Advertisement

އެމްޓީސީސީ، އެސްޓީއޯ، އެމްޕީއެލް، ސިފައިން އަދި ޕްރިޒަން ދެ ވަނަ ބުރަށް

3 ޑިސެންބަރު 2021 - 23:53 0

އެސްޓީއޯ ޓީމުގެ ވައްޖެ ބޯޅަ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ


އެމްޓީސީސީ، އެސްޓީއޯ، އެމްޕީއެލް، ސިފައިން އަދި ޕްރިޒަން ދެ ވަނަ ބުރަށް

3 ޑިސެންބަރު 2021 - 23:53 0

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިއަދު ހަވީރާއި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެމްޓިސީސީ، އެސްޓީއޯ، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް އަދި ޕްރިޒަން ކްލަބް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

މިއަދު ހަވީރު ޕްރިޒަން އިން ވަނީ ރާއްޖެ އޮންލައިން (އާރްއޯއެލް) 4-0 އިން ބަލިކޮށްފަ އެވެ. އެމްޓީސީން މިރޭ އެމްއެމްއޭ ސޯޝަލް ކްލަބް އަތުން މޮޅުވީ 3-1 އިންނެވެ. އެސްޓީއޯ އިން 3-1 އިން މޯލްޑިވްގޭސް ބަލިކުރިއިރު، ދިވެހި ސިފައިންގެ ކްލަބުން ވަނީ ސިވިލް ކޯޓު 4-0 އިން ބަލިކޮށްފަ އެވެ. އަދި އެމްޕީއެލް އިން ވަނީ 6-2 އިން ކްލަބް 220 (ޕީޖީ އޮފީސް) ބަލިކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ޔަގީންކޮށްފައިވަނީ އެމްޓިސީސީ، އެސްޓީއޯ، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް އަދި ޕްރިޒަންގެ އިތުރުން ކްލަބް އެޗްޑީސީ، އާރްޑީސީ (އާރްއާރްސީ)، ދިރާގު، އެފްއެސްއެމް އަދި ފެނަކަ އެވެ. ބާކީ ހަ ޖާގަ ކަނޑައެޅޭނީ މާދަމާ ހަވީރާއި ރޭގަނޑު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ޕްރިޒަން އިން އާރްއޯއެލް ކޮޅަށް ގޯލުތައް ޖެހީ ހިލޭ ޖެހުމަކުން މުރުތަޖާ މުހައްމަދު ޖެހި ގޯލުގެ އިތުރުން ހަސަން ވަހީދު އަހުމަދު، ހުސެއިން ނަބީހް އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސާޖިދު ރަޝީދު އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ފެނަކަ ވަނީ 2-2 އިން މުބާރާތުން ކަޓާފައިވާ އޭވިއޭޝަން ސެކިއުރިޓީއާ އެއްވަރުވެފަ އެވެ. އިސްމާއިލް ސިއާދާއި މުހައްމަދު ރިލްވާންގެ ގޯލުތަކުން އޭވިއޭޝަން ސެކިއުރިޓީން ލީޑުނަގާފައިވަނިކޮށް ފެނަކަ އަށް އެއްވަރުކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އާއި އަޔާޒް އަހުމަދު (އަޔާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ ސިއާދު އެވެ.

ގްރޫޕް އެފްގެ އެއް ވަނަ އަށް ފެނަކަ ދިޔައީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ޕްރިޒަން އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ އާރްއޯއެލްގެ ތިން ޕޮއިންޓް އޮތްއިރު، އެންމެ ފުލަށް ދިޔަ އޭވިއޭޝަން ސެކިއުރިޓީ އަށް ލިބުނީ އެއް ޕޮއިންޓެވެ.

އެމްޕީއެލް އިން ކްލަބް 220 ކޮޅަށް ގޯލުތައް ޖެހީ މުހައްމަދު ޔަފާއު (ޔާ)، އަހުމަދު ނިޒާމް (ނިޒާމްބެ)، ނާއިހު މުފީދު، އިބްރާހިމް ސަނޫން، ސިނާން އިބްރާހިމް ރަޝީދު އަދި ހަސަން ނިމާލް އެވެ. ކްލަބް 220 ގެ ގޯލުތައް ޖެހީ އަހުމަދު ސާމިހާއި އަބްދުލް ވާހިދު އިބްރާހިމް (ވާޑު) އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ސިފައިން ވަނީ ފަސޭހައިން ސިވިލް ކޯޓު ބަލިކޮށްފަ އެވެ. ސިފައިންގެ ގޯލުތައް ޖެހީ އިބްރާހިމް ފާރިޝް އަހުމަދު، އަހުމަދު ޝައިހާން ޖަލީލް، މުހައްމަދު އަލާއު އަދި އިބްރާހިމް ތޯއިފް އެވެ.

ގްރޫޕް ޖީގެ އެއް ވަނަ އެމްޕީއެލް އިން ހޯދި ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ސިފައިން ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ނިންމި ކްލަބް 220 އަށް ތިން ޕޮއިންޓް ލިބުނުއިރު، ސިވިލް ކޯޓަށް މުބާރާތް ނިމުނީ ޕޮއިންޓެއް ނުލިބި އެވެ.

އެސްޓީއޯ އިން ވެސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިރޭ މޯލްޑިވްގޭސް އަތުން އެސްޓީއޯ މޮޅުވިއިރު ގޯލުތައް ޖެހީ އިނާން މުހައްމަދު އާއި މުހައްމަދު ޝާހު އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. އިނާން ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލަަށް ވަންއިރު، ޝާހު ޖެހި ބޯޅަ ގޯލަށް ވަނީ މޯލްޑިވްގޭސްގެ ހަސަން ފައިގައި ޖެހިފަ އެވެ. އަދި އެސްޓީއޯ އިން ފަހު ގޯލު ޖެހީ އަލީ އިފާޒް ދިން ބޯޅައަކުން ވައްޖެ އެވެ. މޯލްޑިވްގޭސްގެ ހަމައެކަނި ގޯލު ޖެހީ ޓީމުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އެމްޓީސީސީން އެމްއެމްއޭ ކޮޅަށް ގޯލުތައް ޖެހީ ހުސެއިން އަލީ (އަޗޭ)، އަހުމަދު މުއާޒް އަދި މުހައްމަދު ސަމޫހު އަންވަރު އެވެ. އެމްއެމްއޭގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ސައިފް އެވެ.

ގްރޫޕްގެ ތިން މެޗުން މޮޅުވެ، އެއް ވަނަ ހޯދި އެސްޓީއޯ ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ މެޗުން މޮޅުވެ، އެމްޓީސީސީ ދެ ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. މޯލްޑިވްގޭސް އަށް ވެސް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ އެމްއެމްއޭ ކެޓީ ޕޮއިންޓެއް ވެސް ނުލިބި އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުތަކުގައި ޕޮލިހުން ހުޅުމާލޭ ހޮސްޕިޓަލާ ބައްދަލުކުރާއިރު، އެލައިޑް ކުޅޭނީ ޓްރޭޑް ކްލަބާ އެވެ. މާދަމާރޭ ފުރަތަމަ ދެ މެޗުގައި އުރީދޫ އާއި އެމްއޭސީއެލް ބައްދަލުކުރާއިރު، ކަސްޓަމްސް ކުޅޭނީ މީޑިއާނެޓާ އެވެ. މާދަމާރޭ ފަހުން ކުޅޭނީ ގްރޫޕް ސީގެ މެޗުތަކެވެ. ވެމްކޯ ނުކުންނާނީ ސިޓީ ކައުންސިލާ ދެކޮޅަށެވެ. އަދި ސްޓެލްކޯ ކުޅޭނީ ޔޫތު މިނިސްޓްރީއާ އެވެ.