Advertisement

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެއްޖެ

3 ޑިސެންބަރު 2021 - 10:32 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މަސް އައިނަކުން މަސް ބާނަނީ: މި ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 400 ޓަނުގެ މަސް ކޫއްޑޫއަށް ކިރާ. -- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)


ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެއްޖެ

3 ޑިސެންބަރު 2021 - 10:32 0

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެއްޖެ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ ކަމަށާއި، ބުދަ ދުވަހު އެކަނި ވެސް ދޯނިތަކުން 700 ޓަނުގެ މަސް ކޫއްޑޫއަށް ގެނައި ކަމަށެވެ. އޭގެ ތެރެއިން އެ ދުވަހު ކިރުނީ 425 ޓަނުގެ މަސް ކަމަށާއި ބާކީ މަސް ބުރާސްފަތި ދުވަހު ކިރަން ބިހެއްޓީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވަރެޖްކޮށް އެބަ ކިރާ ދުވާލަކަށް 400 ޓަނުގެ މަސް. މި ދުވަސްވަރު ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން މި މޫސުން އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދިގުދެމިގެން ދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ބައެއް މަސްވެރިން ބުނި ގޮތުގައި މަސްވެރިކަން އިންތިހާއަށް ރަނގަޅުވެގެން ދިޔަކަން ފާހަގަ ކުރެވުނީ ދާދި ފަހުން ކުރި ގަދަ ވިއްސާރައިގެ ފަހުންނެވެ.

"މި ދުވަސްވަރު މަސްވެރިކަން މާ ބޮޑަށް ވެސް ރަނގަޅު. ބައެއް ދޯނިތަކުން އެބަހުރި 40 ޓަނު ނުވަތަ އެއަށް ވުރެން ވެސް ގިނައިން ބާނާފަ. މިކިޔަނީ އެންމެ ދަތުރެއްގައި އަދި މަދު މިންވަރެއް ދެތިން ދުވަސް ވެއްޖެ މިގޮތަށް ތިޔާގިވެފައި އޮންނަތާ،" ކޮލަމާފުށީ އޮއިބާނި ދޯނީގެ ކެޔޮޅު ފަތުހީ ބުންޏެވެ.

އޭނާގެ ތަޖުރިބާއާއެކު ކިޔައި ދިން ގޮތުގައި ކޮންމެ ވިއްސާރަ މޫސުމަކަށް ފަހު މަސްވެރިކަން ރަނގަޅުވެ އެވެ. މިފަހަރު ކުރި ވިއްސާރަ އަށް ފަހު މަސްވެރިކަން ރަނގަޅު ވެފައިވާތީ، މާ ދުރަށް ދުއްވަން ނުޖެހި މަސް އައިން ފެންނަ ކަމަށް ފަތުހީ ބުންޏެވެ.

"ބައެއް ފަހަރު ރަށާ ފަސް މޭލް، 12 މޭލް ބޭރުން ވެސް ރަނގަޅަށް މަސް އެބަ ބޭނޭ،" އޭނާ ބުންޏެވެ.

މަސްވެރިކަމުގައި އުޅެމުން އަންނަތާ 40 އަހަރު ވެފައިވާ، ދާންދޫ ސީލައިފް ދޯނީގެ ކެޔޮޅު އަބްދުﷲ ހަސަން ބުނި ގޮތުގައި މި ދުވަސްވަރަކީ އޭނާގެ ހަޔާތުގައި ވެސް މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރެވެ.