29 ނޮވެންބަރު 2021 - 20:43 0
މުހައްމަދު ވިޝާމް
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް
29 ނޮވެންބަރު 2021 - 20:43 0
މި ހިނގާ އަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް ވަނީ މަޖިލީހުގެ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ކޮމިޓީތަކުން ނިންމާފައިހުރި ގިނަ މަސައްކަތްތަކެއް ޗުއްޓީއަށް ދިޔުމުގެ ކުރިން ތަޅުމުން ފާސްކުރުމަށް، މިއަދުގެ ޖަލްސާ ވަނީ ގާތްގަނޑަކަށް 12 ގަޑިއިރަށް ކުރިއަށް ގެންގޮސްފަ އެވެ.
ޖަލްސާ ނިންމަވާލައްވަމުން، އާންމު އުސޫލުގެ ދަށުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ކުރި ތަފްސީލެއް ދެއްވައިފަ އެވެ.
މިގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރުގައި ޖުމްލަ 44 ޖަލްސާއެއް ބޭއްވި ތަޅުމުގައި މެމްބަރުން 112 މަސައްކަތް ކުރެއްވި ކަމަށެވެ.
އެ ވަގުތުގައި 950 ފަހަރު މެމްބަރުން ވާހަކަ ދައްކަވާފައިވާއިރު، 320 ކޮމިޓީ ބައްދަލުވުމެއް ބޭއްވި މެމްބަރުން އިތުރު 331 ގަޑިއިރު އެ ބައްދަލުވުންތަކުގައި ހޭދަކުރެއްވިކަން ނަޝީދު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ދައުރުގެ ތެރޭގައި ޖުމްލަ 20 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމާފައިވާއިރު، އޭގެ ތެރޭގައި މިރޭ ފާސްކުރި މަދަނީ އިޖުރާއަތްތަކުގެ ބިލު ފަދަ މުހިންމު މަސައްކަތްތައް ހިމެނުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބިލުތަކުގެ އިތުރުން ކުރީ ދައުރުން ވާރުތަކުރި ގަރާރުތަކާއެކު ޖުމްލަ 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގެ ތެރޭގައި ނިންމުނުކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މި ދައުރުގައި މަޖިލީހުން ކުރި ޖުމްލަ މަސައްކަތްތަކަށް ބަލާއިރު، 65.5 ޕަސަންޓް މަސައްކަތް ނިންމިފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މަޖިލިސް ޗުއްޓީއަށް ދާކަން އިއުލާނުކުރައްވަމުން ނަޝީދު ވަނީ މި ދައުރުގެ މަސައްކަތް ރަނގަޅު ނަމަވެސް، ނުނިމިހުރި މަސައްކަތްތައް އިތުރަށް އަވަސް ކުރަން އިލްތިމާސް ކުރައްވައިފަ އެވެ.
Comment