Advertisement

އިންޑޮނީޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި އެކަކު މަރުވެއްޖެ

5 ޑިސެންބަރު 2021 - 06:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލިފާން ފަރުބަދަ ގޮވިއިރު ނަގާފައިވާ ވީޑިއޯއެއްގެ މަންޒަރެއް.


އިންޑޮނީޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި އެކަކު މަރުވެއްޖެ

5 ޑިސެންބަރު 2021 - 06:38 0

އިންޑޮނީޝިއާގެ ޖާވާ ރަށުގައި ހޮނިހިރު ދުވަހު އަލިފާން ފަރުބަދައެއް ގޮވައި އެކަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސެމެރޫ ފަރުބަދަ އިން ދުންތައް އަރަން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ރައްކާތެރި ހިސާބަށް ދިޔުމަށް ދުވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ދައުރުވާން ފަށާފަ އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ ފަރުބަދަ ކައިރީގައި ހުރި އަވަށްތައް އަޅިން ފުރިފައިވާ ކަމަށާއި ބޯ ދުމުގެ ސަބަބުން އިރުގެ އަލިކަން ގެއްލި މުޅި ސަރަހައްދު އަނދިރިކަމުގެ ތެރެއަށް ދިޔަ ކަމަށެވެ.

ލުމަޖަންގް ޑިސްޓްރިކްޓުގެ ޑެޕިއުޓީ ޗީފް އިންދާހް މަސްދަރު ވިދާޅުވީ 41 މީހުންނަށް ޒަހަމްވެފައި ވާއިރު، އެކި މީހުން އެކި ވަރަށް ފިހިފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ޑިޒާޒްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ބުނީ މެޑިކަލް ފެސިލިޓީތަކުގައި 35 މީހުންނަށް ފަރުވާ ދޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައި ވަނީ ބޯ ދުމާއި، ކަރަންޓު ކެނޑުމާއި، ބޯކޮށް ވާރޭވެހި ކިސަޑު އުފެދިފައި ވާތީ އެވެ.

އިންޑޮނީޝިއާގެ ޓީވީ ވަން ޗެނަލުން ހަބަރު ފެތުރި ގޮތުގައި އެތައް ސަތޭކަ ބަޔަކު މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

އަލިފާން ފަރުބަދަ ވަށައިގެން ފަސް ކިލޯމީޓަރު ސަރަހައްދަކަށް ދިޔުން މަނާކޮށްފައި ވާއިރު، 15،000 މީޓަރު އުހަށް ދުން ފެތުރޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ވޮލްކެނިކް އޭޝް އެޑްވައިޒަރީ ސެންޓަރު (ވީއޭއޭސީ) އިން ބުނީ ފަރުބަދައާ ދުރަށް ދުން ފެތުރި، އިންޑިއާ ކަނޑުގެ މަތިން ހުޅަނގު ދެކުނަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ސެމެރޫ ފަރުބަދަ އަކީ "ހަރަކާތްތެރި" ފަރުބަދައެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަލިފާން ފަރުބަދަ އެކެވެ. އެ ފަރުބަދަ އެންމެ ފަހުން ގޮވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.