Advertisement

ވޯލްޑް ޗެމްޕިއަންޝިޕް: ޑަބަލްސް ބައި ނިމި ދީމާގެ ފޯކަސް ސިންގަލްސް އަށް

5 ޑިސެންބަރު 2021 - 07:49 0


ވޯލްޑް ޗެމްޕިއަންޝިޕް: ޑަބަލްސް ބައި ނިމި ދީމާގެ ފޯކަސް ސިންގަލްސް އަށް

5 ޑިސެންބަރު 2021 - 07:49 0

ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސްގެ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުނަރުވެެރި ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ޑަބަލްސް މެޗުތައް ނިމި އޭނާ ސިންގަލްސް މެޗުތަކަށް އަމާޒުހިފައިފި އެވެ.

ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި، ދީމާ، އިއްޔެ ކުޅުނު ފުރަތަމަ މިކްސް ޑަބަލްސް މެޗުން ވަނީ މޮޅުވެފަ އެވެ. ދީމާގެ މިކްސް ޑަބަލްސް ޕާޓްނަރަކީ ޗެކް ރިޕަބްލިކްގެ މާޓިސް ސިޕް އެވެ. ދީމާ އާއި ސިޕްގެ ޕެއާ ވަނީ އޮސްޓްރޭލިއާގެ ނިއީ ޝުލޮން އާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަަމަ ދެ ސެޓު ދީމާ އާއި ސިޕްގެ ޕެއާ އިން 4-11، 7-11 އިން ގެންގޮސްފައިވަނިކޮށް ނިއީ އާއި ކޮންސްޓަންޓީނާގެ ޕެއާ ތިން ވަނަ ސެޓު ގެންދިޔައީ 11-09 އިންނެވެ. އެކަމަކު، ދެން ކުޅުނު ސެޓު 07-11 އިން ގެންގޮސް ދީމާ އާއި ސިޕްގެ ޕެއާ މެޗުން މޮޅުވީ އެވެ.

މިކްސް ޑަބަލްސްގެ ގަދަ 16 ކުޅުންތެރިންގެ ބުރުގައި ރުމޭނިއާގެ ޗިރިޓާ ލުލިއަން އާއި ރޯސޫ ބިއާންކާގެ ޕެއާގެ އަތުން ދީމާ އާއި ސިޕް ބަލިވީ ސީދާ ތިން ސެޓުންނެވެ. ރޯސޫ އާއި ލުލިއަންގެ ޕެއާ ސެޓުތައް ގެންދިޔައީ 11-08، 11-05 އަދި 11-06 އިންނެވެ.

އަންހެން ޑަބަލްސްގައި އިއްޔެ ދީމާ ވާދަކުރަން ޖެހޭ މެޗު އޮތެވެ. އެކަމަކު، ދީމާގެ އަންހެން ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް ޕޯޗުގަލް އަށް ނާދެވުމުން ދީމާ އަށް އަންހެން ޑަބަލްސް އިވެންޓް މެޗު ނުކުޅެވި، މެޗު ޖެހުނީ ދޫކޮށްލާށެވެ.

ސިންގަލްސް މެޗުތަކަށް ދީމާ ފޯކަސް ކޮށްގެން ހުރިއިރު، މިއަދު 15 އަހަރުން ދަށުގެ ސިންގަލްސް ބައިގައި ދީމާ ނުކުންނާނީ ސްލޮވާކިއާގެ ވިލިޝްކޯވާ ޑޮމިނިކާއާ ދެކޮޅަށެވެ. ދީމާއާ އެކު ޕޯޗުގަލްގައި މެނޭޖަރެއްގެ ހައިސިއްޔަތުން ހުރީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ.

ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުން ދީމާ އަށް ޖާގަ ކަަށަވަރުވީ ދުނިޔޭގެ ރޭންކިންގެ އަށް ބަލައިގެން ކުރި ލިބޭތީ އެވެ. ދީމާ މި ވަގުތު އޮތީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނައިގަ އެވެ. މި އަހަރުގެ އޭޕްރީލް މަހު ނެރުނު ރޭންކިން ތާވަލުގެ އަށް ވަނައިގައި ވެސް ދީމާ އޮތެވެ.