Advertisement

ވޮލީ ތަރި އަހުސަން ގައުމީ ޓީމުން ރިޓަޔާކޮށްފި

2 ޑިސެންބަރު 2021 - 08:17 0

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން އަހުސަން.


ވޮލީ ތަރި އަހުސަން ގައުމީ ޓީމުން ރިޓަޔާކޮށްފި

2 ޑިސެންބަރު 2021 - 08:17 0

ގިނަ އަހަރުތަކެއް ވަންދެން ކުޅެ، ގައުމީ ވޮލީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި މުހައްމަދު އަހުސަން ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ބެހޭގޮތުން އަހުސަން "އަދަދު" އަށް ބުނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމީ މިހާރު ސިއްހީ ހާލަތު ހުރި ގޮތުންނާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބުމަށް އެދޭތީ ވޮލީގެ މުސްތަގުބަލަށް ވެސް ފައިދާ އަށް ވިސްނުމަށް ފަހު ކަމަށެވެ.

"ސީނިއާ ވޮލީ ޓީމާ ދުރަށް ދިޔަ ކަމުގައި ވިޔަސް ހިތް އަބަދުވެސް އޮތީ ވޮލީބޯޅައާ އެކުގައި. ދަސްވެފައި ހުރި އެއްޗެއް ކިޔައިދިނުމަށް ދެމި ހުންނާނަން. އިންޝާﷲ. ދުއާ އަކީ އަބަދުވެސް ދިވެހި ހުރިހާ ކުޅިވަރަކަށް ވެސް ކާމިޔާބާއި ކުރިއެރުން ލިބުން. ހާއްސަކޮށް ވޮލީބޯޅަ އިން،" އުނދަގޫ ނިންމުމާ ބެހޭގޮތުން އަހުސަން ބުންޏެވެ.

އުމުރުން 30 އަހަރުގެ އަހުސަން ވަނީ އޭނާ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާފައިވާކަން ރަސްމީކޮށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް އަންގައިފަ އެވެ. އަހުސަން ވަނީ ވީއޭއެމަށް އޭނާގެ ނިންމުން އެންގިކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެެވެ.

އަހުސަން ބުނީ ވޮލީ ގައުމީ ޓީމުގައި އޭނާގެ ކެރިއަރު ނިމުނު ކަމުގައި ވިޔަސް އަދި ދެކެން ބޭނުންވާ އެހެން ދުވަހެއް އެބައޮތް ކަމަށެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅު އަލްސަން ގައުމީ ލެވަލްގައި ކުޅޭނެ ދުވަހެއް ދެކިލުމެވެ.

2019 ވަނަ އަހަރު މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަހުސަން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މިހާރު


ނ. ހޮޅުދޫ އަށް އުފަން އަހުސަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2008 ވަނަ އަހަރު ޖޫނިއާ ގައުމީ ޓީމަށެވެ. ވޮލީބޯޅައިން ކުރިއަށް ދިއުމުގެ އަމާޒުގައި ވޮލީ ކޯޓަށް ނުކުމެ ފުރަތަމަ އަހަރުގައި ވެސް ޖޫނިއާ ގައުމީ ޓީމުން ފުރުސަތު ލިބުމުން އަހުސަން ދެން އިން ހަރުފަތަށް ދިއުމުގެ މަސައްކަތް ފެށި އެވެ. ރަނގަޅު ޓްރެކުގައި ދެމިހުރެ ކުރި މަސައްކަތުން 2011 ވަނަ އަހަރު އަހުސަންގެ އުއްމީދު ހާސިލްވެ، ސީނިއާ ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުނެވެ.

އަހުސަން ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މުބާރާތަކީ 2011 ވަނަ އަހަރު ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ.

އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި އަހުސަން ވަނީ 2013 އާއި 2015 ގައި ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭގެއިން ފުރަތަމަ މުބާރާތުގައި އަހުސަން އަށް ވަނީ އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަގާމު ލިބިފަ އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ބައިނަލްއަގުވާމީ މުބާރާތެއްގައި އެ މަގާމުން ވަނައެއް ލިބުނު ފުރަތަމަ ފަަހަރެވެ.

އަހުސަން ވަނީ ގައުމީ ވޮލީ ޓީމުން ސެންޓްރަލް ޒޯން މުބާރާތުގައި ލޯ މެޑަލް ހޯދި ދެ ފަހަރު ވެސް ޓީމަށް ކުޅެފަ އެވެ. ރާއްޖޭން ދެ ވަނަ ފަހަރަށް ސެންޓްރަލް ޒޯންގައި ލޯ މެޑަލް ހާސިލްކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ.