Advertisement

ތުލުސްދޫ އަންމަޑޭ: "ވަކަރުގޭ" ކުއްޖަކުން "ރާޅު ހީރޯ" އަކަށް

5 ޑިސެންބަރު 2021 - 08:34 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ތުލުސްދޫ އަންމަޑޭ: "ވަކަރުގޭ" ކުއްޖަކުން "ރާޅު ހީރޯ" އަކަށް

5 ޑިސެންބަރު 2021 - 08:34 2

"މީ ވަކަރުގެ ކުދިން. އެކަމަކު މިއަދު މީ ފައިބަރުގޭ ކުދިން،"

މިދިޔަ މަހު ނިންމާލި ގައުމީ ރާޅާ އެޅުމުގެ މުބާރާތުން ދެވަނަ ހޯދައިގެން އެވޯޑާއެކު ތުލުސްދޫ އަށް ދިއުމުން ރަށު މީހުން ކީ ހޫނު މަރުހަބާއިން އުފަލުން ހިތް ފުރިފައި ހުރި އަހްމަދު އާގިލް (އަންމަޑޭ) އަށް ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. އުފާވެރި އެ ދަނޑުވަޅުގައި އޭނާ އަށް ކޮށްފައި ހުރި އަސަރުން ޖަޒުބާތުތައް ބަންޑުންވެ، ލޮލަށް ޖަމާވި ކަރުނަ ތައް ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަ އިރު، އެ އިހުސާސްތައް ލަފުޒުތަކެއްގެ ސިފައިގައި ބޭރުކުރަން ނުކުޅެދިފައި ހިނދުކޮޅަކަށް އޭނާ އަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީ އެވެ.

ވަރަށް އުނދަގުލުން އެންމެ ފުރަތަމަވެސް ބުނީ "މިދުވަސް އަންނާނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރަން" ކަމަށެވެ. ތުލުސްދޫ އަށް ރާޅާ އެޅުމުގެ ގައުމީ މުބާރާތަކުން ރަން ވަނައެއް ހޯދައިދިން އެ ޒުވާނާ، އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ހިނދުކޮޅުގެ ޝުއޫރުތައް ބޭރުކުރަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަތައް ފޮހެމުންނެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ނިސްބަތްކުރެވިގައި އޮތީ ރަށުތެރެއަށް ގިނަވެފައި ހުރި މީހެއްގެ ޓެގެވެ. އެކަމަކު އެރޭ، އެ އެންމެންގެ ކުރިމަތީގައި އޭނާ ހުއްޓި އެ ހުރީ ރަށަށް ރީތި ނަން ހޯދައި ދިން ފަހުރުވެރި، ހުނަރުވެރި ޒުވާނެއްގެ ގޮތުގަ އެވެ. އެތަނަށް މީހުން އެއްވެ އެ ތިބީ ރާޅާއެޅުމުން އޭނާ ހޯދި މޮޅު ކާމިޔާބީގެ އަގު، ރަށު ފެންވަރުގައި ފާހަގަކުރުމަށެވެ.

ރާޅާ އެޅުމަށް އުފެދުނު ލޯތްބަކާއި އެކު ގްރޭޑް އަށަކުން ސްކޫލުން ވަކިވެ، އަންމަޑޭ އެ އުޅުނީ އެކަމުގަ އެވެ.

"ރާޅާ އަޅަން ހެދީމަ އަހަރެން ވީ ވަކަރުގޭ ކުއްޖަކަށް. މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްގެ ލޭބަލް ވެސް އެޅުވި. އާއިލާ އަށް ބަދުބަސް ބުނި،"

'ލާޗާރު ބިޗާރަށް' އުޅޭ ހުރިހާ ޒުވާނުންނަށް ހިތްވަރެއްގެ ގޮތުގައި އަންމަޑޭ އޭނާގެ ވާހަކަ ކިޔައިދެމުން ދިޔަ އެވެ.

ސާބިތު އަޒުމަކާއެކު މަންޒަރު ބަދަލުކޮށްލި

އެތައް ތަކުލީފަކާއެކު މާޒީވި 15 ވަރަކަށް އަހަރު ކުރި ދިގު ދަތުރުގެ ހަނދާން އާކުރަމުން އަންމަޑޭ ބުނީ "ވަކަރުގެ އާއިލާ"ގެ ގޮތުގައި އޭނާގެ އާއިލާ ސިފަކުރީ، އެ އާއިލާ އަށް ނިސްބަތްވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ރާޅާ އަޅާތީ ކަމަށެވެ. އެންމެ ހަގަށް އަންމަޑޭ ހުންނައިރު، އޭނާގެ ބޮޑަށް ތިބޭ ހަ ބެއިން ވެސް ރާޅާ އަޅަ އެވެ. "ރާޅު ނުވަނީ" އެއާއިލާ އަށް އުފަންވި ހަމަ އެކަނި އަންހެން ކުއްޖާ އެވެ.

އޭނާ ބުނީ ފުޓުބޯޅަ ކުޅެން ދާ ކޮންމެ ދުވަހަކު އަނިޔާ ލިބޭ ކަމަށެވެ. އެހެންނަމަވެސް ރާޅުމަތީ "ކޮވެއްޔެއްހެން އުދުހެލާއިރު" ލިބޭ އަނިޔާ ކުޑަ ކަމަށެވެ. އަދި ހިތަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑު ކަމަށެވެ.


ރާޅަށް އުފެދުނު ޝައުގަކާއި އެކު އަންމަޑޭއަށް ވުރެ ދޮށްޓަށް ތިބި ބޭބެމެން ރާޅާ އަޅާ މަންޒަރު ބަލަން ހުރެ އެކަން އޭނާ ދަސްކުރަން ފެށި އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާގެ ބޭބެމެން ހެދި، އާދައިގެ ފުޅިމަދު ބޯޑެއްގައި ފޮތި ކަވަރެއް އަޅުވައިގެން ދިޔަ އެވެ. އޭގެ މަތީގައި އޮވެ ކުރިއަށް ނުދެވި ބަނޑުން ހަންދާން ފެށުމުން އެހެން ގޮތެއް ހޯދަން އަންމަޑޭ މަސައްކަތް ކުރި ކަމަށް އޭނާ ކިޔައިދިނެވެ.

"އެހެން އުޅެނިކޮށް ގޮނޑަށް އެއްލާލާފައި މި އޮންނަނީ ބޯޑު ބުރިއެއް، ކޮޅު ބިންދާގެން ގޮސް ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ބޯޑެއް. ރާޅަށް ދާ ހިތުން އޭތި ނަނގައިގެން ގޮސް، ބިންދައިގެން ގޮސްފައި އޮތް ތަނާ ފިލައިކޮޅެއް މޮހަރު ޖަހައި ގުޅުވީ،" އަންމަޑޭގެ ހަނދާންތައް ހިއްސާކުރި އެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ބޯޑުގައި ފަސޭހަކަމާއި އެކު ކުރިއަށް ދެވި، ފުރަތަމަ ފަހަރަށް ރާޅެއްގެ މައްޗަށް ހިންދެމިލެވުނެވެ. އަދި އެ ވަގުތު ކުރެވުނު އިހްސާސާއެކު އެކަމަށް ދެވި ހިފ އެވެ. ސްކޫލް އިންޓަވަލް ގަޑިއަށް ލިބޭ ވަގުތުކޮޅުގައި ވެސް ރާޅު ބަލަން އައިސް ގޮނޑުދޮށުގައި ހުންނަ ކަމަށާއި، ބައެއް ދުވަސްދުވަހު ސްކޫލުން ފިލައިގެން ވެސް ރާޅަށް ދާ ކަމަށްވެސް ބުންޏެވެ. އެއީ އޭނާގެ ޝައުގުވެރިކަން ކިޔެވުމަށް ވުރެ ބޮޑަށް އެކަމަށް ހުރުމުންނެވެ.


