Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގާ ޕްރޮގްރާމްތައް ބަދަލުކޮށް، އެފަދަ މީހުން ބާރުވެރި ކުރުވަން ރައީސް ގޮވާލައިފި

4 ޑިސެންބަރު 2021 - 23:00 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ސަމާލުކަންދޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގާ ޕްރޮގްރާމްތައް ބަދަލުކޮށް، އެފަދަ މީހުން ބާރުވެރި ކުރުވަން ރައީސް ގޮވާލައިފި

4 ޑިސެންބަރު 2021 - 23:00 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ސަރުކާރުން ހިންގާ ޕްރޮގްރާމްތައް މިހާރު ހިންގާ ގޮތް ބަދަލުކޮށް އެފަދަ މީހުން ބާރުވެރިކުރެވޭނެ ފަދަ ގޮތަކަށް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ "ރިވެލި" އެވޯޑް ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގާ ޕްރޮގްރާމްތައް ބަދަލުކޮށްގެން މެނުވީ އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް ސަރުކާރުގެ ފަރާތުން މުޅިން އަލަށް ވަޒީފާ ދީފައިވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރަމުންދިޔަ ހަރަދަށް ބަދަލެއް ގެނެސްފައިނުވާ ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ، ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާނެ. އެހެން ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން. އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާ ސަރުކާރުން ހޯދިން. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލައިފަ،" އެމަނިކުފާނު ވިދާޅުވި އެވެ.