Advertisement

ޔާމީން ސްޕީޗް ރިވިއު: 500 ދުވަސް ޖަލުގައި ހުންނެވުމަށްފަހު ކުރީގެ ރައީސް ދެއްކެވި ވާހަކަތަކާއި ކަން ހިނގި ގޮތް

5 ޑިސެންބަރު 2021 - 12:23 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޔާމީން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި: ދެ އަހަރަށްފަހު ރައްޔިތުންނާ ބައްދަލުކޮށް ޔާމީންގެ ބަހުރުވައިން ނަމަ އެމަނިކުފާނު ލައްކަ ވާހަކަ ދެއްކެވި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ޔާމީން ސްޕީޗް ރިވިއު: 500 ދުވަސް ޖަލުގައި ހުންނެވުމަށްފަހު ކުރީގެ ރައީސް ދެއްކެވި ވާހަކަތަކާއި ކަން ހިނގި ގޮތް

5 ޑިސެންބަރު 2021 - 12:23 2

ހުކުރު ދުވަހު، މާލޭގެ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބޭއްވި ޖަލްސާގައި، ޕޯޑިއަމްގެ ފަހަތުގައި ހުއްޓިވަޑައިގެން ހުންނަވައި ވާހަކަ ދެއްކެވި ޔާމީނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އެވެ. އެންމެން ދަންނަ މޫނެކެވެ. ދިވެހިންނަށް އެއީ ބާ މޫނެއްގެ ގޮތުގައި ފެނުނު ނަމަވެސް، ވާހަކަ ދެއްކެވީ އާ ތަޖުރިބާއާއެކު ބަދަލުވެފައިވާ ބޭފުޅެއް ފަދައިންނެވެ.

ހުކުރު ދުވަހު ޔާމީން ވާހަކަ ދެއްކެވިއިރު އެއީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޖަލެއްގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަސް ހޭދަ ކުރެއްވި އެއް ބޭފުޅެކެވެ. މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ އިރާކޮޅު ޖަލުން ގެކޮޅަށް ބަދަލުވުމުގެ ކުރިން 519 ރޭ އެމަނިކުފާނު ނިދިކުރެއްވީ މާފުށީ ޖަލުގަ އެވެ.

އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް އަންގާރަ ދުވަހު އެންމެ މަތީ ކޯޓުން ބާތިލު ކުރި ފަހުން މިއީ މިފަދަ ބޮޑު ޖަލްސާއެއްގައި، ޔާމީން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި ފުރުސަތު ބޭނުން ހިއްޕަވައި ޔާމީން ދެއްވި އެއް ގަޑިއިރާއި ދެ މިނެޓުގެ ސްޕީޗުގައި އެމަނިކުފާނުގެ ބަހުރުވައިން ބުނާ ނަމަ "ލައްކަ ވާހަކަ" ދެއްކެވި އެވެ.

ތިރީގައި މި ވަނީ ރައީސް ޔާމީންގެ ވާހަކަތަކުން ފާހަގަކުރެވޭ ބައެއް ކަންކަމެވެ.

ޔާމީންގެ ސްޕީޗުގައި އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ ހުރަގޭގެ ވާހަކަ އެވެ. އެކަނި ގޮޅިއެއްގައި 500 އަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވުމުން ގައިދީއެއްގެ އިހްސާސް އެމަނިކުފާނަށް ވެސް ރަނގަޅަށް އެނގިވަޑައިގެންފިކަން ވާހަކައިން އެނގެ އެވެ.

ޔާމީންގެ އެދިވަޑައިގަތުމަކަށްވީ ތުހުމަތެއްގައި މީހަކު ބަންދުވި ނަމަވެސް، ނުވަތަ ހަމައެކަނި ދަށު ކޯޓުން ހުކުމެއް ކުރުމުން އެމީހަކީ، މުޖުރިމެއް ކަމަށް މުޖްތަމަައިން ލޭބަލް ނުކުރުމެވެ.

