4 ޑިސެންބަރު 2021 - 11:23 1
ފާތިމަތު ސާޔާ އަހުމަދު
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން. -- ފޮޓޯ: އޭއެފްޕީ
4 ޑިސެންބަރު 2021 - 11:23 1
ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 4) - ބާރުގަދަ ގައުމު ތަކާއި އިރާނާ ދެމެދު ބާއްވާ ނިޔުކްލިއާ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބެނީ އިރާނުން ސީރިއަސް ނުވާތީ ކަމަށް ބުނެ އެމެރިކާ އިން އިންޒާރެއް ދީފި އެވެ.
ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އިރާނުގެ ނިޔުކްލިއާ ހަރަކާތްތައް ކުރިއަށް ގެންދަން ވަގުތު ހޯދުމުގެ ގޮތުން މަޝްވަރާ ދިގުދެންމުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ޑިޕްލޮމެސީ ފެއިލްވެއްޖެ ނަމަ "އެހެން އޮޕްޝަންތަކަށް" ދާނެ ކަމަށެވެ.
އިރާނާ އެކު 2015 ވަނަ އަހަރު އެކުލަވާލި ނިޔުކްލިއާ ޑީލް އަލުން އިއާދަކުރުމާ ގުޅޭ މަޝްވަރާތަކުގެ ހަތް ވަނަ ބުރު މި ހަފުތާގައި ފެށުމަށް ފަހު މިހާރު ވަނީ މެދުކަނޑާލާފަ އެވެ. ފަސް ދުވަހުގެ މަޝްވަރާ އަށް ފަހު އެމެރިކާ އާއި ޔޫރަޕުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.
"މިދިޔަ ދުވަސްކޮޅު އަޅުގަނޑުމެންނަށް ފެނުނީ އެއްބަސްވުމާ އެއް ގޮތަށް އަމަލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ މެދު އިރާނުން ސީރިއަސް ނުވާކަން. މަޝްވަރާތަކުގެ މި ބުރު މެދުކަނޑާލަން ޖެހުނީ އެހެންވެ،" ބްލިންކެން ވިދާޅުވި އެވެ.
ރައީސް ޖޯ ބައިޑެންގެ ތަރުޖަމާނު ޖެން ސާކީ ވެސް ވިދާޅުވީ މަޝްވަރާގެ ފުރަތަމަ ހަ ބުރުގައި "ކުރިއެރުން ލިބުނު" ނަމަވެސް މި ހަފުތާގައި އިރާނުން އަމަލު ކުރީ "މައްސަލަތައް ހައްލު ކުރުމުގެ ވިސްނުމުގައި އުޅޭ ބަޔަކު" އަމަލު ކުރާނެ ގޮތަށް ނޫން ކަމަށެވެ.
އިނގިރޭސިވިލާތާ، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް، އިރާން، ރަޝިއާ އަދި އެމެރިކާ އިން 2015 ގައި ސޮއިކުރި ނިޔުކްލިއާ އެއްބަސްވުން ރޫޅުނީ 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަށް އަމަލުނުކުރަން ނިންމެވުމުންނެވެ.
އޭގެ އަހަރެއް ފަހުން އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލައި، ނިޔުކްލިއާ މަޝްރޫއުގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރަން ފެށި އެވެ. އިރާނުން ބުނީ އެއީ ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ހުޅަނގުން ދެކޭ ގޮތުގައި އިރާނުން އުޅެނީ ނިޔުކްލިއާ ހަތިޔާރު އުފެއްދުމަށެވެ.
އެއްބަސްވުން އިއާދަކުރަން އެމެރިކާ އަދި އިރާނުން ވެސް ބޭނުންވާތީ ފެށި މަޝްވަރާތަކުގެ ހަތް ވަނަ ބުރު މެދުކަނޑާލުމަށް ފަހު އޮފިޝަލުން ވަނީ އެނބުރި ގައުމުތަކަށް ގޮސްފަ އެވެ. ނަމަވެސް އަންނަ ހަފުތާގައި އަލުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.
Comment