Advertisement

އަލަމާރި ފުރި، މަރިޔަމް ވަހީދާ އާއި ޝަފިއްޔާގެ އެންމެ ތާރީހީ ރީތި ހެދުންތައް ވިއްކާލައިފި

5 ޑިސެންބަރު 2021 - 08:11 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

މަރީ އެންމެ ފުރަތަމަ ޓީވީ އަށް އަރަން ލީ ހެދުން ގަތް މީހަކު ފޮޓޯ އަށް ހެދުން ދައްކާލަނީ: ސޭލް ގައި މަރީ އާއި ޝަފިއްޔާ ވަނީ އެމީހުން އެކި އިވެންޓް ތަކުގައި ލާފައިވާ ގިނަ އަދަދެއްގެ ހެދުން ވިއްކާފައި


އަލަމާރި ފުރި، މަރިޔަމް ވަހީދާ އާއި ޝަފިއްޔާގެ އެންމެ ތާރީހީ ރީތި ހެދުންތައް ވިއްކާލައިފި

5 ޑިސެންބަރު 2021 - 08:11 1

ރާއްޖޭގެ 'ބާރުވެރި' އަންހެނުންގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް ތިބި މަޝްހޫރު ޓީވީ ޕްރެޒެންޓަރު، މަރިޔަމް ވަހީދާ އާއި ހޮޓެލް ޖެންގެ ޑިރެކްޓާ އޮފް ސޭލްސް، ޝަފިއްޔާ ސްޓައިންހިލްބާ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހެދުން ސޭލް އެއް ބާއްވައި، އެ ދެ މީހުންގެ އެންމެ ތާރީހީ އަދި އެންމެ ރީތި ހެދުންތައް ވިއްކާލައިފި އެވެ.

ހުޅުމާލެ ސެންޓްރޯ މޯލް ސަރަހައްދުގައި ބޭއްވި ތިން ގަޑި އިރުގެ ކުރު ސޭލް އަށް މަރީ ނެރެފައި ހުރި ހެދުންތަކުގެ ތެރޭގައި އޭނާގެ 17 އަހަރުވީ ޓީވީ ކެރިއަރުގެ ފުރަތަމަ ޕްރޮގްރާމަށް ލީ ރަތް ކުލައިގެ ހެދުން ވެސް ހިމެނެ އެވެ.

ޝަފީ އާއި މަރީގެ ހެދުން ތައް ސޭލް އަށް އަތުރާފައި


"ވަރަށް ގިނަ ވާނެ މަރީ ޓީވީ ޝޯ ތަކާއި ފަންކްޝަން ތަކަށް ލައިފައި ހުންނަ ހެދުން. އަނެއްކާ ޝަފީ އަކީ ވެސް ވަރަށް ގިނަ ފަންކްޝަންތަކަށް ހެދުން ލާން ޖެހޭ މީހެއް. އެހެންވީމަ އެއް ފަހަރު ނޫނީ ދެފަހަރު ލާފައި ހުރި މި ކަހަލަ ހެދުންތަކާއި އަންހެން ކުދިންގެ ހެދުން މަރީ ވިއްކަން ބެހެެއްޓީ. ޝަފީ ނެރުނީ ޝަފީގެ އަތުގައި އެގޮތަށް ހުރި ހެދުން ތަކާއި، ހަޒްބަންޑްގެ ހެދުން ތަކެއް ވެސް ހިމަނައިގެން. ބޭނުމަކަށް ވީ ހެދުންތައް ގިނަ ކުރަން ބެހެއްޓުމުގެ ބަދަލުގައި، މާނަ ހުރި ގޮތެއްގައި ދޫކޮށްލުން،" މަރީ ބުންޏެވެ.

މަރީ އާއި ޝަފިއްޔާ އަކީ އެ ދެ މީހުންގެ ދާއިރާ އާއި، ހެދުން އެޅުމުގެ ފެޝަނަށް ބެލިޔަސް، އެ މީހުންނަށް ވުރެ މާ ފަހުން އައި ޖީލަށް ވެސް ނުބައްދަލު، ދެމީހުންގެ ދާއިރާ އާއި މަޝްހޫރުކަމުގައި އަދިވެސް ގުޑާ ނުލައި ތިބި ނަމޫނާ ދެ އަންހެނުންނެވެ. މަރީ އާއި ޝަފީގެ މިކަހަލަ ސޭލެއް "އައިކޮނިކް" ވެފައި ހާއްސަ ވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީ އެވެ.

