Advertisement

އަނެއްކާ ރާއްޖެ ބަންދުކުރުން ވާނީ ގެއްލުން ބޮޑު ކަމަކަށް: ނަޝީދު

27 ނޮވެންބަރު 2021 - 12:31 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ނަޝީދު އެއާޕޯޓްގައި: ރާއްޖެ އަލުން ބަންދު ކުރުން ވާނީ ގެއްލުން ބޮޑު ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި


އަނެއްކާ ރާއްޖެ ބަންދުކުރުން ވާނީ ގެއްލުން ބޮޑު ކަމަކަށް: ނަޝީދު

27 ނޮވެންބަރު 2021 - 12:31 0

ކޮވިޑްގެ އާ ވޭރިއެންޓުގެ ނުރައްކާ އޮތް ނަމަވެސް, ރާއްޖެ އަލުން ބަންދުކުރުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓު ކަމަށް ސިއްހީ މާހިރުން ސިފަކޮށްފައިވާ "އޮމިކްރޮން" ނުރައްކަލާއެކު ބައެއް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން, މިއަދު ހެނދުނު ސްރީ ލަންކާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބުވޭގެ އިތުރުން ސްވާޒީލޭންޑަށް ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ހެނދުނު ވަނީ އާ ވޭރިއެންޓްގެ ކަންބޮޑުވުން ވަރަށް. ބޮޑު ކަމަށާއި ރާއްޖޭން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އެހެން ވިދާޅުވުމުން, އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވަނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ދެކޮޅުކަން ހާމަ ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި, އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަކަށެވެ.

"ކޮވިޑްއާއެކު އުޅުން ނޫން ގޮތެއް ނެތް," ނަޝީދުގެ މެސެޖްގައިވެ އެވެ.

ނުރައްކާތެރި އާ ވޭރިއަންޓު ފެތުރެން ފަށާފައިމިވަނީ ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، މި އަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ އަދަދު 1.3 މިލިއަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތަށްބަލާއިރު، އެފްރިކާއަކީ މިހާރު ފަތުރުވެރިން އިތުރުވަމުން އަންނަ އެއް މާކެޓެވެ.

މިގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެފްރިކާ ބައްރުން 20،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވާއިރު، އޭގެ ތެރެއިން 12،000 އެއްހާ ޓޫރިސްޓުން އައިސްފައިވަނީ އާ ވޭރިއެންޓު ފެނުނު ދެކުނު އެފްރިކާ އިންނެވެ.

އޮމްރިކޮން ވޭރިއަންޓުގެ ނުރައްކާ ބޮޑު

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ. އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބުނީ އެފްރިކާގެ ހަތް ގައުމަކުން ދަތުރުކުރުން ލިމިޓު ކުރާނެ ކަމަށެވެ.