Advertisement

ބޮޑު ހިޔާނާތަށް އަދަބު ދޭން ތޫނުކުރި ހަތިޔާރުގެ މިޔަ ވެއްޓި "ޑީލް"ތައް ބޭކާރު؟

1 ޑިސެންބަރު 2021 - 13:08 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު:


ބޮޑު ހިޔާނާތަށް އަދަބު ދޭން ތޫނުކުރި ހަތިޔާރުގެ މިޔަ ވެއްޓި "ޑީލް"ތައް ބޭކާރު؟

1 ޑިސެންބަރު 2021 - 13:08 1

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމްގައި މުހިންމު ވާހަަކައެއް އޮތެވެ;

"އަހުމަދު އަދީބު އަބްދުލް ގަފޫރާއި އަބްދުﷲ ޒިޔާތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރު ލިބޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއް ކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިއްވެވި ހުކުމްގައިވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބިކަމަށް ދައުލަތުން ބުނާ، އޭރުގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހެވެ. އެކަމަކު އިއްޔެ ސުޕްރީމް ކޯޓުގެ ނިންމުމާއެކު އެ ހަތިޔާރުގެ މިޔަ ވެއްޓި ހަތިޔާރު ކޮށިވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރީގެ ނިންމުމެއްގައި ކަނޑައަޅާފައިވާ ގޮތުގައި ފާސިގުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެކިބަހާ ގުޅުވައިލެވޭ އެހެން ހެކިތަކެއް ހުރި ނަމަ އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްސަލާގައި އެ ދެ މީހުންގެ ހެކިބަސް ބަލައިގަތީ ވެސް އެ ދެމީހުންގެ ހެކިބަހަށް ބާރުދޭ އިތުރު ގަރީނާ ހުރިކަމަށް ކަނޑައެޅުއްވުމަށްފަހުގަ އެވެ.

ނަމަވެސް, ސުޕްރީމް ކޯޓުން ބުނަނީ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ އެހެން ހެކިތަކަކީ ކޮބައިކަމެއް ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވަނީ ގާނޫނީ އުސޫލުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓަކަށް ނުފެނުނެވެ. އަދި, އިތުރު ގަރީނާއެއް ނެތި އަދީބުގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ހެކި ހޯދުމަށް އޭނާއާއެކު ދައުލަތުން ދިޔައީ އެއްބަސްވުމަކަށެވެ. އޭނާއަށް ދޭ ލުއިތަކުގެ ބަދަލުގައި ދައުލަތަށް މައުލޫމާތާއި ހެކި ދިނުން ޝަރުތުކޮށެވެ. އަދީބުގެ ކުރިމަތީގައި އޮތީ 800 އަހަރުގެ ޖަލު އަދަބެކެވެ. ނުވަތަ އެނގިހުރި މައުލޫމާތާއި ހެކި ތަހުގީގަށް ހާމަކޮށްދިނުމާއެކު ލުއި އަދަބަކަށް ރުހުމެވެ. އަދީބު އިހުތިޔާރު ކުރީ ދެވަނަ ގޮތެވެ.

"އަޅުގަނޑުމެން އަދީބުގެ އިއުތިރާފު އެއްބަސްވުމާ ނުލާ ކުރިއަށް ގޮސްގެން ކުރާނެ 150 އަށްވުރެ ގިނަ ދައުވާ އެބަ ހުއްޓޭ. އެ ދައުވާތައް ސާބިތުވެއްޖެއްޔާ، އެއީ ޑޮކިއުމެންޓްރީ އެވިޑެންސް އިނގޭތޯ. ސާބިތު ވެއްޖެނަމަ 800 އަށް ވުރެ ގިނަ އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔުން އަޅުގަނޑުމެން އަތުގައި އެބަހުރި،" މިހާރުގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ ނިޔަތް ސާފެވެ. ހެކި ހުރެގެން މެނުވީ ކުށެއް ސާބިތުކުރެވޭކަށް ނޯންނާނެ އެވެ. އެ ހެކި ދެއްކުމަށް އެކަމުގެ މުގުލާ ހަމައަށް މައުލޫމާތު ހުރި މީހަކަށްވުރެ އެކަށޭނެ އެހެން މީހަކު ނުހުންނާނެ އެވެ. އަދީބާއެކު ވީ އެއްބަސްވުމުން ދައުލަތުން ނެރެން ބޭނުންވި ނަތީޖާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ.

