Advertisement

މަހުމޫދު މަރާލި ކަމަށް ސާލިމް އިއުތިރާފުވެއްޖެ، ދައުވާ ކުރަން ފޮނުވަނީ

2 ޑިސެންބަރު 2021 - 16:40 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސާލިމް ދިރިއުޅޭ ނެދުންގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު


މަހުމޫދު މަރާލި ކަމަށް ސާލިމް އިއުތިރާފުވެއްޖެ، ދައުވާ ކުރަން ފޮނުވަނީ

2 ޑިސެންބަރު 2021 - 16:40 0

އަނިޔާވެރި ގޮތަކަށް އދ. ދަނގެތިން ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ކަމަށް އެ ރަށުގައި ދިރިއުޅޭ ބިދޭސީއެއް ކަމަށްވާ ޝާ އަލޮމް މިއާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި މަހުމޫދު މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެ ސާލިމް ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި މަރާލި ކަމަށް ބެލެވޭ ސަބަބަކީ ނުވަތަ މޯޓިވަކީ ފައިސާ ހޯދުންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަހުމޫދު އަތުން ފައިސާ ހޯދުމަށް ސާލިމް ބޭނުންވި ސަބަބުތައް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އެ ރޭ މަހުމޫދަށް ސާލިމް ދިރިއުޅޭ ގެއަށް ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަނަވެސް, އެއިން އެއްވެސް ކަމެއްގެ ތަފްސީލެއް ފުލުހުން މިއަދު ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ތަހުގީގު އާއި ކޯޓުގައި އިއުތިރާފުވެފައިވާތީ, އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާ ތެރޭ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަހުމޫދު މަރާލުމަށް ތިން ހަތިޔާރެއް ބޭނުން ކޮށްގެން ވަނީ އަނިޔާދީފައި. ދީފަ ހުރި އަނިޔާތަކަށް ބަލާއިރު ގިނަ އަނިޔާތަކަކަށް ފަހު މަރާލާފަ އެ ވަނީ،" ފުލުހުން ބުންޏެވެ.

އޭނާ ވަނީ މަހުމޫދު މަރާލުމުގެ އިތުރުން ވެސް އެހެން ބައެއް ކުށްތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގައި ސާލިމްގެ މައްޗަށް ތުހުމަތު ކުރާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، 57 އަހަރުގެ ވިޔަފާރިވެރިޔާ މަހުމޫދު ގެއްލިގެން ހޯދަނިކޮށް އޭނާ ފެނުނީ އަތް ފައި ބަނދެ، ބޮލާއި ފައި ގޯންޏަކަށްލައި، ވަޅަލަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދު ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ނިޝާނުތައް ފެންނަން ހުއްޓެވެ.

މި މައްސަލައިގައި ފުރަތަމަ އެ ރަށުގައި ދިރިއުޅުނު ތޮއްޑޫ ދެ ޒުވާނަކަށް ތުހުމަތު ކުރި ނަމަވެސް، ފުލުހުން މި މައްސަލައިގެ ތުހުމަތު ކުރަނީ ސާލިމަށް އެކަންޏެވެ. ފުލުހުން ބުނެފައި ވަނީ ސާލިމްގެ އިތުރުން މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.