Advertisement

ބޮޑެތި ރޭވުންތަކާއެކު މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލައިފި

29 ނޮވެންބަރު 2021 - 14:01 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މާލޭގެ ލޭންޑްޔޫސް ޕްލޭން.


ބޮޑެތި ރޭވުންތަކާއެކު މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލައިފި

29 ނޮވެންބަރު 2021 - 14:01 1

ވެރިކަންކުރާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމާއި މުނިފޫހިފިލުވުމަށް ހާއްސަ ބޮޑެތި މަޝްރޫތަކެއްގެ އިތުރުން ޕާކިން ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގިނަ ކަންކަން ހިންގުމަށް ރޭވުންތަކެއް ހިމަނައި، މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ.

ސިޓީ ކައުންސިލުން އެކުލަވާލި ލޭންޑްޔޫސް ޕްލޭނުގައި މާލޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫތަކުގެ ތެރޭގައި މާފަންނުގައި މިހާރުގެ ޕޯޓު ހުންނަ ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ހަބެއްގެ ގޮތުގައި ތަރައްގީކޮށް އެތަނުގައި މަލްޓިޕްލެކްސް ސިނަމާ، ބޯލިންގް އެލީ، އައިސް ސްކޭޓިން ރިންކެއްގެ އިތުރުން އޯޕަން އެއާ ސްޓޭޖެއް ހިމެނެ އެވެ. އަދި އެތަނުގައި ބިލިއާޑް އަދި ކެރަމް ފަދަ ކުޅިވަރުތަކަށް ހޯލެއް ތައްޔާރުކުރުމަށް ވެސް ލޭންޑްޔޫސް ޕްލޭނުގައި ވަނީ ހިމަނާފައިވެ އެވެ.

އެންޓަޓެއިންމެންޓް ކޮމްޕްލެކްސްއާ ޖެހިގެން ތަރައްގީކުރަން ހަމަޖެހިފައިވަނީ ޔޮޓް މެރީނާއެކެވެ. އަދި އެތަނާއި ޖެހިގެން މާލޭގެ ހުޅަނގަށް އާބަން ޑެވެލޮޕްމެންޓް ޕްލޭނެއްގެ ދަށުން 1،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 25 ބުރީގެ 5 ޓަވަރު އެޅުމަށް ވަނީ ނިންމާފަ އެވެ.

މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން


އަދި 1،500 އެއްހާ މީހުންގެ ޖާގައިގެ މިސްކިތަކާއި ހޭންޑް ބޯލް، ޓެނިސް އަދި ފުޓްސަލް ފަދަ ކުޅިވަރު ކޯޓުތައް ވެސް އެ ސަރަހައްދުގައި އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޭންޑްޔޫސް ޕްލޭނުގައިވާ ގޮތުން ނަމަ އެ ރެސިޑެންޝަލް ސަރަހައްދުން ފެށިގެން މާލޭގެ މަސް މާރުކޭޓް ސަރަހައްދާއި ހިސާބަށް ބޮޑުތަކުރުފާނު މަގުން ޖާގަ ދޭން ހަމަޖެހިފައިވަނީ 15 ބުރީގެ އޮފީސް އިމާރާތްތަކާއި ހައި އެންޑް އެޕާޓްމެންޓްގެ އިތުރުން ބުޓީކް ފިހާރަތަކަށެވެ.

މަސް މާރުކޭޓު ސަރަހައްދުގައި މިހާރު ހުރި އިމާރާތް މަސް މާރުކޭޓުގެ އޮފީސް އިމާރާތަށް ބަދަލުކުރަން ހަމަޖެހިފައިވާއިރު އެތަނުގެ މަތީ ފަންގިފިލާގައި ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަން ހިންގަން ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި ތަރުކާރީއާ މޭވާއަށް ހާއްސަ މާރުކޭޓެއް ވެސް އެތަނުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރަން ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ތަރައްގީކުރާ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކުރާނީ މަސް މާރުކޭޓަށެވެ.