ނަަމަވެސް, ސުޕްރީމް ކޯޓުގެ ނިންމުމާއެކު މިހާރު އޮތް ބޮޑު ސުވާލަކީ އަދީބުއާ ޒިޔާތުގެ ހެކިބަހަށް ބަރޯސާވެފައި ހުރި އެހެން މައްސަލަތަކަށް ވާނީ ކިހިނެއްތޯ އެވެ.

ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އަދީބު ވަޒީފާއިން ވަކިކޮށް އަދަބުދިނުމުން އެކަމުގެ "ރުޅިވެރިކަން" އޮތުމުގެ ސަބަބުން އަދީބުގެ ހެކިބަސް ޔާމީނާ ދެކޮޅަށް ބޭނުންކުރުމަކީ "ރައްކާތެރިކަމެއް" ނޫން ކަމަށެވެ.

މިހެންވީއިރު, ޔާމީންއާ ދެކޮޅަށް އަދީބުގެ ހެކިބަސް ދެން ބޭނުން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިހާރު ވެސް އަދީބުއާ ޒިޔާތުގެ ބަޔާން ބޭނުންކޮށްގެން ޔާމީންގެ މައްޗަށް ދެ ރަށެއްގެ މައްސަލާގައި މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި, އެހެން ބައެއް ތަހުގީގުތައް ފުލުހުން ކުރަމުންދެ އެވެ.

އެ މައްސަލަތަކުގައި ވެސް އަދީބުއާ ޒިޔާތުގެ ހެކިބަހަށް ބާރުދޭނެ އެހެން ހެއްކާއި ގަރީނާ ނެތްނަމަ, އެ ހެކިބަސް ބޭނުންކޮށްގެން ދައުލަތަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.

ދެން އުފެދޭ އަނެއް މައްސަލައަކީ، ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އަދީބުގެ ހެކިބަސް އެހެން ފަރާތްތަކާ ދެކޮޅަށް ވެސް ބޭނުންކޮށްފައި ހުރި ކަމެވެ.

ސަން ކޮންސްޓްރަކްޝަނާއި ކްރިކްރިޒާ ހިމެނޭ ފުއްގިރި މައްސަލަ، ކުރީގެ މަޖިލިސް މެމްބަރު އަހުމަަދު ނިހާނުގެ މައްސަލަ، ޖޭއެސްސީން ބެލި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި ވެސް އަދި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ވެސް އަދީބުގެ ހެކިބަސް ބޭނުންކޮށްފައި އެބަ އޮތެވެ.

ހަމައެއާއެކު، ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ 281 ފަރާތުގެ ތެރެއިން ވެސް ގިނަ ބަޔަކާއި ދެކޮޅަށް އަދީބުގެ ހެކިބަސް ދައުލަތުން ބޭނުންކުރުމަށް ވަނީ ގަސްދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު ދައުލަތުގެ މަސައްކަތް އިތުރަށް ބުރަވެއްޖެ އެވެ. އަދީބުއާއި ޒިޔަތުގެ ހެކިބަހަކުން ނުފުދޭނެ އެވެ. އެ ހެކިވެރިން ބުނަނީ ތެދުކަން ސާބިތުކުރުމަށްވެސް އިތުރު ހެކި އެބަ ބޭނުން ވެއެވެ. މިހާރު ހިފަން ވާނޭ އަމާޒަކީ އަދީބުއާ ޒިޔާތުގެ ފުށުން ލިބޭ މައުލޫމާތުތަކަށް އެކަނި ބަރޯސާނުވެ އެ ދެމީހުންގެ ބަހަށް ބާރުދޭނޭ އިތުރު ހެކި ހޯދުމެވެ.

އަދީބާއި ޒިޔާތުއަށް ލުއި ދިނުމަށް ދައުލަތުން ވީ އެއްބަސްވުމުގެ ފައިދާއެއް ފެންނާނީ އޭރުންނެވެ. އެހެންނޫންނަމަ، އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވެވުނު އެއްބަސްވުމުގެ ދަށުން އަދީބުއާ ޒިޔާތުގެ ހެކިބަހާއި، އެ ދެމީހުންގެ ފުށުން ލިބުނު މައުލޫމާތުގެ އެއްވެސް ބޭނުމެއް ނުކުރެވި، އެމްއެމްޕީއާރުސީގެ މުޅި މައްސަލަ ދާނީ ފަނުފުލުންނެވެ.