Advertisement

ސްޓެލްކޯ އިންޖީނުގޭގެ ދުންހޮޅިތައް އަންނަ އަހަރު އުސްކޮށް ނިންމާނެ ކަމަށް ބުނެފި

28 ނޮވެންބަރު 2021 - 14:06 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ސްޓެލްކޯ އިންޖީނުގޭގެ ދުންހޮޅިތައް: މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ދުންހޮޅިތައް އުސް ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ސްޓެލްކޯ އިންޖީނުގޭގެ ދުންހޮޅިތައް އަންނަ އަހަރު އުސްކޮށް ނިންމާނެ ކަމަށް ބުނެފި

28 ނޮވެންބަރު 2021 - 14:06 0

ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ނިކުންނަ ދުމާއި އަޑުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވާތީ، ޖަނަރޭޓަރުތަކުގެ ދުންހޮޅިތައް އުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ އެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން ދާ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ހައްލެއް ހޯދުގެ ގޮތުން ދުންހޮޅިތައް އުސްކޮށް، އިންޖީނުގެތައް ސައުންޑްޕްރޫފް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެންގީ މިދިޔަ އޮކްޓޯބަރު މަހެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މުޣުނީ ރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އިންޖީނުގެތަކުން ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދުންހޮޅިތައް ވެސް އުސްކުރުމުގެ މަސައްކަތް އޭގެ ދަށުން އަންނަ އަހަރު ފަށާނެ ކަމަށެވެ.

"ޕްލޭން ނުކުރެވި އޮތުމުގެ ސަބަބަމުން މި މައްސަލަ މި ދިމާވަނީ. މިހާތަނަށް ހައްލެއް ލިބިފައި ނެތް ނަމަވެސް ހައްލު ގެނައުމަށް މަސައްކަތްތައް ކުރިއަށްދޭ. އިންޖީނުގެއެއް ވީމާ ކޮންމެސްވަރަކަށް އަޑުވެސް ހުންނާނެ. ނަމަވެސް މިހާރު ދިމާވާ ދަތިތައް ކުޑަކުރުމަށް މިދަނީ މަސައްކަތް ކުރަމުން،" ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ދުންހޮޅިތައް އުސްކޮށް، ޖަނަރޭޓަރުތަކުން ދިމާވާ އުނދަގޫތައް ހައްލު ކުރުމުގެ މަސައްކަތް އަންނަ އަހަރަށް ނިންމާލެވޭތޯ އެ ކުންފުނީގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިންޖީނުތަކުން ބޭރުވާ ދުމާއި ވަހުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ދިމާވާ ސިއްހީ އަދި ނަފްސާނީ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ރިޕޯޓެއް އެކުލާވާލާފައިވަނީ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސް އާއި އެންވަރަމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބްކޮމިޓީއަކުން ބެލުމަށް ފަހު އެވެ.

މި ރިޕޯޓުގައި މައިގަނޑު ހަތް ކަމަކަށް އަލިއަޅުވާލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން ހިމެނެ އެވެ. އަދި ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުމާއި ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމަށް މޮނީޓާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުމަށް ވެސް މަޖިލީހުން އަންގާފައި އޮތެވެ.

އޭގެ އިތުރުން، ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި އެކަމަށް މުވައްޒަފުން ތަމްރީނު ކުރުމާއި ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން އަދި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ފަދަ ކަންތައްތައް ވެސް މި ރިޕޯޓުގައި ހިމަނާފައި އޮތެވެ.

ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ރައްޔިތުންނަށް އުނދަގޫނުވާ ގޮތް ހެދުމަށް މަޖިލީހުން އެންގިއިރު، އެ ސަރަހައްދުގައި އުޅޭ މީހުން އެހެން ގެތަކަށް ބަދަލު ކުރުމަށް ސިޓީ ކައުންސިލުން އޮތީ ނިންމައިފަ އެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ، އެމީހުން އެ ސަރަހައްދުން ބަދަލުނުކޮށް މައްސަލަ ހައްލު ކުރުމެވެ.