"ކިޔަވަންވެސް އުޅުނިން. އެކަމަކު އެކަމެއް ނުވި. އެމީހަކު ކުރާ ހިތްވާ ކަމެއްތާ އެމީހަކަށް ކުރެވޭނީ. މުސްކުޅިން ބުނެ އުޅެއެއްނު އެކަކުންޏެއް ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ." އަންމަޑޭ ބުންޏެވެ.

ހާލަތާ ނުގުޅޭ ބުނުމެއް ނަމަވެސް، އެ ވާހަކައިން އަންމަޑޭގެ އިހުސާސްތައް އެބަ ދެނެގަނެ ވެއެވެ. އަންމަޑޭގެ ޝައުގުވެރިކަމާ ގުޅިފައި އޮތީ މޫދެވެ. އެތަނުން ލިބޭ ހިތްހަމަޖެހުން ސުކޫލް ފޮތް ބަންޑެލިން އޭނާއަކަށް އިހުސާސެއް ނުކުރެވެ އެވެ.

މިގޮތަށް ސްކޫލް ދުވަސްތަކުގައި މޫދަށް ދާކަން ފަޅާއެރުމާއެކު، އޭނާ ސްކޫލުގެ މާހައުލުގައި ހިފެހެއްޓުމަށް ސްކޫލުން ބާރުއަޅަން ފެށި އެވެ. ސްކޫލް އޮންނަ ދުވަސްތަކުގައި މޫދަށް ދިއުން މަނާކުރި އެވެ. އެ ގަވާއިދާ ހިލާފުވެގެން، ގޭބަންދުކުރުން ފަދަ އަދަބުތައް އޭނާއަށް ލިބިފައި އެބަހުއްޓެވެ. ސްކޫލުގެ ހަތަރު ފާރުގެ އެތެރޭގައި އަންމަޑޭ ހިފެހެއްޓުމަށް ކިތަންމެ މަސައްކަތެއް ކުރެވުނު ނަމަވެސް، އޭނާއާ ރާޅަށް ދެމެދަށް ވަނުމުގެ ފުރުސަތު ސްކޫލަށް ދިނުމަށް އަންމަޑޭ ފާޅުގައި ދެކޮޅު ހެދި އެވެ. ސްކޫލުގެ ހުރަސް އެޅުމަށް އޭނާ ދިން ފިނި ރައްދަކީ ޅަފަތުގައި އޮތް މަދަރުސީ ދައުރަށް އަލްވަދާއު ކިޔުމަށްފަހު، އޭނާގެ ހުރިހާ ވަގުތަކާއި ހަޔާތުގެ ކުރިމަގުވެސް ރާޅާ ހަވާލުކުރުމެވެ.

ރާޅާ އަޅައިގެން އުފާވެރިކަމާއި ތަނަވަސްކަން

ސްކޫލުން ވަކިވުމަށްފަހު، އަންމަޑޭ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ އެ ރަށުގައި ހުންނަ ސުވެނިޔާ ޝޮޕެއްގަ އެވެ. އަންމަޑޭ ކިޔައިދިން ގޮތުގައި އެ ފިހާރަ އަށް ގެސްޓުން ގެންނަނީ ރާޅަށް ގޮސްގެންނެވެ.

"ސުވެނިޔާ ޝޮޕެއްގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ. ރާޅަށް ގޮސްފައި މި ގެންނަނީ ޝޮޕަށް ގެސްޓުން. ގެނައިމާ އެތަނަށް ލިބޭ އެއްޗަކުން ސެލެރީ ލިބޭނެ. އޭރުން އަމިއްލައަށް އުޅޭވަރު ވާނެތާ."

