Advertisement

ސިޓީ އެއް ވަނަ އަށް، ލިވަޕޫލަށް ދެ ވަނަ

5 ޑިސެންބަރު 2021 - 00:40 0

ލަނޑު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.---


ސިޓީ އެއް ވަނަ އަށް، ލިވަޕޫލަށް ދެ ވަނަ

5 ޑިސެންބަރު 2021 - 00:40 0

ލަންޑަން (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ލިވަޕޫލް ވަނީ ދެ ވަނަ މަގާމަށް އަަރައިފި އެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވަނީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އެހެންވެ، ލިވަޕޫލާއި ސިޓީ އަށް ވެސް އޮތީ ލީގުގެ ކުރިއަށް ޖެހިލަން ފުރުސަތު ފަހިވެފަ އެވެ. ލިވަޕޫލުން ވަނީ 1-0 އިން ވުލްވްސް ބަލިކޮށް އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު، އޭގެ ދެ ގަޑިއިރު ފަހުން ވަޓްފޯޑްގެ މައްޗަށް 3-1 އިން ކުރިހޯދައި ސިޓީ ވަނީ ލީގުގައި މި ސީޒަނު ފުރަތަމަ ފަހަރަށް އެއް ވަނަ އަށް ޖެހިލައިފަ އެވެ.

ޖެހިޖެހިގެން ލީގުގެ ފަސް މެޗުން މޮޅުވި ސިޓީ އެއް ވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި ވެސްޓް ހޭމް އޮތީ 15 މެޗުން 27 ޕޮއިންޓާ އެކު އެވެ.

މިރޭ ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ޑިއޯގޯ ޖޮޓާ ބޮލުން ޖެހި ބޯޅަ ދަނޑިކައިިރިދިން ދިޔައިރު، ދެ ވަނަ ހާފުގައި ޖޮޓާ އަށް ގޯލު ކުރި މަތިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ފަހުން ލިވަޕޫލްގެ ސަޑިއޯ މާނޭ ހުސްކޮށް ހުރެފައި ޖެހި ބޯޅަ ވުލްވްސްގެ ކީޕަރު ހޯސާ ސާ ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގައި ގޯލު ޖެހުމަށް ފަހު އޮރީގީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޑިވޮކް އޮރީގީ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮރީގީ މި ގޯލު ޖެހީ މުހައްމަދު ސަލާހު ދިން ބޯޅައަކުންނެވެ. ސަލާހަށް މަތިން އެ ބޯޅަ ދިނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.

ލިވަޕޫލް މޮޅުވެފައި އޮތުމުން ސިޓީން ވެސް މެޗު ފެށީ ރަނގަޅު ފޯކަސް އެއްގައި ކޮންފިޑެންސާ އެކު މޮޅުވާށެވެ. އެކަން އެ ޓީމުން ސާބިތުކޮށްދިނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ފިލް ފޯޑެން ނެގި ބޯޅައަކުން ސިޓީ އަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ވަނީ އޭރިއާތެރެއިން ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި މޮޅު ގޯލެއް ޖަހައި ބެނާޑޯ ސިލްވާ ސިޓީގެ ލީޑު އިތުރަށް ފުޅާކުރި އެވެ.

ވަޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި ކޫޗޯ ފެނާންޑޭޒް އެވެ. އޭރިއާތެރެއިން ކޫޗޯ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ދެ ވަނަ ފަހަރުން ޖަހައި އޭނާ ވަނީ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ވަޓްފޯޑްގެ ޖޯޝް ކިންގް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން ބާންލީ ބަލިކޮށް މި ފަހަރު ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. ބްރައިޓަންގެ ނީލް މޯޕޭ ފަހު ވަގުތު ޖެހި ގޯލުން އެ ޓީމުން ވަނީ ސައުތެމްޓަނާ 1-1 އިން އެއްވަރުކޮށްފަ އެވެ.