"ސިޔާސީ ކުށެއްގެ ތުހުމަތުގައި މީހަކު ހުރުމަކީ، ނޫނިއްޔާ އެއް މަރުހަލާއިން އެމީހާއަށް ހުކުމް ކުރުމަކީ އަދި އެމީހާއަކީ މުޅިން ބޮޑު މުޖުރިމަކަށްވެގެންދާ ކަމެއް ނޫން. އިންސާފުގެ އިސްތިއުނާފުގެ ދެ މަރުހަލާ އެބަ އޮވޭ. ދެ މަރުހަލާ އޮންނައިރު އެމީހަކަށް ހައްގުތަކެއް އެބަ ލިބޭ. ހައްގުތަކެއް ކަށަވަރުވޭ އެބަ. އަޅުގަނޑުމެން ދީލަތިވާންޖެހޭ ދެއްތޯ އަޅުގަނޑުމެން ޖަލު ބަންދުގައި ތިބޭއިރު ވެސް،" ޔާމީން ވިދާޅުވި އެވެ.

މިއީ ގާނޫނީ ބައެއް ބޭފުޅުން ވެސް ދެބަސްނުވާނެ ވާހަކައެއް ކަމަށްވެދާނެ އެވެ. އަދި މިއީ ޔާމީންގެ ވެރިކަމުގައި ޖަލަށްލި ސިޔާސީ ވެރިން ވެސް އެއްބަސްވާނެ ވާހަކައެއް ކަމަށް ބެލެވެ އެވެ. އިސްތިއުނާފްގެ މަރުހަލާގައި ލިބޭ ހައްގުތަކުގެ އިތުރުން އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ޔާމީންގެ ވެރިކަމުގައި ބަންދުކުރި މީހުންނަށް ގެއްލުނު ކަމަށް އެއިރު ހައްޔަރު ކުރި މުހައްމަދު ނަޝީދު، މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނާޒިމް، ފާރިޝް މައުމޫން، ސިޔާދް ގާސިމް، އިމްރާން އަބްދުﷲ އަދި އިތުރު ބޭފުޅުން ވިދާޅުވެފައިވެ އެވެ. އޭރު އެ ވާހަކަތައް ޔާމީނަށް އިވިވަޑައިގެންފައި ނެތީ ކަމަށްވުން އެކަށީގެންވެ އެވެ.

ގައިދީންގެ ވާހަކަ އިތުރަށް ދައްކަވަމުން ޔާމީން ވިދާޅުވީ ޖަލުގައި ރިސާޗް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި ދެން ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ އެކަން ކަށަވަރު ކުރައްވާނެ ކަމަށް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންނަށް ﷲ ދެން މި ފުރުސަތު މިންވަރު ކުރައްވައިފި ކަމަށްވަންޏާ އެބަޖެހޭ ގައިދީންނަށް، ބަންދުގައި ތިބޭ މީހުންނަށް ހަމަ ރިސާޗް ކުރުމުގެ ހައްގު އެބަ ލިބެންޖެހޭ. އަޅުގަނޑު ވެސް އެބަ ކިޔަން ބޭރުގެ ކިތަންމެ ފޮތެއް ވެސް. އެންމެ ތަހުޒީބީ ގައުމުތަކުގައި ހަމަ ރިސާޗް ކުރުމުގެ ފުރުސަތު ގައިދީންނަށް ލިބޭ،" ޔާމީން ވިދާޅުވި އެވެ.

މި ވާހަކަ ދައްކަވަމުން ޔާާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ހުކުމާ ގުޅޭ ގޮތުން ރިސާޗް ކުރުމުގެ ފުރުސަތު އިންޓަނެޓާއެކު އެމަނިކުފާނަށް ލިބެންޖެހޭ ކަމަށެވެ. ޔާމީން ވިދާޅުވި ފަދައިން ތަހުޒީބީ މުޖްތަމައުތަކުގައި ކަންތައް އޮންނަ ގޮތަކީ އެއީ އެވެ. އަދި އެ ފުރުސަތަކީ ކުރީގެ ކުރީގެ ރައީސް ނަޝީދު ވެސް ހަމަ މި މޭރުމުން ޖަލުގައި ހުންނެވި ދުވަސްވަރު ދައްކަވާފައި އޮތް ވާހަކައެކެވެ.