މަރީ ބުނީ، ތިން ގަޑި އިރުގެ ސޭލް އަށް ނެރުނު ހެދުން ތަކުގެ 65 ޕަސެންޓް ވިކި ހުސްވި ކަމަށެވެ. އެއީ ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ކަމަށެވެ.

އެ ސޭލްގެ ގިނަ ހެދުން ތައް ވިއްކާފައިވަނީ 100ރ. އިން ވެސް ދަށް އަގުތަކެއްގަ އެވެ.

"ވަރަށް އާ ވަރަށް ކޮލިޓީ ރަނގަޅު ހެދުންތައް، އެކަމަކު ވަރަށް ކުޑަ އަގުތަކެއްގަ ދޫކޮށްލީ. މަރީ ނެރުނު ގިނަ ހެދުން ތަކަކީ ތާރީހީ ހެދުން ތަކެއް ވެސްމެ. އެހެންވީމަ އެގޮތުން ވެސް ވަރަށް ހާއްސަވި މަރީ އަށް މި ސޭލް. ވަރަށް ބޮޑަށް އުފާވި މީހުން އައިސް ގަތީމަ. ޓުރިސްޓުން ވެސް އެތަނަށް އައިސް ވިޔަފާރިކުރި،" މަރީ ބުންޏެވެ.

މަރީ އާއި ޝަފީގެ ހެދުން ސޭލް ބަލާލުމަށް ފަތުރުވެރިން މަޑުކޮށްލައިގެން: އެތަނަށް ދިޔަ ފަތުރުވެރިން ވެސް ވަނީ ހެދުންތައް ގަނެފައި


މަރީ އަށް ސޭލް އިން ލިބުނު ފައިސާ އޭނާ ހުރީ ޗެރިޓީ އަށް ދޭން ނިންމައިގެނެވެ.

މަރީ ފާހަގަ ކުރީ އަތަށް ގިނަވާ ހެދުންތައް މާނަ ހުރި ގޮތެއްގައި ދޫކޮށްލުމުގެ ފައިދާ އާއި ހިތްހަމަޖެހުމެވެ. އެހެން މީހުންނަށް ބޭނުންކުރެވޭ ހާލަތުގައި ހުރި ހެދުން އެއްލާލުމުގެ ބަދަލުގައި ތިމާ އާއި އެހެން މީހުންނަށް އެއިން ފައިދާވާ ގޮތަށް ދޫކޮށްލުމުގެ އާދަ ބޭރު ގައުމުތަކުގައި ވެސް މަގުބޫލުވަމުން އަންނަ ކަން ފާހަގަ ކުރި އެވެ.

"ވަރަށް ހިތްހަމަ ޖެހުނު ކުޑަކުޑަ އިވެންޓެއްގެ ގޮތުގަ ކުދިން ވެސް ހިމަނައިގެން މިކަން ކޮށްލެވުނީމަ. ގޭގައި ލެމަނޭޑް ހަދައިގެން ލެމަނޭޑް ވެސް ވިއްކިން. ކުދިން ތިބީ ލެމަނޭޑް ވިއްކަން. އެހެންވީމަ ކުދިންނަށް ވެސް ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ވެސް ދެވިއްޖެ." މަރީ ބުންޏެވެ.


އޭނާ ބުނީ، ސޭލް އިން ނުވިކި ހުރި ހެދުންތައް ގަތުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. އެހެންވީމަ ފުރަތަމަ އިވެންޓަށްވުރެ ބޮޑުކޮށް، އެހެން އިވެންޓެއް ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށް ވެސް ބުންޏެވެ.

"މީގެ ކުރިން ރަށްރަށަށް ވެސް މަރީގެ ހެދުން ތައް ފޮނުވިން. އެކަމަކު އަދިވެސް އެބަހުރި ވަރަށް ގިނަ ހެދުން. މަރީ ވިސްނަން އޮންލައިން ކޮށް ނަމަވެސް ބާކީ ހުރި ހެދުންތައް ވިއްކާލަން. ނޫނީ ތަންކޮޅެއް ބޮޑުކޮށް މިކަހަލަ އެހެން އިވެންޓެއް ބާއްވަން." ރިސައިކަލް ކުރުމުގެ އާދަ ޕްރޮމޯޓްކުރުމުގެ ބޭނުންތެރިކަމާއި އެ ވިސްނުން ހުރި ގޮތް ފާހަގަކުރަމުން މަރީ ކުރުކޮށްލި އެވެ.