އެއީ ރާޅާ އަޅައިގެން އޭނާއަށް އާމްދަނީ ލިބެން ފެށި ހިސާބުކަން ފާހަގަކޮށް ބުނީ، އެ މަސައްކަތުން ހިތްހަމަ ޖެހޭ ވަރަށް ލާރި ނުލިބުނު ކަމަށެވެ. ރާޅާ އަޅަން އާ ބޯޑެއް ގަންނަން ބޭނުންވި ކަމުގައި ވިޔަސް އޭރު އެކަންވެސް ނުކުރެވި އޮތީ ލިބޭ އާމްދަނީން ދެކޮޅުޖެހޭވަރު ނުވާތީ އެވެ.

ފަހުން ސަފާރީތަކުން އަންނަ ގެސްޓުން އަތުން ބޯޑު ލިބެން ފެށުމުން ޓުއަރގައިޑަކަށް ވާން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެފުރުސަތު ލިބޭ ގޮތެއް ނުވި އެވެ. އޭގެ ބަދަލުގައި އޭނާ އަށް ވަޒީފާ ލިބުނީ އެ ރަށު ގެސްޓު ހައުސް އަކުންނެވެ. އެތަނަށް އަންނަ ގެސްޓުން ގޮވައިގެން ރާޅާ އަޅަން ދިއުމުގެ މަސައްކަތް އެހާ ހިސާބުން ފެށި އެވެ.

އަންމަޑޭ ބުނީ އެ ވަޒީފާގެ ތެރެއިން ގެސްޓުންގެ އެކި ލެވެލްތަކުގެ މީހުންނާ އެކީ ރާޅާ އެޅުމުގެ ފުރުސަތު ލިބި، ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް އެހާ ހިސާބުން ފަހިވި ކަމަށެވެ. އަދި އެ މީހުންގެ އަތުން ޓިޕްސްގެ ގޮތުގައި ވެސް ލާރި ލިބެން ފެށުމާއި އެކު، އަތްމަތި ތަނަސްވާން ފެށުމުން ރާޅާ އަޅައިގެން ކުރިއަށް ދެވޭނެ ކަމަށް އޭނާގެ މަންމަ ވެސް ގަބޫލު ކުރި ކަމަށެވެ. އެކަން ވެގެން ދިޔައީ އަންމަޑޭއަށް ލިބުނު އެންމެ ބޮޑު ހިއްވަރަށެވެ.

"އެންމެ ފުރަތަމަ މަންމަމެން ބައްޕަމެންނަށް ވެސް މިކަން ކަމަކު ނުދިޔަ. ލާރި ނުލިބޭ ކަމަކަށް ވީމަ. އެކަމަކު ކުރާ ހިތްވަނީ މިކަންތައް. ކިޔަވާން މަސައްކަތް ކުރިޔަސް އެކަމެއް ވެސް ނުވި. ފުޓްބޯޅަ ކުޅެންދާ ކޮންމެ ދުވަހަކު އަނިޔާވޭ. ދެން މި މަސައްކަތުން ލާރި ލިބެން ފެށީމަ މަންމަމެންނަށް އޯކޭވީ މިކަން ކުރަން. އެ ހިސާބުން ވަރަށް ތަރުހީބުދިން. އެމީހުންނަށް ވެސް ގަބޫލު ކުރެވުނު ރާޅާ އަޅައިގެން ކުރިއަށް ދެވޭނެކަން. އޭގެފަހުން އަހާނެ ދަރިފުޅާ ރާޅަށް ނުދަނީހޭވެސް،" ފެންކަޅިވެފައި އިނދެ އަންމަޑޭ ކިޔައިދިނެވެ.

މިހާރު އޭނާ މަސައްކަތް ކުރަމުން ގެންދަނީ ސަފާރީގެ ގައިޑެއްގެ ގޮތުގަ އެވެ. އެއީ އޭނާ އެންމެ އަދާ ކުރަން ބޭނުންވި ވަޒީފާ އެވެ.

