Advertisement

149 ކިލޯގެ ޑްރަގު މައްސަލަ މުރާޖައާކޮށް ފިޔަވަޅު އަޅަން ޕީޖީގައި އެދިއްޖެ

29 ނޮވެންބަރު 2021 - 21:17 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް މައުލޫމާތު ދެއްވަނީ. -އަދަދު ފައިލް ފޮޓޯ


149 ކިލޯގެ ޑްރަގު މައްސަލަ މުރާޖައާކޮށް ފިޔަވަޅު އަޅަން ޕީޖީގައި އެދިއްޖެ

29 ނޮވެންބަރު 2021 - 21:17 0

ކޯޓުތަކުގެ އިހުތިސޯސްގެ ކޯޅުމެއްގައި ކުރިއަށް ނުގެންގޮސް ފައިލްކޮށްފައިވާ، ގދ. ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލަ އަލުން މުރާޖައާ ކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުން އެދިއްޖެ އެވެ.

ކަނޑުމަތީގައި ވަރަށް ގިނަ ވަގުތު ފުލުހުން ހޭދަކޮށް ގދ. ހުޅުވާރުލުން ހަތް ގޯންޏެއްގައި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށް ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލީ އިހުތިސޯސް ނެތް ކަމަށް ބުނެ އެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުމާއެކު, ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ ހުށަހެޅީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް, މައްސަލާގައި ދައުވާ ލިބޭ މީހުން ހައްޔަރުކޮށްފައި ތިބިއިރު, ގައްދޫ ކޯޓާ ހަމައަށް މައްސަލަ ގެންދެވުނުއިރު ދައުވާ ކުރުމަށް ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ވަނީ ހަމަވެ އެވެ. އެހެންވެ, އެ މައްސަލަ ގައްދޫ ކޯޓުން ވެސް ބޭރުކޮށްލީ އެވެ.

އެ މައްސަލާގައި ގާނޫނީ ގޮތުން އިތުރަށް ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށް ނިންމައި, މައްސަލަ ހިފައިގެން ޕްރޮސިކިއުޓާ ޖެނަރަލް ހައިކޯޓަށް ވަޑައިނުގަންނަވަ އެވެ.

އެއާއެކު މަޖިލީހުގެ މުހިންމު ދެ ކޮމިޓީއެއް ގުޅިގެން މި މައްސަލަ ދިރާސާކޮށް ނިންމީ މިފަދަ މައްސަލަތަކަކީ އިޖުރާއީ ކަންކަން ނަގައިގެން ދޫކޮށްލެވިގެންވާނެ ފަދަ މައްސަތަކެއް ނޫން ކަމަށެވެ.

ގާނޫނީ ގިނަ ވަކީލުންތަކެއް ތިއްބެވި ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ބުނި ގޮތުގައި އިބްތިދާއީ މަރުހަލާގެ ހިސާބުން ކޯޓުން ބޭރުކޮށްލާ މައްސަލަތަކުގެ ތެރެއިން އަލުން ދައުވާކުރެވެން ހުންނަ މައްސަލަތަކުގައި މައްސަލަ ބޭރުކޮށްލި ކޯޓެއްގައި ނުވަތަ އިހްތިސޯސް ލިބިގެންވާ އެހެން ކޯޓެއްގައި އެ ދައުވާ ނުވަތަ ދައުވާއަށް ބަދަލު ގެނެސްގެން ދައުލަތުން ދައުވާކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެކެވެ.

ދިވެހިރާއްޖެއަށް ބަލާއިރުވެސް، އެ އިހްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށް ކޮމިޓީން ގަބޫލުކުރެ އެވެ.

ސަބަބެއްގެ ގޮތުގައި ދެއްކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ނ) އެވެ. އޭގައި ބަޔާން ކުރަނީ، އިބްތިދާއީ އަޑުއެހުމެއްގެ ތެރެއިން ދައުވާއެއް ބާތިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލު ގެނެސް، ހަމަ އެ ދައުވާ އަލުން އުފުލުމަށް ހުރަހަކަށްވާނޭ ކަމެއް ނޫން ކަމަށެވެ.

"...މި މައްސަލައަކީ ޝަރީއަތް ހިންގައި، ހެކި ވަޒަންކޮށް، ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ނެތްކަމަށް ނިންމައި، ތުހުމަތުކުރެވިފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ މައްސަލައެއް ނޫން, އެއާ ހިލާފަށް މި މައްސަލަ ގދ.ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ، މިހިނދަށް އެ ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ބަޔާންކޮށް، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ދައުވާ ފޯމު ބާތިލުކުރުމާއެކު," ރިޕޯޓްގައިވެ އެވެ.