ލޭންޑްޔޫސް ޕްލޭނުގައި ވަނީ މިހާރު މަޖީދިއްޔާ ސްކޫލުގެ މެއިން ގޭޓަށް ވާ ގޮތަށް އޮންނަ ޕާކިން ސަރަހައްދުގައި އިމާރާތެއް ބިނާކޮށް، އެތަނުން ދެ ފަންފިލާ ޕާކުކުރުމަށް ހާއްސަކޮށް، އެންމެ މަތި ކުޑަކުދިން ކުޅޭ ސަރަހައްދަކަށާއި ބަގީޗާއެއްގެ ގޮތުގައި ތަރައްގީކުރުމަށް ހިމަނާފަ އެވެ. ހީނާމާގެ ޕާކިން ސަރަހައްދު ވެސް ލޭންޑްޔޫސް ޕްލޭނުގައި ތަރައްގީކުރަން ހަމަޖެހިފައިވަނީހަމަ މިހެންނެވެ.

މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން


މިހާރުގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ލޯ ރައިޒް މަލްޓި ޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާއިރު އެތަނުގެ ވެސް ބޭސްމެންޓް ސަރަހައްދާއި ގްރައުންޑް ފްލޯ ޕާކިންއަށް ހާއްސަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ހުޅުމާލެ ފެރީ ޓާމިނަލް ހުންނަ ސަރަހައްދުން ފެށިގެން ކާނިވަލާއި ހަމަޔަށް މާފަންނުގައި ތަރައްގީކުރާފަަދަ އެންޓަޓެއިންމެންޓް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެތަނުގައި ވެސް މަލްޓިޕްލެކްސް ސިނަމާ، ބޯލިންގް އެލީ، އައިސް ސްކޭޓިން ރިންކެއްގެ އިތުރުން އޯޕަން އެއާ ސްޓޭޖަކާއި، ބިލިއާޑް އަދި ކެރަމް ފަދަ ކުޅިވަރުތަކަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ސަރަހައްދުގައި މިހާރު ހުންނަ ޕެޓްރޯލް ޝެޑާއި ޖެހިގެން ހުރި ބްލޮކްގައި ސޯވްމިލް ސިޓީ ހޮޓެލެއް ތަރައްގީކޮށް، އެތަނުގެ ބޭސްމެންޓްގައި ވެސް ޕާކުކުރާނެ ޖާގަ ހެދުމަށް ސިޓީ ކައުންސިލްގެ ލޭންޑްޔޫސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.

ލޭންޑްޔޫސް ޕްލޭނުގައި ދެން އެންމެ ފާހަގަކޮށްލެވޭ ސަރަހައްދަކީ ލޮނުޒިޔާރަތް ޕާކުގެ ކުރިމައްޗަށް އަމީނީ މަގާއި ބޮޑުތަކުރުފާނު މަގާއި ދެމެދަށްވާ ގޮތަށް އޮންނަ ސަރަހައްދު ގާޑިޔާ އަދި ސްޓްރީޓް ފުޑް ސަރަހައްދެއްގެ ގޮތުގައި ހާއްސަކޮށް ތަރައްގީކުރުމަށް ހިމަނާފައި އޮތް އޮތުމެވެ.

އެ ސަރަހައްދާއި ޖެހިގެން އުސްފަސްގަނޑު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށް ލޭންޑް ޔޫސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.

މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން


ލޭންޑްޔޫސްޕްލޭނުގައި ވަނީ ފަތާ ޓްރެކް ސަރަހައްދުގެ ކުރިމައްޗަށްވާގޮތަށް އޮންނަ 5،565 އަކަފޫޓުގެ ބިމެއް ތަރައްގީގެ ޕްލޭންތަކާއި ގުޅިގެން ރިލޮކޭޝަން ބޭނުމަށާއި އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ވެސް ހާއްސަކޮށްފަ އެވެ. އެ ބިމާއި ޖެހިގެން ތަރައްގީކުރަން ހަމަޖެހިފައިވަނީ ބެޑްމިންޓަން، ވޮލީ ބޯޅަ، ނެޓްބޯޅަ އާއި ޖިމެއް ހިމެނޭ މަލްޓި ޕާޕޮސް ސްޕޯޓްސް ހޯލެކެވެ.

