Advertisement

ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސްއަށް

1 ޑިސެންބަރު 2021 - 06:13 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ސުޕްރީމް ކޯޓް: ރިސެސްއަށް ފަހު އެންމެ މަތީ ދެ ކޯޓުގެ އަޑުއެހުންތައް އާންމު އުސޫލުން ފެށޭނީ އަންނަ އަހަރުގެ ޖެނުވަރީ 2 ގައި -- ފޮޓޯ: އަދަދު


ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސްއަށް

1 ޑިސެންބަރު 2021 - 06:13 0

ސުޕްރީމް ކޯޓާއި ހައިކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.

ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.

ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި، ރިސެސްގެ ތެރޭގައި ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ކޯޓުގެ އަހަރީ ޓާމް ފެށޭނީ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި ނިމޭނީ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު އެވެ.

އަހަރީ ޓާމް ނިމި ރިސެސްއަށް ދާއިރު ކޯޓުގައި ހުރި މައްސަލަތައް ކުރިއަށް ގެންދާނީ އަންނަ ޓާމްގައި ކަމަށް ގަވާއިދުގައި ބުނެ އެވެ.

ހައިކޯޓުގެ ޓްވީޓް


ހައިކޯޓުން އިއްޔެ ބުނެފައި ވަނީ ރިސެސްއަށް ދިޔަ ނަމަވެސް، ބައެއް ބާވަތެއްގެ މައްސަލަ ބަލާނެ ކަމަށެވެ.

އެއީ ގާނޫނުގައި ވަކި މުއްދަތެއް ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި، ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ނިންމަންޖެހޭ ކަމަށް ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކާއި ގޮފިތަކުގެ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ހިންގަންޖެހޭ މައްސަލަތަކެވެ.

އެ ކޯޓުގެ ގަވާއިދުގައި ބުނެފައި ވަނީ ގާނޫނަކުން ވަކި ކަމެއް ވަކި މުއްދަތެއްގައި ނިންމުމަށް އެ ކޯޓަށް ލާޒިމްވެފައިވާ ހާލަތެއްގައި، ނުވަތަ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އެނޫން ގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި ޓާމް ފެށުމުގެ ކުރިންވެސް މައްސަލަތައް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

އެންމެ މަތީ ދެ ކޯޓު އާންމު އުސޫލުން ދެން ފެށޭނީ ޖެނުވަރީ 2، 2022 ގަ އެވެ.