Advertisement

ޔާމީން ރާއްޖޭން ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން އަމުރު ނެރެފި

30 ނޮވެންބަރު 2021 - 17:45 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީން މިނިވަންވުމާއެކު ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ: ފުރުން ވަނީ މަނާކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޔާމީން ރާއްޖޭން ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން އަމުރު ނެރެފި

30 ނޮވެންބަރު 2021 - 17:45 1

މިއަދު ޖަލު ހުކުމުން ސަލަމާތްވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ދެންމެ ނެރެފި އެވެ.

ކުރިމިނަލް ކޯޓުން މި އަމުރު ނެރުނީ ޝަރީއަތުގައި ހުރި މައްސަލަތަކާ ގުޅިގެން ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުމާ ގުޅިގެންނެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހަށެވެ.

ފުލުހުން މިއަދު ކުރިމިނަލް ކޯޓުގައި ޔާމީން ފުރުން މަނާކޮށްދިނުމަށް އެދުނީ ސުޕްރީމް ކޯޓުން ގއ. ވޮޑަމުއްލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މިއަދު ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމާއެކުގަ އެވެ.

މީގެ ދެ އަހަރު ކުރިން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ބަތިލްކުރީ އެ ހުކުމް ނެރުމަށް ދަށު ކޯޓުން ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތް ގޯސް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން ޝައްކު އުފެދިފައި އޮތް އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ސުވާލު އުފެދިފައިވާ ކަމާއި އެހެންވެ, މަނީލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމި އެވެ.

ނަމަވެސް, އެއް މިލިއަން ޑޮލަރުގެ ހަގީގަތް ނޭނގޭތީ, އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބޭ ކަމަށް ހުކުމްގައިވެ އެވެ.

ކުރިމިނަލް ކޯޓުގައި މިހާރު އޮތީ ޔާމީންގެ ދެ މައްސަލައެކެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެވެ.

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރީ މީގެ ހަ ދުވަސް ކުރިންނެވެ.

ފުލުހުން ވަނީ އާރަށުގެ މައްސަލައިގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ.