Advertisement

ޔާމީންގެ ހުކުމާއި އެކު ޝަރުއީ ކޯޓުތަކަށް ކުރާ އިތުބާރު ބޮޑުވެއްޖެ: ނަޝީދު

30 ނޮވެންބަރު 2021 - 22:26 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ރައީސް ނަޝީދު: "އާސްކް ސްޕީކާ" ގެ ނަމުގައި ބޭއްވި ޕްރޮގްރާމްގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން -- ފޮޓޯ: ރައްޔިތުން މަޖިލީސް


ޔާމީންގެ ހުކުމާއި އެކު ޝަރުއީ ކޯޓުތަކަށް ކުރާ އިތުބާރު ބޮޑުވެއްޖެ: ނަޝީދު

30 ނޮވެންބަރު 2021 - 22:26 0

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް ކުރުމުން ޝަރުއީ ކޯޓުތަކަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަށްދާ، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ބާރު ނެތް ދަނޑިވަޅެއްގައި، ކުރީގެ ރައީސެއްގެ މައްޗަށް އިއްވި ހުކުމެއް އެންމެ މަތީ ކޯޓުން ބާތިލް ކުރުމަކީ ރާއްޖޭގައި މިއަދު އަލަށްވި ކަމެއް ކަމަށެވެ. އަދި އެކަމުން ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިންޖުވެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެހާސް އަހަރުގެ ދިގު ތާރީހެއްގައި މިއީ ދިވެހިރާއްޖޭގެ ކުރީގެ ވެރިއަކު، ރައީސަކު، އެބޭފުޅެއްގެ ވެރިކަމުން ބޭރުގައި ކޯޓަކުން ދޫކޮށްލުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރު،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޯޓުތައް މިނިވަންވެފައިވާ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ކުރާ ކަމަށް ވެސް މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ޝަރުއީ ދާއިރާ އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ވާދަވެރިން ވެސް އެބަ ދައްކަވާ. ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމާއިއެކު ވެސް އެވާހަކަތައް އެބަދެކެވޭ. ކޯޓުތައް އިސްލާހުވަމުން އަންނަކަން ގިނަބަޔަކު އެބަފާހަގަކުރޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 10 މެމްބަރުންގެ މައްޗަށް އެތުރިފައިވާ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ އެޖެންޑާ 19ގެ ދަށުން ވެފައިވާ ބޮޑެތި ވައުދުތައް ދައުރު ނިމުމުގެ ކުރިން ފުއްދުމަށްޓަކައި ގާނޫނު އަސާސީއަށް ބައިވަރު އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުތައް ގެނަންނާނީ ބޮޑު އެއް އިސްލާހުގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމެއް އެކަށައެޅި، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ގިނަ ބަޔަކު ބޭނުންވެއެވެ. އަދި ރައްޔިތުން މަޖިލީސް އެކުލެވިގެންވާ ގޮތާއި، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ވެސް އެތައް ބަޔަކު އެދެއެވެ. އެހެންކަމުން އެ ހުރިހާ ކަމެއްވެސް ކުރެވޭނީ ގާނޫނަށް ބޮޑު އިސްލާހެއް ގެނެސްގެން ކަމަށް އެމަނިކުފާނު ގަބޫލުކުރެ އެވެ.

"ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ އެއްފަހަރާއި ގެންނަ ބަދަލުތަކަކަށްވުން އެއީ ބޭނުންތެރި ކަމެއް. އެވަގުތުގައި ޖޭއެސްސީ އެތުރިފައިވާ ގޮތްވެސް ބަދަލުކުރުމަކީ ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.