"ކުންފުނިން ކޮންމެ ދަތުރަކަށް ވެސް ދޭނެ ބޭރު ކޯޗަކާއި، ފޮޓޯ އާއި ވީޑިޔޯ ގްރާފަރެއް. ބޭރު ކޯޗު ފޮލޯ ކުރާނީ އަޅުގަނޑަށް. އެވަގުތެއްގައި އެންމެ ރާޅު ރަނގަޅު ވާނެ ސަރަހައްދާއި، ދިޔަވަރާއި، އެންމެ ރަނގަޅު ރާޅާއި އެއްޗެހި ކިޔަދިދޭން ހުންނަނީ. ދެން އެމީހުންނާއި އެކު ރާޅަށް ވެސް އަޅަން،" އޭނާ ބުންޏެވެ.


އަންމަޑޭ ބުނީ އޭނާ ރާޅާއަޅާއިރު، ކޯޗަށް ފާހަގަވާ ކަންކަން ކިޔަދީ، އެކަންކަން ރަނގަޅު ކުރުވާ ކަމަށެވެ. އަދި ރާޅާ އަޅާތަން ވީޑޯއޯކޮށް، އެ މަންޒަރު ބޮޑު ސްކީރީންއަކުން އަޅުވައިގެން، ހެދިފައި ހުންނަ ގޯސްތައް ކިޔައިވެސް ދޭ ކަމަށެވެ. އެހެންވެ، ރާޅާ އެޅުމުން ވެސް ކުރިއެރުންތަކެއް ލިބި ގިނަ ކަންކަން ދަސްވާ ކަމަށް އަންމަޑޭ ބުންޏެވެ.

"ފްރީލާންސް ކޮށް އެކި ސަފާރީތަކަށް އަރަނީ. އަރާ ކޮންމެ ދުވަހަކަށް ގާތްގަނޑަކަށް ލިބޭނެ 100 ޑޮލަރު ވަރު. މިހާރު ވަރަށް ފުދިގެން ހަމަ އުޅެވޭ. މާލޭގައި އުޅެނީ ވެސް،" އަންމަޑޭ ބުންޏެވެ.

"ރައްޓެއްސަކާ އެއްކޮށް އެކްސްޕީރިއެންސް ކޮށްލަން ހަމަ ދަތުރެއް ކުރީ، މާލެއިން ލ. އަތޮޅަށް. އޭގެއިން އަސްލު ބޮޑު އެއްޗެއް ދަސްވީ. ހަމައެކަނި ރާޅެއް ނޫންކަން އިނގެން ޖެހޭނީކީ، ވިއްސާރަ، އޮއިވަރު، ވިލައަށްވާ ގޮތް، އޮއިވަރު އެނބުރޭ ގޮތް، އެ ހުރިހާ އެއްޗެއް އިނގެން ޖެހޭނެ އަސްލު މިކަން ކުރާއިރު."

ރާއްޖެއިން އެންމެ އުހަށް، މިހާރު އަމާޒަކީ ބައިނަލްއަގްވާމީ ގޮތުން ވިދާލުން

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ރާޅާ އެޅުމުގެ މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ އަންމަޑޭ އަކީ ގައުމީ ޓީމުގެ ރާޅާ އެޅުންތެރި އެކެވެ. އެތައް ޒަމާނެއް ވަންދެން ހަތަރު ވަނައިގައި އޮތުމަށްފަހު މި ފަހަރު އޭނާ އަށް ދެ ވަނަ ލިބިގެން ދިޔައީ ހަނި ތަފާތަކުންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މިއީ ލިބުނު މޮޅެކެވެ. އަދި މުބާރާތް ކާމިޔާބު ނުކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށް ބުންޏެވެ.

