Advertisement

ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން މިދިޔަ ސީޒަނު ރަންގްނިކް ޗެލްސީގެ އޮފާއެއް ދޫކޮށްލި

4 ޑިސެންބަރު 2021 - 07:56 0

ޔުނައިޓެޑްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރަންގްނިކް.-- ފޮޓޯ: އޭއެފްޕީ


ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން މިދިޔަ ސީޒަނު ރަންގްނިކް ޗެލްސީގެ އޮފާއެއް ދޫކޮށްލި

4 ޑިސެންބަރު 2021 - 07:56 0

މެންޗެސްޓާ (ޑިސެމްބަރު 4) - މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވާން ލިބުނު އޮފާއެއް ދޫކޮށްލި ކަމަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

އުމުރުން 63 އަހަރުގެ ރަންގްނިކް ވަނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވެފަ އެވެ. އޭގެ ފަހުން ދެ އަހަރުގެ މުއްދަތަށް ރަންގްނިކް ޔުނައިޓެޑްގެ އެޑްވައިޒަރެއްގެ ރޯލުގައި މަސައްކަތް ކުރާނެ އެވެ.

ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ކުރިމަތިލި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރަންގްނިކް ބުނީ ކޯޗެއްގެ ގޮތުގައި އޭނާ އަށް ޔުނައިޓެޑްގައި ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއް އޮތް ނަމަވެސް އެ މުއްދަތު ހަމަވުމުން ކޯޗުގެ މަގާމުގައި އޭނާ ދެމިހުރުމަކީ ވެސް ހަމަ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ރަންގްނިކް ވަނީ ޔުނައިޓެޑްގެ ހުށަހެޅުން ގަބާލުކުރީ ދުނިޔޭގެ އެންމެ ބޮޑު ކްލަބުން ލިބޭ ރަނގަޅު ފުރުސަތެއް ގެއްލެން ނޭދޭތީ ކަމަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން އެ ޓީމުގެ ކޯޗަކަށް ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ރަންގްނިކް އެވެ. އެކަމަކު، އެ ހުށަހެޅުން ރަންގްނިކް ގަބޫލުނުކުރުމުން އެ ޓީމާ ހަވާލުވީ ތޯމަސް ޓުޗެލް އެވެ. ޓުޗެލް އެންމެ ފުރަތަމަ ކޯޗިން އަށް ނުކުތީ ރަންގްނިކް ދިން ފުރުސަތެއްގަ އެވެ.

"ޗެލްސީން އަހަންނާ ވާހަކަ ދެއްކީ ހަތަރު މަހުގެ ކޮންޓްރެކްޓަކަށް އެ ޓީމާ ގުޅެން. އެ އޮފާ އަކު ނެތް ދިގު ރާސްތާ ވިސްނުމެއްްގެ ޕްލޭނެއް. އެހެންވެ، އަހަރެން ނިންމީ އެ ހުށަހެޅުން ދޫކޮށްލަން. ޔުނައިޓެޑާ މި ފަހަރު މި ހަވާލުވިއިރު، މި އޮތީ ޕްރިމިއާ ލީގުގެ ތިން ބައި ކުޅަ އެއް ބައި ކުޅެފައި. އެހެންވީމަ އަދިވެސް މި ސީޒަނުގައި ޔުނައިޓެޑްގެ ކަންކނަް ރަނގަޅު ކުރަން އަހަންނަށް ކުރެވޭނެ މަސައްކަތް ބައިވަރު އެބަހުރި،" ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ރަންގްނިކް ހަވާލުވިކަން ޔުނައިޓެޑުން އިއުލާނުކުރި ނަމަވެސް ރަސްމީކޮށް ޓީމުގެ ޒިންމާތަކާ ހަވާލުވާން މުއްދަތެއް ނެގީ އޭނާގެ ވޯކްޕާމިޓް ހަަމަނުޖެހޭތީ އެވެ. މިހާރު ޕޯކް ޕާމިޓް ވަނީ ހަމަޖެހިފަ އެވެ. ޔުނައިޓެޑާ އެކު ރަންގްނިކްގެ ފުރަތަމަ މެޗަކީ މާދަމާ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ކުޅޭ މެޗެވެ.

ރަންގްނިކް ވަނީ ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުން 3-2 އިން އާސެނަލް ބަލިކުރި މެޗު ބަލަން ދަނޑަށް ގޮސްފަ އެވެ. ޔުނައިޓެޑްގެ ސްކޮޑާ ބެހޭ މައުލޫމާތު އެ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއި މައިކަލް ކެރިކްގެ ފަރާތުން އެއްކުރި ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ. އެންމެ މުހިއްމު ކަމަކަށް ރަންގްނިކަށް ފާހަގަކުރެވުނީ ޔުނައިޓެޑްގެ ޑިފެންސް ރަނގަޅު ކުރުމެވެ.