރާސާ ހެދި ސައިންސްވެރިން ބުނީ އެ ތަނުގައި "އިންވޭޒިވް" ދިރުންތައް އާލާވުމަކީ ޕްލާސްޓިކް ކުނީގެ ސަބަބުން ދުނިޔެ އަށް ދިމާވާނެ އިތުރު މައްސަލައެއް ކަމަށެވެ.

ކުރީގެ ދިރާސާތައް ދައްކާ ގޮތުން 2050 ވަނަ އަހަރު އަންނަން ވާ އިރަށް 25،000 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދޭނެ އެވެ.