ސިނަމާލެ ފްލެޓް ސަރަހައްދު ވެސް ތަރައްގީކުރުމަށް ލޭންޑްޔޫސް ޕްލޭނުގައި ހިމަނާފައިވާއިރު އެ ސަރަހައްދުގައި 360 އާއިލާއަށް ބޯހިޔާވަހިކަން ލިބޭނެފަދަ ރޭވުންތަކެއް ލޭންޑްޔޫސް ޕްލޭނުގައި ހިމަނާފައި ވެ އެވެ. ސިނަމާލެ ފްލެޓްތަކާއި ޖެހިގެން އިރަށް އޮންނަ ބްލޮކް ތަރައްގީކުރަން ހަމަޖެހިފައިވަނީ ބައްދަލުވުންތަކާއި ހަފްލާތައް ބާއްވާ އަދި ދަރިވަރުން ކިޔެވުމަށް ހާއްސަކޮށް ތަރައްގީކުރާ ސަރަހައްދެއް ވެސް ހިމެނޭގޮތަށް ކޮމިއުނިޓީ ސެންޓަރެކެވެ.

ބޮޑުތަކުރުފާނު މަގުން ފަތާ ޓްރެކް ސަރަހައްދު ކައިރީގައި މާލެ ސިޓީ ހޯލް އަދި މުނިސިޕަލް ހިދުމަތްތަކާއި ފިހާރަތައް ހިމެނޭ ގޮތަށް ވެސް ބޮޑު ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ އެ ސަރަހައްދުގައި ވެސް ލުއި ސިނާއީ މަސައްކަތްތަކަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސިޓީގެ ލޭންޑްޔޫސް ޕްލޭން


ދުވާ ޓްރެކް އެކުވެނި ކުރިމައްޗަށް އުތުރަށް އޮންނަ ބްލޮކުގައި ވެސް 160 އާއިލާއަށް ދިރިއުޅެވޭނެ ގޮތަށް ރެސިޑެންޝަލް އިމާރާތަކާއި ޕާކިން ސަރަހައްދުތަކެއް ގާއިމުކުރަން ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފަ އެވެ.

މާފަންނުގެ ޓާފް ސްޓޭޑިއަމްތަކާއި ޖެހިގެން 675 އާއިލާއަށް ރެސިޑެންޝަލް އިމާރާތެއް ގާއިމުކޮށް ކޯޓްޔާޑަކާއި ކުޑަކުދިންނަށް ކުޅޭ ސަރަހައްދެއްގެ އިތުރުން ފިހާރަ އާއި ޕާކިން އަށް ސަރަހައްދުތަކެއް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހާބަރު އަދި މިހާރުގެ ވިލިމާލެ ޓާމިނަލް ހުންނަ ސަރަހައްދުގައި ކޮމާޝަލް ކޮމްޕްލެކްސްއެއް ހަދައި ރޫފްޓޮޕް ރެސްޓޯރެންޓް އަދި ކެފޭފަދަ ތަންތަން ތަރައްގީކުރުމަށް ލޭންޑްޔޫސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ. އަދި ރަސްފަންނު ބީޗުގައި ވެސް 20 މީޓަރަށް ބޮއި ދަމައި އޯޕަން އޭރިއާ ފަތާ ސަރަހައްދެއް ތަރައްގީކުރުމަށް ލޭންޑް ޔޫސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.

މިކަންކަމުގެ އިތުރުން ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބައެއް މަގުތައް ފުޅާކޮށް، ބޭރު މަގާއި އެތެރޭގެ ބައެއް މަގުތަކުގައި ވެސް ދަތުރުކުރާ ރެޕިޑް ޓްރާންސިޓް ނިޒާމެއް ގާއިމުކުރުމަށް ވެސް ލޭންޑް ޔޫސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.