Advertisement

އިމިގްރޭޝަންގެ ބަންދެއްގައި ހުރި ކަމަށް ބުނެ އަލީ ވަހީދު ކޯޓަށް ހާޒިރުވާން އުޒުރުވެރިވެއްޖެ

1 ޑިސެންބަރު 2021 - 13:22 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އަލީ ވަހީދު: ޖިންސީ ގޯނާގެ ދައުވާތަކަށް ޖަވާބުދާރީވަން އުޒުވެރިވެއްޖެ --


އިމިގްރޭޝަންގެ ބަންދެއްގައި ހުރި ކަމަށް ބުނެ އަލީ ވަހީދު ކޯޓަށް ހާޒިރުވާން އުޒުރުވެރިވެއްޖެ

1 ޑިސެންބަރު 2021 - 13:22 1

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ބަންދެއްގައި ހުރި ކަމަށް ބުނެ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް ދައުވާއަށް ޖަވާބުދާރީވާން ރާއްޖެ އައުމަށް އުޒުރުވެރިވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، އޭނާ ފުރުން މަނާކޮށްފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރިއިރު، އޭނާ ކޯޓަށް ހާޒިރުކުރާނޭ ކަމަށް ޖާމިނުވީ އަސްހަދު އަލީގެ ފަރާތުން އަލީ ވަހީދަށް ފޮނުވި ސިޓީއަށް ދެއްވި ޖަވާބުގަ އެވެ.

އަލީ ވަހީދު ހާޒިރުކޮށްދީފައި ނުވާތީ ކްރިމިނަލް ކޯޓުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ވިދާޅުވީ 72 ގަޑިއިރު ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އަޑޭގެ މައްޗަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުމާ ގުޅިގެން އަޑޭ ވަނީ ހަމަ އެދުވަހު އަލީ ވަހީދަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެދިފައި އޮތީ ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ރާއްޖެއަށް ނައިސްފިނަމަ އަޑޭއަށް ފިޔަވަޅު އަޅާނެކަމަށް ކްރިމިނަލް ކޯޓުން އަންގަވާފައިވާތީ ވީހާވެސް އަވަކަށް ރާއްޖެ އައުމަށެވެ. އަލީ ވަހީދު ރާއްޖެ އައުމަށްޓަކައި ޓިކެޓުގެ ހަރަދު ދޭނޭ ކަމަށް ވެސް އަޑޭގެ ސިޓީގައި ބުނެފައި އޮވެ އެވެ.

އެހެން ނަަމަވެސް އެ ސިޓީގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވެފައި އޮތީ އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައި ކަމަށާއި އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހާޒިރުވެވެން ނެތް ކަމަށެވެ.

އަލީ ވަހީދުގެ އެ ޖަވާބާއި ގުޅިގެން އަޑޭ ވަނީ ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލްއަށް ސިޓީއެއް ފޮނުއްވައި، އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް، އަލީ ވަހީދު ކޯޓަށް ހާޒިރުކުރުވުމުގައި އެހީތެރިވެދިނުމަށްވެސް އެދިފަ އެވެ.

ޖާމިނުވާ މީހާއަށް ކަނޑައެޅިދާނެ އަދަބުތައް


ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ. 1. އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛ 2. ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛ 3. 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ 4. ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން. މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވި ގޮތުގައި, ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް އަލީ ވަހީދަށް ހަމަޖައްސައި ދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ގަބޫލު ކުރެ އެވެ.

އޭގެއިތުރުން މަތީ ކޯޓުތަކަށް ވެސް އަލީ ވަހީދު ހާޒިރު ނުވެ, އެ ކޯޓުތަކުގެ ހުރުމަތް ވެސް ކަނޑާފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާއެކު މައްސަލާގެ އަޑުއެހުންތައް ދެން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ވެސް ވެސް ފާހަގަ ކުރެއްވި އެވެ.

އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފައިވާތީ, ފުލުހުން ވަނީ އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީ ހޯދުމަށްވެސް މަސައްކަތް ފަށާފަ އެވެ.