Advertisement

އަރަބިއްޔާ އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 5 އަހަރު: ރިޕޯޓު

5 ޑިސެންބަރު 2021 - 11:19 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި--- ފޮޓޯ: ޑރ. އިޔާޒް / ޓްވިޓާ


އަރަބިއްޔާ އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 5 އަހަރު: ރިޕޯޓު

5 ޑިސެންބަރު 2021 - 11:19 0

އަރަބިއްޔާ ސުކޫލުގެ އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ ފަސް އަހަރަށް ކަމަށާއި އެ އިމާރާތުގެ އެއްވެސް މަރާމާތެއް ކުރުމަށް ބަޔަކާ ހަވާލު ކޮށްފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އިން ބުނެފި އެވެ.

އަރަބިއްޔާ އިމާރާތުގެ ތަނބުތަކުން ބައިބައި ވެއްޓެމުން އަންނަ ކަމަށާއި އަދި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމާއެކު ރެކަމަންޑޭޝަންތަކެއް ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ރިޕޯޓުގައި ބުނެފައިވަނީ، ކޮންމެ ހަ މަހަކުން ސްޓްރަކްޗަރަލް އެސެސެމެންޓެއް ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކޮށްފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އެ އިމާރާތައް މިހާރު ލިބިފައިވާ ގެއްލުމަށް ބަލައި، 2-3 އަހަރުގެ ތެރޭގައި ބޮޑު މަރާމާތެއް ކުރަން ޖެހޭނެ ކަަމަށާއި މަރާމާތަށްފަހު ވެސް އެ އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 3-5 އަހަރު ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

"އިމާރާތުގެ މިހާރުގެ ހާލަތު، ލިބިފައިވާ ގެއްލުންތަކާއި އެ ތަނުން ފަހާގަވެފައިވާ އެކި މައްސަލަތަކަށް ބަލައި، އެ ސްކޫލު އިމާރާތަކީ ރައްކާތެރި ތަނެއް ނޫން. އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 3-5 އަހަރަށް،" ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު ސްކޫލުގެ ފެނުގެ މައްސަލަތަކާއި މުށިތައް ތަޅައިގެން ދިއުމާއި ކްލާސް ރޫމުތަކުގެ ފާރުތަކުގައި ރެނދު ލާފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ރިޕޯޓުގައި ލަފާދީފައި ވަނީ އެކަމަށް ގާބިލު އިންޖިނިއަރުން ލައްވާ މައްސަލަތައް ހައްލު ކުރުމަށެވެ.

މަރާމާތު ކުރުމަށް ހަވާލު ކުރަނީ ބޭރުގެ ކުންފުންޏަކާ!

މިނިސްޓްރީން ބުނީ މަރާމާތު ކުރުމަށް ހަވާލު ކުރަން ނިންމާފައި ވަނީ ބޭރުގެ ކުންފުންޏަކާ ކަމަށެވެ.

"ސްޓްރަކްޗަރަލް އެސެސްމެންޓަށް ތާޑް ޕާޓީއެއް ހަޔާ ކޮށްފައި ޕްލޭނިންގް މިނިސްޓްރީން އެ އެސެސްމެންޓް ވެރިފައި ކުރަން އޮތީ،" މިނިސްޓްރީން ބުންޏެވެ.

2013 ވަނަ އަހަރު ބޭނުންކުރަން ފެށި އެ އިމާރާތަށް މިހާބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އިމާރާތް ކުރުމުގެ ހުރި މައްސަލަތަކެއް ކަމަށްވެސް އެއް ބަޔަކު ވާހަކަ ދެއްކި އެވެ.

އެކަމާ ގުޅިގެން އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފައި ވަނީ އަރަބިއްޔާ އިމާރާތް ކުރަމުން ދިޔައިރުވެސް ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި އެ ކަންކަން ޕްރޮޖެކްޓް އެމްޕްލޯޔާއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ހުސްކުރަން އަންގައިފިނަމަ މިނިސްޓްރީގެ ދެ ޕްލޭނެއް

އަންނަ ޖެނުއަރީއަށް ނިންމުމަށް ދީފައިވާ އެ ސްޓްރަކްޗަރަލް އެސެސްމެންޓަށްފަހު އަރަބިއްޔާ އިމާރާތަކީ ކުދިންނަށް ރައްކާތެރި އިމާރާތެއް ނޫން ކަމަށް އަންގައިފިނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެ ޕްލޭންގައިވާ ކަންކަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާ ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން, މިނިސްޓްރީން ހުށަހެޅީ ދެ ގޮތަކަށެވެ. އެއްގޮތަކީ އޮންލައިންކޮށް ކުދިން ކިޔެވުމަށް ބަދަލު ކުރުން ނުވަތަ މާލޭގެ އެހެން ސްކޫލަކަށް އަރަބިއްޔާ ދަރިވަރުން ބަދަލުކުރުމެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011ގައި ޓާމިނޭޓް ކުރި އެވެ. އެއަށްފަހު އޮގަސްޓް 25، 2011ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.