"އަޅުގަނޑު ދޫނިދޫ ޖަލުގައި ހުންނަން ޖެހުމުން، އަޅުގަނޑަށް ގާނޫނީ ވަކީލުންނާ ރަނގަޅަކަށް މަޝްވަރާއެއް ނުކުރެވޭ. އެވަކީލުން އަޅުގަނޑަށް ދެއްވުމަށް އެދިވަޑައިގެންނަވާ ހިދުމަތްތައް އަޅުގަނޑަކަށް ފޯރުކޮށެއް ނުދެވޭ. އެބޭފުޅުން ކުރައްވަން ޖެހިވަޑައިގެންނަވާ ދިރާސާތަކާއި، އެބޭފުޅުން ބޭނުންވެ ވަޑައިގަންނަވާ މުވާސަލާތީ ވަސީލަތްތައް އެބޭފުޅުންނަށް ލިބިދީފައެއްނުވޭ. އިންޓަރނެޓުގެ ހިދުމަތް ލިބޭކަށެއް ނުހުރޭ. ގާނޫނީ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކައި އަޅުގަނޑާ އެއް ހާޒިރެއްގައި މަސައްކަތްކުރުމުގެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައެއްނުވޭ،" ހުލާސާ ބަޔާން އިއްވަން ލިބިވަޑައިގަތުމުން އިތުރު ފުރުސަތަކަށް އެދިވަޑައިގެން ނަޝީދުގެ ފަރާތުން ވިދާޅުވެފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭ ޔާމީން ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ޒިންމާ ނެންގެވުމެވެ. އެ ކެމްޕެއިނަކީ އެމަނިކުފާނުގެ އިސްނެންގެވުމެއް ކަމަށް ޔާމީން ވިދާޅުވިއިރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްވެ ހުންނަވައި، މި ސަރުކާރުގެ ފަރާތުން ވަނީ އެ ކެމްޕެއިނަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުކޮށްފަ އެވެ.

"ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިކަމަށް އިސްނެގީ އަޅުގަނޑު. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަކަށް ރާއްޖެއަކުން ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ، ކުރީގެ ރައީސްކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައްހާސް ރައްޔިތުންނެއް ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި އޮންނާކަށް ބޭނުމެއް ނުވޭ،" ސާބިތުކަމާއެކު ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ޒިންމާ ރައީސް ޔަމީން ނެންގެވުމަކީ އިންޑިއާގެ އެހީއެއް ނެތި 2023 ގެ އިންތިހާބާ ހަމައަށް ދިޔުމެވެ. ޔާމީން ވަނީ މީގެ ކުރިން އިންޑިއާގެ އެހީ އެތައް ފަހަރަކު ހޯއްދަވައިފަ އެވެ. މީގެ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓުނުއިރު ޔާމީން އިންނެވީ އިންޑިއާ އެމްބަސީގަ އެވެ. އަދި އިންޑިއާއިން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ބަލައިގަތުން އަވަސްކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ފަހުން އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ އިރުމަތި ކަމަށް ސާފުކޮށް ވަނީ ވިދާޅުވެފަ އެވެ.

ޔާމީންގެ ޕޮލިސީއަކީ އިރުމަތި ކަމަށްވި ނަމަވެސް މިހާރުގެ ސަރުކާރުގެ ޕޮލިސީއަކީ ހުޅަނގެވެ. އަދި ހުޅަނގުގެ އެލައި، އިންޑިއާ އެވެ. މި ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް އެތައް ލޯނެއް ދީ އެތައް އެހީތަކެއްވެދީފި އެވެ. ބޮޑު ގުޅުމެއް ގާއިމްކޮށްފި އެވެ. ބޮޑެތި އެއްބަސްވުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެވެ. އިންޑިއާގެ އިންޓްރެސްޓް ހިމެނޭ މި ކަންކަމަކީ އެ ގައުމުން ހިމާޔަތް ކުރަން ބޭނުންވާނެ ކަންކަމެވެ. އެހެންކަމުން "އިންޑިއާ އައުޓް" ކެމްޕެއިނުގެ ލީޑަރު ވެރިކަމަށް ވަޑައިގަތުމަކީ އެ ގައުމަށް ކާމިޔާބަކަށް ނުވާނެ އެވެ. މިކަން ޔާމީންއަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެކަމަކު އެމަނިކުފާނަކީ ވެރިކަމުގައި ވެސް ހާޑްލައިން ހާރިޖީ ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ.

