Advertisement

އެމެރިކާގެ ކުރީގެ ސަފީރު މަރާލާނެ ކަމަށް ބުނެ ޓްވީޓްކުރި މީހަކަށް ޖޫރިމަނާއެއް

28 ނޮވެންބަރު 2021 - 20:15 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަޓުލް ކެޝަޕް: އޭނާއަށް އިންޒާރުދިން މީހަކަށް ވަނީ ޖޫރިމަނާގެ އަދަބެއް ކަނޑައަޅާފައި


އެމެރިކާގެ ކުރީގެ ސަފީރު މަރާލާނެ ކަމަށް ބުނެ ޓްވީޓްކުރި މީހަކަށް ޖޫރިމަނާއެއް

28 ނޮވެންބަރު 2021 - 20:15 0

އެމެރިކާއިން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު އަޓުލް ކެޝަޕް މަރާލާނެ ކަމަށް ބުނެ ޓްވީޓާގައި އިންޒާރު ދިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖޫރިމަނާގެ ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު ކޮށްފި އެވެ.

މި ހުކުމް އިއްވާފައިވަނީ ސ. މީދޫ, އަބްލަޣީވާދީ އަހުމަދު ރަޝީދުގެ މައްޗަށެވެ.

ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި އަހުމަދު ރަޝީދު ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަޓުލް ކެޝަޕް އަދި އޭނާގެ އައިލާ ރާއްޖެ އަތުވެއްޖެނަމަ މަރާލާނެ ކަމުގެ އިންޒާރުދީ, އޭނާގެ ޓްވީޓާ އެކައުންޓް ކަމަށްވާ TrepeanR@ އިން ދީފައިވެ އެވެ.

އެހެންވެ, އޭނާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އުފުލި އެވެ.

މި ދައުވާއަށް އަހުމަދު ރަޝީދު އިންކާރުކުރި އެވެ. އޭނާ އެ ދައުވާއަށް އިންކާރު ކުރަނީ ދައުލަތުން ދައުވާގައި ބުނާ ޓްވިޓާ އެކައުންޓަކީ އޭނާގެ އެކައުންޓެއް ކަމަށް ސާބިތުވާނެ ލިޔުމެއް ހުށަހަޅާފައި ނެތުމުންނެވެ.

ނަމަވެސް, ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން Trepean Rasheed ގެ ނަމުގައި އިންސްޓަގްރާމް އަދި ފޭސްބުކްގައި އޭނާ ގެންގުޅޭ އެކައުންޓްގެ ސްކްރީން ޝޮޓެއް ހުށަހެޅި އެވެ.

މީގެއިތުރުން އަހުމަދު ރަޝީދުގެ މޮބައިލްގެ ފޮރެންސިކް ރިޕޯޓާއި ސިއްރު ލިޔުންތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މައްސަލާގައި ރިޕޯޓް ތައްޔާރުކުރި ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ TrepeanR@ ހަދާފައިވަނީ އަހުމަދު ރަޝީދުގެ ނަމުގައި އޮތް ފޯނު ނަންބަރެއް ބޭނުންކޮށްގެން ކަމާއި އެ އެކައުންޓުން އަޓުލް ކެޝަޕަށް ޑައިރެކްޓް މެސެޖް ވެސް ކޮށްފައި ހުރި ކަމަށެވެ.

މައްސަލާގައި މިއަދު އިއްވި ހުކުމްގައި ފާހަގަ ކުރި ގޮތުގައި TrepeanR@ ޓްވިޓާ އެކައުންޓަކީ އަހުމަދު ރަޝީދުގެ ފޯނުގައި ބޭނުން ކުރަމުން ދިޔަ އެކައުންޓެއްކަން ސާބިތުވެ އެވެ. އަދި އެ ފޯނުން ފުލުހުން ނަގާފައިވަނީ ވެސް އޭނާގެ އަތުން ކަމުގައިވާއިރު އެ ފޯނުން ޓްވީޓްކޮށް ސަފީރަށް އިންޒާރު ދީފައިވާކަން ވެސް ސާބިތުވާ ކަމަށެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައާ ގުޅިގެން އޭނާ ކުރިން ފަސް ދުވަހު ބަންދުގައި ހުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެ މުއްދަތު ކަނޑައި, ހަތަރު މަހާއި 19 ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލު ކުރެއްވުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އަހުމަދު ރަޝީދަކީ ކުށުގެ ރިކޯޑް ނެތް މީހަކަށްވެފައި އޭނާއަކީ ވަޒީފާއެއް އަދާކުރަމުންދާ މީހަކަށްވުމެވެ.

އެހެންވެ, ހަތަރު މަހާއި 19 ދުވަހުގެ ޖަލު ހުކުމްގެ ބަދަލުގައި އަދަބެއްގެ ގޮތުން 27,800 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ކަނޑައަޅުއްވައި, އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭ ދެއްކުމަށް އަހުމަދު ރަޝީދުގެ މައްޗަށް އަމުރު ކުރެއްވި އެވެ.