Advertisement

އެފްއޭއެމް އަންހެން ފުޓްބޯޅައިގެ ބޮޑު މުބާރާތުގެ ފެށުން ނައިފަރުން

2 ޑިސެންބަރު 2021 - 08:21 0

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގެ ތެރެއިން؛.-- ފޮޓޯ: އެފްއޭއެމް


އެފްއޭއެމް އަންހެން ފުޓްބޯޅައިގެ ބޮޑު މުބާރާތުގެ ފެށުން ނައިފަރުން

2 ޑިސެންބަރު 2021 - 08:21 0

އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އަންހެން ފުޓްބޯޅަ މުބާރާތްތަކުގެ ފުރަތަމަ ބައި ޅ. ނައިފަރުގައި މި މަހު ކުރިއަށް ގެންދަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން އިއްޔެ ގަލޮޅު ދަނޑުގައި ވަނީ ނައިފަރުގައި ބާއްވާ އިންވިޓޭޝަން ކަޕްގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފަ އެވެ. ނައިފަރުގައި ކުޅޭ މުބާރާތުގައި ހަ ޓީމެއް ވާދަކުރާނެ އެވެ. އެއީ ހިންނަވަރު އެފްސީ، ކުރެންދޫ އެފްސީ، އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓްކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބް އެވެ.

މި މަހު 25 އިން ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތުގެ މެޗުތައް ކުޅޭނީ ނައިފަރު ޓާފް ދަނޑުގަ އެވެ.

އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ވެސް ބާއްވަން ނިންމައިފަ އެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެ އެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން 2019 ވަނަ އަހަރު އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، ޓީމުތައް މަދުވުމާއި އެކަށީގެންވާ ވަރަށް ކުޅުންތެރިން ކްލަބްތަކަށް ލިބުމުގައި ދަތިތަކެއް ހުރުމުން މުބާރާތް ބޭއްވޭ ގޮތެއްނުވި އެވެ. އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން އެފްއޭއެމުން އެންމެ ފަހުން ބެލީ 2017 ވަނަ އަހަރު އެވެ. އެކަމަކު، އެ ފަހަރު ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލް ކުރާށެވެ.

ފުރަތަމަ ޑިވިޝަން ކްލަބްތައް ބައިވެރިވެގެން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުނީ 2014 ވަނަ އަހަރު އެވެ.

ގައުމީ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ލޯކަލް ގިނަ މުބާރާތްތަކެއް ކުޅެފައިނުވުމެވެ. ގިނައިން ކުޅެލަން ލިބެނީ ފުޓްސަލް މުބާރާތްތަކެވެ.

އަންހެން ފުޓްބޯޅަ ޓީމުން ދާދި ފަހުން އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ކުޅުނުއިރު، އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބ.އޭދަފުށީ ޓީމާ ދެކޮޅަށް އެ ރަށުގެ ޓާފް ދަނޑުގައި މެޗެއް ކުޅުނެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަކީ އަންހެން ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު ކުރިއަށް އެޅޭ ފިޔަވަޅެކެވެ. މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އެފްްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން ރާވާފައިވާ ގޮތަށް އަތޮޅު ތެރޭގައި އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވިއްޖަނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުން އިތުރު އަންހެން ކުޅުންތެރިން ފެނި، އަންހެން ފުޓްބޯޅަ ވެސް ކުރިއަރާނެ ކަމަށެވެ.