ޔާމީންގެ މުޅި ސްޕީޗުގައި، ވަރަށް ގިނައިން ސަރުކާރަށް ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ފާޑު ވިދާޅުވި ކަންތައްތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ދިވެހިން އައްޔަނު ނުކުރުން، ހަޒާނާއިން ފައިސާ ނެގުން، ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުން އަދަބު ދިނުން އަދި ކޮވިޑް މެނޭޖް ކުރުމުގައި ޖޫރިމަނާ ތައާރަފްކުރުން ހިމެނެ އެވެ.

"މިހާރު މި ބުޅާ ވެސް ޖޫރިމަނާކޮށްފާނެ،" ޕޯޑިއަމްގައި ހުންނަވައި ބުޅަލަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ އަދި 100 ޕަސެންޓު ސަރުކާރުގެ ހިއްސާ އޮންނަ އެތައް ކުންފުންޏެއް ވުޖޫދުގައި އޮތްއިރު އޭގެ ތެރެއިން ބައެއް ކުންފުނިތަކުގައި ތިބީ ބޭރު މީހުންނެވެ. އޭގެ ތެރޭގައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި ޕެންޝަން އޮފީސް ހިމެނެ އެވެ. ސަރުކާރުން މި މައްސަލައިގައި ކުރިން ބުނެފައި ވަނީ ބިދޭސީން އެ ވަޒީފާތަކަށް ހަމަޖައްސާފައި ވަނީ ގާބިލް ދިވެހިން ނެތުމުން ކަމަށެވެ. މިއީ ކިހާވަރެއްގެ ވާހަކައެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޔާމީން ވިދާޅުވާ ގޮތުން ނަމަ އެފަދަ ވަޒީފާތަކަށް ގާބިލް "އެތަކެއް ލީޑަރުންނެއް ރާއްޖޭގައި އެބަ ތިބި" އެވެ. އިދިކޮޅު ޕޯޑިއަމްގައި އެހެން ވިދާޅުވިނަމަވެސް، 'ދިވެހިން ގޮވައިގެން އެއަރޕޯޓު ހިންގުމަކީ ގޮންޖެހުމެއް' ކަމަށް ވިދާޅުވީ ވެސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނެވެ.

އޭގެ އިތުރުން، ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އިދިކޮޅުން ބުނަމުން އަންނަ ވާހަކަ ޔާމީން ތަކުރާރު ކުރެއްވި އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ހަރުދަނާ މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ހަ ހާސް ވަޒީފާ އުފައްދައިގެން ސަރުކާރުން އެކަން ފާހަގަ ކުރުމުން އެކަމަށް ޔާމީން މަލާމާތް ކުރެއްވި އެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އާރޯތާނާ، ބްރޭންޑް ނިއު 104،000 އަޅުގަނޑުމެން އުފެއްދީމޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ދެ ތިން ޖުމްލައިން ނަމަވެސް ހުކުރު ދުވަހުގެ ވާހަކައިގައި ރައީސް ޔާމީން ވަނީ ވެރިކަން ހިންގާ އެމްޑީޕީއަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ކޮމިއުނިސްޓް އީސްޓް ޖަރުމަނުގެ މިސާލު ނަންގަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ނަމުން ޑިމޮކްރެޓިކް ކަމުން އަންޑިމޮކްރެޓިކް ޕާޓީއެއް ކަމަށެވެ.

"އެމްޑީޕީ ޑިމޮކްރަސީއޭ ކިޔައިގެން އުޅޭއިރު އެއީ އެންމެ އަންޑިމޮކްރެޓިކް، އެންމެ އިލެޖިޓިމޭޓް [ޕާޓީ]،" ޔާމީން ތުހުމަތުގެ ކުރެއްވި އެވެ.

އެމްޑީޕީ ޑިމޮކްރެޓިކްނުވާ މާ ބައިވަރު ސަބަބުތަކެއް ޔާމީން ނުދައްކަވަ އެވެ. ނަމަވެސް އޭގެ މައިގަނޑު ސަބަބަކީ 2018 ގެ ރިޔާސީ އިންތިހާބު ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު އަދިވެސް ގަބޫލު ކުރައްވާ ގޮތުން 2018 ގެ ރިޔާސީ އިންތިހާބު ގެންގޮސްފައި އޮތީ ސައްހަކޮށެއް ނޫނެވެ.

"އިންތިހާބު ހިނގާފައި އޮތް ގޮތަށް ބަލާލީމަ އެނގޭނެ މި ވެރިކަމަކީ ލެޖިޓިމޭޓް ވެރިކަމެއް ނޫންކަން އެނގޭނެ،" މާބޮޑު ތަފްސީލަކަށް ވަޑައިނުގެން ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވެރިކަމަށް އައިސް ހުރިހާ ބާރުތަކެއް އެއްކޮށްފައި، އަދުލު އިންސާފުގެ ދާއިރާއަށް އަތް ފޯރުވެން އޮތް ހިސާބަކަށް އަތް ފޯރުވާފަ، އަތް ނުފޯރާ ހިސާބަށް ދިޔައީމަ ތިމަންނަމެން ފުރާޅުން ޓިނެއް ނުނަގަމޭ ބުންޏަސް އަދި އެންމެނަކަށް އެކަމެއް ނުވެސް އޮޅޭނެ،" ޔާމީން ތުހުމަތު ކުރެއްވި އެވެ.

އަދުލުއިންސާފުގެ ދާއިރާ ރިފޯމް ކުރުމަކީ ރައީސް ސޯލިހުގެ އެންމެ މުހިންމު އެއް ވައުދެވެ. އަދި އެއީ އެންމެ ބޮޑަށް ފުދިފައިވާ ކަމަށް ސަރުކާރުން ވެސް ބުނާ އެއް ވައުދެވެ. ސުޕްރީމް ކޯޓުގެ ބެންޗު އެ އޮތީ މިހާރު ބަދަލުކޮށްފަ އެވެ. އެ މަރުހަލާއިން އިންސާފު ލިބިއްޖެކަން ރައީސް ޔާމީން ވެސް ގަބޫލު ކުރައްވަ އެވެ. އަދި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި ނަމަވެސް މިހާރު ރާއްޖޭގެ ކޯޓުތަކުން އިންސާފު ލިބޭ ކަމަށް އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް ގަބޫލު ކުރެ އެވެ.

ހުކުރު ދުވަހުގެ ސްޕީޗުގައި ރައީސް ޔާމީން ވަނީ ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރިޝްވަތު ނަގާ ކަމުގެ ތުހުމަތު ވެސް ނޫސްވެރިންގެ ބޮލުގައި އެޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަކުން އަޅުގަނޑު ސަލާމަތްވީމަ މިހާރު ނޫސްތަކުން ހުކުމް އަޅުގަނޑާ ދޭތެރޭގައި ކުރަނީ. މައްސަލައެއް ނެތެއް ނޫންތޯ،" ނުރުހުމާއެކު ޔާމީން ވިދާޅުވި އެވެ. "[އިންޑިއާ] އެމްބަސީން ފޮނުވާ ލާރިކޮޅު ނަގައިގެން އެމީހުން އެ ތިބެނީ."

ޔާމީންގެ ވާހަކައިގައި އެއްވެސް ނޫހެއްގެ ނަމެއް ވިދާޅެއްނުވެ އެވެ. ނަމަވެސް މަނީ ލޯންޑަރިން މައްސަލައިގައި ޔާމީން އަމަލު ކުރެއްވީ ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަ ކުރި ކަމަށް ވަރަށް ގިނަ ނޫސްތަކުން ރިޕޯޓު ކުރި އެވެ. އަދި ދައުލަތުން ބައެއް މުހިންމު ހެކި ކޯޓަށް ހުށަހެޅި ނަމަ ހުކުމް ތަފާތުވީސް ކަމަށް ފަނޑިޔާރު ވިދާޅުވި ކަމަށް ވެސް ނޫސްތަކުން ރިޕޯޓު ކުރި އެވެ. އެހެންކަމުން ނޫސްތަކުން ބުންޏަސް އެއީ ސުޕްރީމް ކޯޓުގެ ބަހެވެ.

