Advertisement

މާއިޒު: ނުކުޅެދުންތެރިންގެ ހައްގުގައި އަޑުއުފުލާ ތަރިއެއް

5 ޑިސެންބަރު 2021 - 10:56 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު

މާއިޒު: އޭނާގެ އަސަރުގަދަ ވާހަކައިން އެންމެންގެ ހިތްތަކާ ކުޅެލި --


މާއިޒު: ނުކުޅެދުންތެރިންގެ ހައްގުގައި އަޑުއުފުލާ ތަރިއެއް

5 ޑިސެންބަރު 2021 - 10:56 1

"ކާކަށްތޯ އެނގޭނީ މާދަމާ ކަންވާނެ ގޮތެއް؟ އެކަކަށް ވެސް ނޭނގޭނެ. ތި ބޭފުޅުން މިފަދަ ގޮނޑިއެއްގައި އިންނަންޖެހޭ ދުވަހަކުން އެނގޭނީ އަޅުގަނޑުމެން މި އުފުލަނީ ކިހާ ބޮޑު ބުރައެއްކަން."

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑަ މިނިސްޓްރީން ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަމުން، 'ރިވެލި ތަރި 2021'ގެ އިނާމު ހާސިލުކުރި މުޙައްމަދު މާއިޒު އަސަރާއެކު ސުވާލުކޮށްލިއެވެ.

ހއ. އިހަވަންދޫ ސްކޫލުގެ ޑައިމަންޑް ކުލާހުގައި ތައުލީމު ހާސިލުކުރަމުންދާ މާއިޒަކީ އުފަންވީއިރު ވެސް ހިނގާ ބިނގާވެ އުޅުމަށް ދަތިތަތައް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. ވާހަކަދެއްކުމުގައި ވެސް ކޮންމެ ވެސް ވަރެއްގެ އުނދަގޫ ކަމެއް ތަހައްމަލު ކުރިނަމަވެސް، މާއިޒަކީ ވާހަކަދެއްކުންތެރި ކަމަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ.

އަސަރާ ޖަޒުބާތާއެކު ރޭގެ ހަފުލާގައި މާއިޒު ވަނީ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. ކުޅެދުންތެރިންގެ ކިބައިން ވަރަށް ގިނަ އެހެނަސް ކުދިކުދިން ކަންތައްތަކަށް އެދިފައެވެ. މިގޮތުން، މާއިޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ބޭނުންވާނެކަން ފާހަގަކޮށް އެކަން ކުރުމަށް އޭނާ ބާރު އަޅައިފައިވެއެވެ.

މާއިޒު އިހަވަންދޫ ސްކޫލުގެ އިސްވެރިންނާއެކު


"ކޮންމެ މީހަކީ ވެސް ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން ބޭނުންވާ މީހެއް. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިއްމު އެއްޗެއް. އަޅުގަނޑުމެން ކޮންމެ މީހަކަށް އެ ލޯތްބާއި އޯގާތެރިކަން ބޭނުންވާ ފަދައިން، އަދި އެއަށް ވުރެއް ބޮޑަށް، އަޅުގަނޑުމެންފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ތިޔަ ބޭފުޅުންގެ ފަރާތުން ލޯތްބާއި އޯގާތެރިކަމާއި އަޅައިލުމާއި އެހީތެރިކަން ބޭނުންވޭ." ފެންކަޅިވެ އިނދެ މާއިޒު ހިއްސާކުރިއެވެ.

މި އިސްލާމީ ދިވެހި މުޖުތަމައުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފަހިވެފައި ނުވާކަން ފާހަގަ ކުރަމުން މާއިޒުވަނީ އެ ފަދަ ފަހި ގޮތްތައް ހައްދަވާ ދެއްވުމަށް އެދިފައެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބޭނުންވާނެ މިސްކިތަށް ގޮސް ނަމާދުކުރަން. ހަމަ އެފަދައިން އަޅުގަނޑުމެން ވެސް ބޭނުންވޭ މިސްކިތަށް އަރައި ނަމާދުކުރެވޭނެ ގޮތްތައް ހުންނަން. އެހެންނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ދިވެހިރާއްޖޭގެ ވަރަށް މަދު މިސްކިތްތަކެއްގަ ނޫނީ އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ނެތްކަން." ތަޢުލީމީ ދާއިރާއިން ރިވެލި ތަރި އިނާމު ހާސިލުކުރި މާއިޒު ހިއްސާކުރިއެވެ.

މާއިޒު ފާހަގަކުރީ ރާއްޖޭގެ މިސްކިތްތައް ހެދިފައި ހުރި ގޮތުން ގިނަ މިސްކިތްތަކުގައި ފުރޮޅުލީ ގޮނޑީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް މިސްކިތް ކިތަށް ވަދެވޭނެ އިންތިޒާމުތައް ނެތް ކަމެވެ. ޖަމާއަތުގައި ނަމާދު ކުރުމަށް އެފަދަ ފަރާތްތަކަށް ރާއްޖޭގެ މާހައުލުތަކުގައި ފުރުސަތު ނެތްކަމެވެ. މިއީ މިއަދު މުޖުތަމައުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ގޮތުގައެވެ.

މާއިޒު ފާހަގަކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ހޯދައިދިނުމަށް އަޑު އުފުލާ އެ ފަދަ ފަރާތްތަކުގައި ޙައްޤުގައި ވަކާލާތު ކުރާ ދަރިވަރެއްގެ ގޮތުގައެވެ. ސްކޫލުގައި ބާއްވާ އެސެންބުލީތަކާއި އެކިއެކި ހަފުލާތަކުގައި ވެސް އޭނާއަށް ވާހަކަދެއްކުމުގެ ފުރުސަތު ފަހިކޮށްދެމުން ދެއެވެ. މީގެއިތުރުން، އެ ރަށުގައި ބާއްވާ ހަފުލާތަކާއި ބައެއް ހަރަކާތްތަކުގައި ޝަރަފުވެރިންގެ ގޮނޑިން ވެސް މާއިޒަށް ފުރުސަތު ފަހިކޮށްދެމުންދެއެވެ.

މާއިޒުގެ ވާހަކަތައް ކަނުލައި އަޑުއަހައިލުމުން އެ ވާހަކަތަކުގައި ހުރީ ހަރުދަނާކަން ސާފުވެއެވެ. އެފަދަ ކުދިންނާއި މީހުންނަށް މުޖުތަމައުތަކުން ވެފައިވާ އިހުމާލުތައް ރިވެލި ކުރުވައެވެ. އެކަން ހަނދާންކޮށްދެއެވެ. އޭނާ ވަކާލާތު ކުރަމުންދަނީ އޭނާއަށް ލިބެމުންދާ ފުރުސަތުތައް އެހެން މުޖުތަމައުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ފަހިވެގެން ދިޔުމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ޝުޢޫރު ފާޅުކުރުމަށް ރޭގައި ލިބުނު ފުރުސަތުގައި ވެސް އޭނާ އިސްކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު މުޖުތަމައާ ހަމަށް ފޯރުކޮށްދިނުމުގެ ވިސްނުމެވެ. އޭނާ ނަސޭހަތްތެރިވީ ކޮންމެ މީހަކު ވެސް އެފަދަ ކުދިންނާއި މީހުންނަށް އަޅައިލުމަށެވެ. އޯގާތެރިވުމަށެވެ.

"މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ މިއަދު ތިޔަ ބޭފުޅުންނަށް މިވަނީ ވަރަށް ބޮޑު ފުރުސަތެއް ދެއްވާފަ. އެއީ އަޅުގަނޑުމެން ފަދަ މީހުންނަށް ޚިދުމަތްކުރުން. މިއަދު މި ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ މާދަމާ ތިޔަ ބޭފުޅުން މިފަދަ ފުރޮޅުލީ ގޮނޑީގައި އިންނަށް ޖެހޭ ދުވަހު ތިޔަ ބޭފުޅުންނަށް މުޖުތަމަޢުގެ އަލައިލުމާއި އޯގާތެރިކަމާއި ލޯބި ލިބޭނެ. އެ ދުވަހުން ފިރުމާނެ އަތްތައް އިތުރުވާނެ." މާއިޒުގެ ހިތުގެ ޝުޢޫރުތައް އަސަރާއެކު ހިއްސާކޮށްލިއެވެ.

ރޭގެ ހަފުލާގައި މާއިޒުގެ ވާހަކަ ނިންމާލައިފައި ވަނީ އޭނާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކުރަމުންނެވެ. މިގޮތުން، އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ހުނަރުތައް ތަރައްޤީކުރުމަށް ވީ ޤުރުބާން ފާހަގަކޮށް އިހަވަންދޫ ސްކޫލުގެ އިސްވެރިންނަށާއި އެންމެހާ މުވައްޒަފުންނާއި ޓީޗަރުންނަށް ޚާއްޞަ ޝުކުރެއް އަދާކުރަމުންނެވެ.

މާއިޒުގެ އަސަރުގަދަ ވާހަކައަށް ފަހު ރައީސް ސްޓޭޖަށް އަރާވަޑައިގެން މާއިޒަށް ހިތްވަރު ދެއްވަނީ


އަސަރާއި ޖަޒުބާތުން ފުރިގެންވާ ވާހަކަ ނިންމާލަމުން ވެސް މާއިޒު އެދުނީ އެންމެ ކަމަކަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މުޖުތަމައުގެ ލޯތްބާއި އަޅައިލުން އިތުރު ކޮށްދިނުމަށެވެ. އެފަދަ މީހުންނާ ކުދިންގެ މައިންބަފައިންނަށް ހިތްވަރުދިނުމަށެވެ.

"މާތްﷲ ތިޔަ އިއްޒަތްތެރި ބޭފުޅުންނަކީ ނުކުޅެދޭ މީހުންނަށް އަޅައިލާ އެފަދަ ކުދިންނަށް އަޅައިލާ ބަޔަކު ކަމުގައި ލައްވާށި. އަޅުގަނޑުމެންގެ ބުރައުފުލަމުންދާ މައިންބަފައިންނަށް ހިތްވަރުދީ އެމީހުންގެ އާދޭހާއި އިހުސާސްތައް އަޑުއަހާ ބަޔަކުކަމުގައި ލައްވާށި. އަޅުގަނޑުމެން އެންމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކުކަމުގައި ލައްވާށި."

މާއިޒު އެދުނު ފަދައިން މިއަދު ތަހުޒީބީ ބަދަހި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދޭން ޖެހޭ މިންވަރު އިތުރުކުރާން ޖެހެއެވެ. އެފަދަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް މުޖުތަމައު އެކަތިގަނޑަކަށް ވާން ޖެހެއެވެ. ފިރުމުންތަކާ ހޭހަންކުރުން ގިނަވާން ޖެހެއެވެ. ފުރުސަތުފަހިކޮށްދީ ނުކުޅެދުންތެރިން ބާރުވެރިކުރުވާން ޖެހެއެވެ. އޭރުން، މާއިޒު ފަދައިން ނުކުޅެދުންތެރިންގެ ޙައްޤުގައި ވަކާލާތު ކުރާނެ އެތައް ތަރިންނެއް އުފެދިގެންދާނެއެވެ. ހަވާސާކުރެވިފައިވާ އެތައް ހުނަރުވެރިންނެއް ފާޅުވެ ހާމަވާނެއެވެ.