ގާނޫނާ ހިލާފަށް ހޯދާ ހެކި ކޯޓަށް ބަލައިގަނެވޭނެކަމާމެދު އުފައްދާ ސުވާލު

ރިޕޯޓްގައި އިތުރަށް ބުނީ ގިނަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހެއްކެއް، ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަންނަ އިސްތިސްނާ ހާލަތްތަކެއް ވީނަމަވެސް، ކޯޓަށް ބަލައިގަނެވޭ، މައްސަލައާ ގުޅުންހުރި އަދި އެ މައްސަލައަކަށް މުހިންމުވާ އަދި ހެއްކެއްގެ ގޮތުގައި އިތުބާރު ހިފޭ ކޮންމެ ހެއްކަކީ، ހެއްކެއް ކަމަށް ބަލައިގަންނަމުން ދިއުމަކީ އާންމު އުސޫލު ކަމަށެވެ.

"...އަދި އެއީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމުގައި ވީނަމަވެސްމެއެވެ." ރިޕޯޓްގައިވެ އެވެ.

އެކަން ސާބިތުކުރުމަށް އިނގިރޭސިވިލާތާއި އިންޑިއާ އަދި އެމެރިކާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކާ ހަވާލާދީ ރިޕޯޓްގައި ނުކުތާތައް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން, ގާނޫނާ ހިލާފަށް ހޯދާ ހެކި ކޯޓަށް ބަލައިނުގަތުމުގެ އެންމެ ހަރުކަށި ގަވާއިދެއް ގެންގުޅޭ އެމެރިކާގެ ކޯޓުތަކުން އެފަދަ ހެކި ބަލައިގަތުމަށް ކަނޑައަޅާފައިވާ ބައެއް އިސްތިސްނާ ހާލަތްތައް ރިޕޯޓްގައި ފާހަގަކުރި އެވެ.

މައްސަލާގެ ތަހުގީގުގައި އެ މަގުން ކަން ހިނގާފައިވާއިރު, މި މައްސަލައިގެ މުޅި ތަހުގީގު އޭގެ ޒާތުގައި ބާތިލުކަމަށް ބަލައި، އަދި ތުހުމަތުކުރެވޭ މީހުން އަމިއްލައަށް ގޮސް ދައްކާފައިވާ، އެ މީހުން ފަޅުރަށުގައި ވަޅުލާފައިވާ 149 ކިލޯގެ މަސްތުވާތަކެއްޗަކީ ކޯޓަށް ބަލައިގަނެވޭނެ ހެކި ނޫން ކަމަށް ކަނޑައެޅުމުގެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޮމިޓީން ނިންމި އެވެ.

ކޮމިޓީގެ މުހިންމު ހުށަހެޅުން ތަކެއް: މިފަދަ ހުރިހާ މައްސަލައެއް ރިވިއު ކުރޭ

ކޮމިޓީން ރިކަމެންޑޭޝަންތަކުގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ހުށަހަޅާފައިވަނީ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން ރިވިއުކުރުމަށް އެންގުމަށެވެ.

އޭގެއިތުރުން, ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، އިޖުރާއީ ނުކުތާއަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގެ ނިންމުންތަކުން ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަކަށް ހުށަހެޅިފައިނުވާ މައްސަލަތައް، ޕްރޮސިކިއުޓާ ޖެނެރަލް ރިވިއުކޮށް އަލުން ދައުވާކުރެއްވުމާމެދު ގޮތް ނިންމުމަށް ދެންނެވުމަށް ވެސް ނިންމާފައިވެ އެވެ.

އަދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ދައުވާކުރުމުގައި ހަރަކާތްތެރިވި ދައުލަތުގެ ވަކީލުން އަމަލުކުރި ގޮތް ބަލައި, އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ގަސްދުގައި އިޖުރާއަތަކާ ހިލާފުވެފައިވޭތޯ ބެލުމަށް އަންގަން ވެސް ނިންމި އެވެ. އަދި ހިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް އަންގަން ވެސް ނިންމި އެވެ.

ދެން ކޮމިޓީން ހުށަހެޅީ މުސްތަގުބަލުގައި މައްސަލަތަކާ ގުޅިގެން ތަހުގީގުގައި ނުވަތަ ޝަރީއަތަށް ހުށަހެޅުމުގައި ފުރިހަމަކުރަން ހުންނަ ކަންކަން ފުރިހަމަކުރުމަށް ފަރުވާތެރިވުމުގައާއި، އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ޔަގީންކުރުމަށް ހަރުދަނާ އުސޫލުތަކެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގަ އާއި ފުލުހުންގެ މުއައްސަސާގައި ގާއިމުކުރުމަށް އެންގުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.