ނޫސްތަކަށް ފާޑުވިދާޅުވުމަށްފަހު ޔާމީން ވިދާޅުވީ މިހާރު ސަރުކާރުން ނޫސްތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށެވެ. އެއާ ހިލާފަށް އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން އޮތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަކީ އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަ ގައިމު ވެސް މިނިވަންކަމާއެކީ ކޮންމެ ވާހަކައެއް ލިޔަން އަޅުގަނޑުމެން ޖާގަ ދިނިން ނޫސްވެރިކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކައާ ދެބަސްވާނެ މީހުން ވަރަށް ގިނަވާނެ އެވެ. ހާއްސަކޮށް، ސައުދީން ހަދިޔާ ކުރި ކަދުރަށްވީ ގޮތް ލިޔުނު "ސީއެންއެމް" އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ "ހަވީރު" ނޫހެވެ. އެ ދެ ނޫސް ވެސް ޖެހުނީ ބަންދު ކުރާށެވެ. ސީއެންއެމްގެ ވެރިންނާއި ނޫސްވެރިންނަށް ވަރަށް ގިނަ އިންޒާރު ލިބުނެވެ. މުދަލަށް ގެއްލުންދީފައި އެބަހުއްޓެވެ. އަދި ސްޕޮންސަރުންނަށް ވަރަށް ޕްރެޝަރު ކުރި އެވެ. އެންމެފަހުން ހުއްޓާލަންޖެހުނީ އެވެ. ހަވީރު ނޫހުން ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށް ނޫސް ހުއްޓާލުމަށް އެންގީ ކޯޓު ތެރެއިންނެވެ. އެ ހުކުމް ލިޔުނީ އަމިއްލައަށް ނޫން ކަމަށް އެކަން ކުރި ފަނޑިޔާރު އޮތީ އެއްބަސްވެފަ އެވެ.

ޔާމީންގެ ވާހަކައިގައި ޝައުގުވެރި އެހެން ވާހަކައެއް ވެސް ދެއްކެވި އެވެ. ޓެކްޓޯނިކް ޕްލޭޓްސް އުފެދުނު ގޮތުގެ ވާހަކަ އާއި ރާއްޖެ އުފެދުނު ގޮތުގެ ވާހަކަ އެވެ. މި ވާހަކަ ފެށުނީ ރާއްޖެއަކީ އިންޑިއާގެ ނަސްލާ ގުޅުމެއް އޮތް ބައެއް ނޫންކަން ބުނުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެންގެ ސަރަހައްދުގައި މި އޮތީ، އަޅުގަނޑު އަހާ ގޮތުން ވެއްޖެއްޔާ، ގޮންޑުއާނާ ލޭން ކިޔާ އެއް ބައްރެއް މިއޮތީ. ދެން ކަނޑުގެ އަޑިން، ބިމުގެ އަޑިން އައި ޕްރެޝަތުތަކަކާއެކު ރަށްރަށް ވަކިވެގެން މިދިޔައީ. ކުރީގައި އިންޑިއާ ބައްރު އޮތީ ގޮސް އެފްރިކާގައި ލައްގާފަ. އެއް ބައްރަކުން އޮތް ތަނެއް މިއީ. ނޯތު އެމެރިކާ އާއި ސައުތު އެމެރިކާ އޭރު އަދި ދުނިޔެއަކަށް އުފަނެއް ނުވޭ. އެކަމަކު އެތަންތަން ހުރި. އޮސްޓްރޭލިއާއަކީ ވެސް ހަމަ ބައްރުގެ ތެރޭގައި ހިމެނޭ ބައްރެއް. ﷲގެ މިންވަރުފުޅާއެކީ އެ އައި ކެޓަލަޓިސްޓިކް ބާރު، ބިމުގެ އަޑިން އުފެނު އެނާޖީ، އޭގެ ސަބަބުން ރަށްރަށް ބުރައިގެން ދިޔައީ، ބައިބައި ބުރައިގެންދިޔައީ. އޭގެ ސަބަބުން އެފްރިކާއިން ނައްޓާލައިގެން އިންޑިއާ ދިޔަ ދިޔުމުގައި، އިންޑިއާ އޭޝިޔާ ބައްރުގައި ޖެހިފައި ހިމާލިޔާ ފަރުބަދަ އުފެދިޔެން މި އުޅެނީ. ހަމަ އެ ގޮތަށް އެފްރިކާ ވަކިވެގެންދިޔައީ، އޮސްޓްރޭލިޔާ ވަކިވެގެންދިޔައީ،" ޝައުގުވެރިކަމާއެކު އަތުން އިޝާރާތް ކުރައްވަމުން ޔާމީން ކިޔައިދެއްވި އެވެ.

ޔާމީން ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖެ އުފެދުނު ގޮތަށް، ރާއްޖެ އުފެއްދެވުމުގެ ބޭނުމެއްވެ އެވެ.

"ގައިމު ސަބަބެއް އޮންނާނެ ދެއްތޯ މިވަރުވެގެންދިޔައިރު ހަމަ މި ޖަޒީރާ ގައުމު ކަނޑު މެދުން މި އޮތީ ﷲ އުފައްދަވައިފަ. މީގައި ސިއްރެއް ނުވޭތޯ؟ މީގައި ސިއްރެއް އެބަ ވޭ. އެހެންވީމަ އުފެދުމުގައި އަޅުގަނޑުމެންނަކީ، މި ސަރަހައްދުގައި އޮތަސް، އެމީހުންގެ [އިންޑިއާ] ނަސްލުގެ ބައެއް ނޫނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއީ ޔާމީންގެ ސްޕީޗުގައި ފާހަގަ ކުރެވުނު ބައެއް މުހިންމު ކަންކަމެވެ. ދެން އޮތީ ފާހަގަ ނުވާ ބައެއް ކަންކަމެވެ. އެގޮތުން، މިއީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ޔާމީން ގައުމާ މުހާތް ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވެފައި، އެ ބަލީގައި ރާއްޖެއިން މިހާތަނަށް 246 މީހަކު މަރުވެފައިވާއިރު އެމީހުންނާމެދު އަދި ފްރަންޓްލައިނުގައި މަސައްކަތް ކުރި އަދި ކުރާ ހިދުމަތްތެރިންނާމެދު އެއްޗެއް ވިދާޅުނުވުމުން އެކަން ފާހަގަވި އެވެ.

އޭގެ އިތުރުން، ނަޝީދަށް މެއި 6، ގައި ދިން ބޮމުގެ ހަމަލާއާމެދު ވެސް ޔާމީން ވާހަކަ ދައްކަވާފައެއް ނުވެ އެވެ. ނަޝީދަކީ ޔާމީންގެ ޕޮލިޓިކަލް ރައިވަލްއެއް ނަމަވެސް ޓެރަރިސްޓުން ހަމަލާދީފައި ވަނީ ދައުލަތުގެ ވެރިއަކަށެވެ. ދައުލަތުގެ އެއް ބާރަށެވެ. އެހެންކަމުން ކުރީގެ ރައީސެއްގެ ހައިސިއްޔަތުން، ދައުލަތުގެ ސަލާމަތީ ކަންކަމުގެ ސިއްރުތައް އެނގިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން، ނަޝީދަށް ދިން ބޮމުގެ ހަމަލާ ކުށްވެރި ކުރެއްވުމަކީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްގެ ފަރާތުން ފެންނަން ރައްޔިތުން އުއްމީދުކުރާނޭ ކަމެކެވެ.

ޔާމީންގެ ސްޕީޗުގައި އެމަނިކުފާނަށް މުހިންމު ސިޔާސީ ކަންކަމުގެ ވާހަކަ ދެއްކެވި އެވެ. އިގްތިސާދުގެ ވާހަކަ ދެއްކެވި އެވެ. އަދުލު އިންސާފުގެ ވާހަކަ ދެއްކެވި އެވެ. އިންތިހާބުގެ ވާހަކަ ދެއްކެވި އެވެ. ވަރަށް ގިނަ މައުލޫތަކަށް ވާހަކަ ދެއްކެވުމުން ވާހަކައިގެ މިސްރާބަކީ ކޮބައިކަން ސާފުވާން ބައެއް ވަގުތުތަކުގައި އުނދަގޫވި އެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެކަމާމެދު އެންމެ ފުރިހަމަ ވާހައެއް ވިދާޅުވީ ހުދު ޔާމީނެވެ.

"ޝައްކެއް ވެސް ނެތް ދެ އަހަރު ވަންދެން ކޮއްޓެއްގެ ތެރޭގައި ކުކުޅެއް ގެންގުޅެފައި ދޫކޮށްލިޔަސް ވަރަށް ގިނަ ދިމަދިމާލަށް ދުވަން ބޭނުންވާނެ."