Advertisement

އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ކުރިން، ތިބީ ގާނޫނާ ހިލާފަށް: ޔާމީން

4 ޑިސެންބަރު 2021 - 17:16 1


އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ކުރިން، ތިބީ ގާނޫނާ ހިލާފަށް: ޔާމީން

4 ޑިސެންބަރު 2021 - 17:16 1

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި ހެލިކޮޕްޓަރާއެކު އައި އެ ގައުމުގެ ސިފައިން ފޮނުވާލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށާއި އެމީހުން ފަހުން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ޔާމީން ވިދާޅުވީ، އެ ގައުމުގެ ސިފައިން ބޭރު ކުރުމަށް ކުރީގެ ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް މިދިޔަ މާޗް މަހު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ޔާމީން މިނިވަންވުމާއެކު، އެމަނިކުފާނަށް މަރުހަބާ ކިޔުމަށްޓަކައި، އިދިކޮޅު ކޯލިޝަނުން ބޭއްވި "މަރުހަބާ ރައީސް ޔާމީން" ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ގެނައި އިރު ހަދާފައި އޮތް އެއްބަސްވުން އުވާލައި، އެ ގައުމުގެ ސިފައިން ފޮނުވައިލަން ގިނަ މަސައްކަތްތަކެއް ކުރީ ސަރުކާރުގައި ކޮށްފައިވާނެ ކަމަށެވެ.

މި އަހަރުގެ މާޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ބޭނުންވި ނަމަ އިންްޑިއާ ސިފައިން ފޮނުވައިލެވުނީސް ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އޭރު އެންގި ލިޔުމެއް ވެސް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި ކުރި މަސައްކަތްތައް ޑިފެންސް މިނިސްޓްރީންނާއި ފޮރިން މިނިސްޓްރީން ފެންނަން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތްތައް ޑިފެންސް މިނިސްޓްރީގައި ފެންނަން ހުންނާނެ. އަޅުގަނޑުމެން ކުރި މަސައްކަތް ހާރިޖިއްޔާގައި ފެންނަން ހުންނާނެ. ހަމަ ގައިމުވެސް ނޯންނާނެ، އަޅުގަނޑުމެންގެ ވެލްކަމް އޯވާސްޓޭ ކުރި މީހުންނަކަށް އަޅުގަނޑުމެން ވިސާއެއް ނުދެން. އެމީހުން ތިބީ ގާނޫނާ ހިލާފަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ފޮނުވާލަން ބޭނުންވި ނަމަ، އެ ނުހުންނާނެ ކަމަށެވެ.

"ޖެނެރަލް ޝަމާލަށް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސްއަކީ ތި ވިދާޅުވާ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި ހަގީގަތުގައިވެސް ހެލިކޮޕްޓަރުތައް ފޮނުވާލަން ބޭނުންވި ނަމަ ހެލިކޮޕްޓަރުތައް ނުހުންނާނެއޭ،" ޔާމީން ވިދާޅުވި އެވެ.

ކ. އަތޮޅުގައި އޮންނަ އުުތުރުތިލަފަޅު ހިއްކައި، އެތަނުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ގުޅޭ ބައެއް މައުލޫމާތުތައް ލީކްވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވެފައި ވަނީ "އޭރުވެސް އެ އެގްރިމެންޓް ބާތިލުކުރަން ސަރުކާރުން ކެރިގެން ނުކުތް ނަމަ އެކަން ވީސް" ކަމަށެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ފަދަ މޭރުމަކުން ޝަމާލް ވިދާޅުވެފައިވާ ބަސްކޮޅާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ޔާމީން ރޭ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި މި ގައުމުގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ބޭނުން ނުވާ ކަމަށެވެ. އަދި އިންޑިއާގެ ސިފައިން މިގައުމުން ބޭރުކުރުމަށް ޔާމީން ގޮވާލެއްވި އެވެ.