"އެހެން ފަހަރު ތަކާއި ހިލާފަށް މި ފަހަރު ލެޑް ސްކްރީނަކުން ލައިވްކޮށް ސްކޯ ފެންނަން ހުރި، އެކަމަކު އެ ޓީވީއިން ވަކި ހިސާބަކުން ސްކޯ ނުފެންނަން ފެށީ ހިސާބުން ވާއެއް ނުވާއެއް ނޭނގުނު، އެނައުންސް ކުރިއިރު ވެސް ސާފެއް ނުވި، ބޮޑު ސްކޯއަކުން ލީޑްގައި އޮތީމަ ހަމަޖެހިލައިގެން އަޅުގަނޑު އޮތީ ބޯޑުމަތީ، އެހެން އޮއްވަ މާފަހުން މި އިނގުނީ އެހެން ކުއްޖެއް ލީޑް ނެގިކަން، އެ ގަޑީ ރާޅެއްގައި އަޅަން އުޅުނު ނަމަވެސް ވަގުތު ހަމަވީ،" ނިމި ދިޔަ މުބާރާތުގައި އޭނާއަށް އެއްވަނަ ނުލިބުނު ސަބަބު ކިޔައިދެމުން އަންމަޑޭ ބުންޏެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ރާއްޖެ ތަމްސީލުކޮށް އެކި ވަނަތައް އަންމަޑޭ ރާއްޖެ އަށް ހޯދައިދީފައި ވެއެވެ. އެގޮތުން އިންޑިއާގައި ބޭއްވި މުބާރާތެއްގައި އެއް ވަނަ ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ. އަންމަޑޭ ގަބޫލުކުރާ ގޮތުގައި އޭނާ މިހާރު ހުރީ މި ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް އާދެވިފަ އެވެ. އޭނާ މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ވިދާލާ، އެންމެ އުހަށް އެރުމަށެވެ.

ނަސޭހަތަކާއި އެކު ވަރުގަދަ ހުށަހެޅުމެއް، އަދި އެދުމެއް

ރާޅާ އަޅައިގެން އުހަށް އެރޭނީ އޭނާގެ ފަހަތުގައި ބަޔަކު ތިބެ، ތަރުހީބު ދީގެން ކަމަށް އަންމަޑޭ ވަރަށް އަސަރާއި، ޝުކުރުވެރިކަމާއެކު ބުންޏެވެ. އޭނާ ބުނީ ތުލުސްދޫ އަށް ރީތި ވަނަތައް ގެނެސްދިނަސް އެކަން ބަލައިގަންނަނީ މަދު ބައެއް ކަމަށެވެ. އަދި "ވެއްޓިފައި އޮތް ކުނިކޮޅެއް ޑަސްބިނަށް ނުލާ ހިނދަކު އެ ކުނިކޮޅު އޮންނާނީ ހޫރި ހޫރި" ކަމަށް ބުނެ މިސާލެއް ދެއްކި އެވެ.

މިފަދަ އިން ބުނީ އޭނާ އަށް ރަށުން ލިބޭ އެއްބާރުލުން ކުޑަކަމުންނެވެ. އަދި "ރާޅާ އެޅުމަކީ ތާކުންތާކުން ނުޖެހޭ ވަކަރުގެ ކުދިން ކުރާ ކަމެއް ކަމަށް" އަދިވެސް އެރަށު ބައެއް މީހުން ގަބޫލުކުރާތީ އެވެ. އެހެން ނަމަވެސް މިހާރު އެ ރަށަށް ފަތުރުވެރިކަން ތައާރަފުވެ، އެ ސިނާޔަތް ކުރިއަރުވަނީ ވެސް ރާޅާއަޅަން ފަތުރުވެރިވެރިން ގެންގޮސްގެން ކަން އޭނާ ފާހަގަކުރި އެވެ.

އަންމަޑޭ ހޯދި ކާމިޔާބީ ފާހަގަ ކުރަން ތުލުސްދޫގައި ބޭއްވި ހަފުލާގައި އެ ދާއިރާ ތަމްސީލުކުރާ މެމްބަރު، އަހްމަދު ނަސީމް ވިދާޅުވީ ގައުމީ ވަނައެއް ރަށުގެ ރައްވެއްސަކަށް ލިބުމަކީ ކުލަގަދަކޮށް ރަށު ފެންވަރުގައި އެންމެން ގުޅިގެން ފާހަގަކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ރަށު ވަންތަކަމުގެ ރޫހު ތުލުސްދޫ އިން ނުފެންނަ ކަމަށް ވިދާޅުވެ، އެކަމާއި ހިތާމަކުރެއްވި އެވެ. އެއީ އެ ރަށުގެ އާބާދީގެ ނިސްބަތުން މަދު ބަޔަކު އެރޭ ބޭއްވި ޖަލްސާ އަށް، އައުމުންނެވެ. އަދި މަދު ބަޔަކު އަންމަޑޭ އަށް މަރުހަބާ ކިޔުމަށް ބަނދަރު މައްޗަށް ދިއުމުންނެވެ.

