Advertisement

އަލީ ވަހީދު ހައްޔަރުކުރަން އަމުރު ލިބުމުން އިންޓަޕޯލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި

30 ނޮވެންބަރު 2021 - 19:31 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަލީ ވަހީދު: އޭނާ ހައްޔަރުކުރުމުގެ އަމުރު ލިބުމާއެކު އިންޓަޕޯލަށް ހުށަހަޅަން ވަނީ މަސައްކަތް ފަށާފައި --


އަލީ ވަހީދު ހައްޔަރުކުރަން އަމުރު ލިބުމުން އިންޓަޕޯލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި

30 ނޮވެންބަރު 2021 - 19:31 0

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފައިވާތީ, އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީ ހޯދުމަށް ފުލުހުން ހުށަހަޅައިފި އެވެ.

ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ މި އަހަރުގެ ފެބުރުއަރީ މަހު ކުރިމިނަލް ކޯޓުން ދިނެވެ. އޭނާއަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނީ އޭނާގެ މައްޗަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވުމުންނެވެ.

އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އޭނާ ކުރިމިނަލް ކޯޓުގައި އެދުނީ ބޭސްފަރުވާ ކުރިއަށް ގެންދަން ޖެހޭތީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

އެ އިންތިޒާމް ކުރިމިނަލް ކޯޓުން ހަމަޖައްސައި, އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން ދެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް, އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

އެހެންވެ, އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން މައްސަލަ ނުބެލުމުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހިފައިގެން ދައުލަތުން ދިޔަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ. އެހެންވެ އެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހިފައި އޮތުމަށްފަހު ކުރިމިނަލް ކޯޓުން މި ހަފުތާ ބޭއްވި އަޑުއެހުމުގައި ނިންމީ އަލީ ވަހީދަށް ބޭސްފަރުވާއަށް އެކަށީގެންވާ ވަގުތު ދެވިއްޖެކަމާއި އޭނާ ކޯޓުތަކަށް ފިލައިގެން އުޅޭތީ ހައްޔަރުކުރުމުގެ އަމުރެއް ނެރޭށެވެ.

އެ އަމުރު ނެރެ ކުރިމިނަލް ކޯޓުން މިހާރު ވަނީ އެ ތަންފީޒުކުރުމަށް ފުލުހުންނަށް އަންގާފަ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު މިއަދު "އަދަދު" އަށް ކަށަަވަރުކޮށް ދެއްވި ގޮތުގައި ހައްޔަރު ކުރުމުގެ އަމުރު ފުލުހަށް ލިބިފައިވާތީ, އަލީ ވަހީދުގެ މައްސަލަ އިންޓަޕޯލަށް ހުށަހަޅައިގެން ރެޑް ނޯޓިސް ނެރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

މީގެކުރިން ސުޕްރީމް ކޯޓަށް ހާޒިރުނުވި މައްސަލާގައި އެ ކޯޓުން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް ވެސް ފުލުހުންގެ މައްޗަށް އަމުރުކުރި އެވެ. ނަމަވެސް މިހާތަނަށް އަލީ ވަހީދު ރާއްޖެ ގެނެވިފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން, އިންޓަޕޯލްގެ އެހީއަށް އެދެން ވެސް އޭރު ނިންމި އެވެ. ނަމަވެސް ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި އިންޓަޕޯލް މެދުވެރިކޮށް ގެނައުމަށް އުނދަގޫވާތީ, ފުލުހުން އޭރު ބޭނުންވީ ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލާގެ އަމުރެކެވެ. މިހާތަނަށް އެ މައްސަލާގައި އަލީ ވަހީދު އެއްވެސް ކޯޓަކަށް ހާޒިރުކުރުމުގެ އަމުރެއް ނެތެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ކުރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަސްހަދު ވިދާޅުވީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެ ވާހަކަތައް ހުއްޓުވައި އަސްހަދު އިށީންނަން ގާޒީ ހަސަން ސައީދު އެންގެވި އެވެ. އަދި އެކަމުގައި ދައުލަތުގެ ބަހެއް ހޯދި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, އަލީ ވަހީދު ފުރަން ހުއްދަ ދިނީ އަސްހަދު ޖާމިނުވެގެން ކަމަށްވާތީ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޯޓުތަކަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅޭ އަލީ ވަހީދު ވިސާގެ މައްސަލައެއްގައި އެ ގައުމުގައި ވސް ހައްޔަރުކުރި އެވެ. ނަމަވެސް, އޭގެފަހުން އޭނާ ވަނީ އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި, ސަރުކާރަށާއި ޕްރޮސިކިއުޓާ ޖަނަރަލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭނާ ބުނާ ގޮތުގައި, ބޭސްފަރުވާގެ ކަންކަން މިހާރު ވެސް ކުރިއަށްދެ އެވެ.