Advertisement

އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ގެންނަން އަމުރެއް ނެރެނީ

28 ނޮވެންބަރު 2021 - 14:22 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަލީ ވަހީދު: އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެން ވަނީ ނިންމާފައި


އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ގެންނަން އަމުރެއް ނެރެނީ

28 ނޮވެންބަރު 2021 - 14:22 0

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ މި އަހަރުގެ ފެބުރުއަރީ މަހު ކުރިމިނަލް ކޯޓުން ދިނެވެ. އޭނާއަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނީ އޭނާގެ މައްޗަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވުމުންނެވެ.

އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އޭނާ ކުރިމިނަލް ކޯޓުގައި އެދުނީ ބޭސްފަރުވާ ކުރިއަށް ގެންދަން ޖެހޭތީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

އެ އިންތިޒާމް ކުރިމިނަލް ކޯޓުން ހަމަޖައްސައި, އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން ދެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް, އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

އެހެންވެ, އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން މައްސަލަ ނުބެލުމުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހިފައިގެން ދައުލަތުން ދިޔަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ. އެހެންވެ އެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހިފައި އޮތުމަށްފަހު މިއަދު ކުރިމިނަލް ކޯޓުން މައްސަލާގެ އަޑުއެހުމެއް ބޭއްވި އެވެ.

އާންމުކޮށް ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން ޝަރީއަތް ބޭއްވި ލައިވްކޮށެވެ. އަޑުއެހުމަށް އަލީ ވަހީދުގެ ވަކީލުންނާއި އޭނާގެ މައްޗަށް ޖާމިނުވި އަސްހަދު ހާޒިރުކުރި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަޑުއެހުމުގައި ވިދާޅުވި ގޮތުގައި, ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެއިތުރުން މަތީ ކޯޓުތަކަށް ވެސް އަލީ ވަހީދު ހާޒިރު ނުވެ, އެ ކޯޓުތަކުގެ ހުރުމަތް ވެސް ކަނޑާފައިވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި, ސުޕްރީމް ކޯޓުގެ އަމުރާއެކު މައްސަލާގެ އަޑުއެހުންތައް ދެން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ވެސް ވެސް ފާހަގަ ކުރެއްވި އެވެ.

އެހެންވެ, މިހާރު އަލީ ވަހީދު ހާޒިރު ކުރެވެން އޮތް ގޮތަކީ ހައްޔަރުކޮށްގެން ކަމަށްވާތީ އެފަދަ އަމުރެއް ނެރުއްވާނެ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ. އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރު ފުލުހުންގެ މައްޗަށް މިއަދު ނެރުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެކުރިން ސުޕްރީމް ކޯޓަށް ހާޒިރުނުވި މައްސަލާގައި އެ ކޯޓުން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް ވެސް ފުލުހުންގެ މައްޗަށް އަމުރުކުރި އެވެ. ނަމަވެސް މިހާތަނަށް އަލީ ވަހީދު ރާއްޖެ ގެނެވިފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން, އިންޓަޕޯލްގެ އެހީއަށް އެދެން ވެސް އޭރު ނިންމި އެވެ. ނަމަވެސް ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި އިންޓަޕޯލް މެދުވެރިކޮށް ގެނައުމަށް އުނދަގޫވާތީ, ފުލުހުން އޭރު ބޭނުންވީ ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލާގެ އަމުރެކެވެ. މިހާތަނަށް އެ މައްސަލާގައި އަލީ ވަހީދު އެއްވެސް ކޯޓަކަށް ހާޒިރުކުރުމުގެ އަމުރެއް ނެތެވެ.

އެހެންވެ, މިއަދު ކުރިމިނަލް ކޯޓުން ނެރޭ އަމުރާއެކު ފުލުހުން އިންޓަޕޯލްގެ އެހީ ހޯދާނެ ކަމަށް ބެލެވެ އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ވަނީ އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ކުރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަސްހަދު ވިދާޅުވީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެ ވާހަކަތައް ހުއްޓުވައި އަސްހަދު އިށީންނަން ގާޒީ ހަސަން ސައީދު އެންގެވި އެވެ. އަދި އެކަމުގައި ދައުލަތުގެ ބަހެއް ހޯދި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, އަލީ ވަހީދު ފުރަން ހުއްދަ ދިނީ އަސްހަދު ޖާމިނުވެގެން ކަމަށްވާތީ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޯޓުތަކަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅޭ އަލީ ވަހީދު ވިސާގެ މައްސަލައެއްގައި އެ ގައުމުގައި ވސް ހައްޔަރުކުރި އެވެ. ނަމަވެސް, އޭގެފަހުން އޭނާ ވަނީ އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި, ސަރުކާރަށާއި ޕްރޮސިކިއުޓާ ޖަނަރަލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭނާ ބުނާ ގޮތުގައި, ބޭސްފަރުވާގެ ކަންކަން މިހާރު ވެސް ކުރިއަށްދެ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސި ވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައި ވެއެވެ. އަދި އެތަނުން އޭނާގެ އެމްއާރުއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ. އަލީ ވަހީދަށް ޑޮކްޓަރުން ލަފާދެއްވީ ކަސްރަތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައި ވެ އެވެ.