އޭނާއަށް ތާއީދުކޮށް ބަނދަރު މައްޗަށް ދިޔައީ ކިތައް މީހުންތޯއާއި ޖަލްސާގައި ތިބީ ކިތައް މީހުންތޯ އަންމަޑޭއެއް ނުބަލަ އެވެ. އޭނާގެ މަސައްކަތް ބަލައިގަނެ، ތަރުހީބުދީ ހިތްވަރުދިން އެންމެނަށް އޭނާގެ ހިތުގައި އޮތީ ހުސްނުވާނޭ ޝުކުރެވެ. އަންމަޑޭ ބުނީ، ކުރިއަށް އޮތް ތަނުގައި ތުލުސްދޫ އަށް ރަން ވަނަތައް ހޯދާދިނުމަށް އެ ހަފްލާއިން ހިއްވަރު ލިބިގެން ދިޔަކަމަށާއި އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.


"އަޅުގަނޑު ކުރިއަރާ ދާން ބޭނުންވަނީ އެކަންޏަކުއެއް ނޫން. އަޅުގަނޑު ދާނީ އަޅުގަނޑާއި އެކު ދާން ބޭނުން ދެން ތިބި ކުދިންވެސް ގޮވައިގެން،" އަންމަޑޭ ބުންޏެވެ.

އެހެންކަމުން އަންމަޑޭ ބެލެނިވެރިންނަށް ނަސޭހަތްތެރިވީ ތައުލީމުގެ އިތުރުން ކުޅިވަރަށް ވެސް ކުދިންގެ ހިތް ޖެއްސުމަށެވެ. ކުދިން ކުރާ ހިތްވާ ކަމެއް ނުހުއްޓުވުމަށެވެ. އެކަމަކަށް ހުރަސް އެޅުމުގެ ބަދަލުގައި ހިތްވަރު ދިނުމަށެވެ. ކުރާ ހިތްވާ މަސައްކަތަކުން ކުރިއަށް ދިއުމަށް މަގު ދެއްކުމަށެވެ.

"އަޅުގަނޑު މިހިރީ ތައްޔާރަށް މި ރަށު ކުދި ބޮޑު އެންމެންނަށްވެސް ރާޅާ އަޅަން ދަސްކޮށްދޭން. ޝައުގުވެރިވާ އެންމެން އަޅުގަނޑު ގާތު ބުނަންވީ. އަޅުގަނޑާއެކު ތިބި ބަޔަކު ގޮވައިގެން މިކަމުގައި އެންމެ އުހަށް އިރާދަކުރެއްވިއްޔާ އަރާނަށް. އެއީ އަޒުމަކީ، އަދި އުންމީދަކީވެސް،" އަންމަޑޭ ބުންޏެވެ.

އަންމަޑޭ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާޅާ އެޅުމުގެ ގައުމީ މުބާރާތެއް ތުލުސްދޫގައި ބޭއްވިގެން ދާނެ ދުވަހެކެވެ. އެދުވަސް މާ ދުރު ނޫން ކަމަށް އޭނާ ބުންޏެވެ. އަދި އެ މުބާރާތުގައި ތުލުސްދޫގެ ރާޅާ އެޅުންތެރިން މުޅި ގައުމަށް ވިދާލަން ވާނެ ކަމަށް އޭނާ ޖޯޝުގައި އަޑަށް ބާރުލާފައި ބުންޏެވެ.