Advertisement

ޑިސެމްބަރުގައި އާންމުންނަށް ބޫސްޓާ ޝޮޓް ދޭން ފަށަނީ

27 ނޮވެންބަރު 2021 - 11:25 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ކޮވިޑް ވެކްސިން މީހަކަށް ދެނީ: އަންނަ މަހު ބޫސްޓާ ޑޯޒް ދޭން ފަށާނެ


ޑިސެމްބަރުގައި އާންމުންނަށް ބޫސްޓާ ޝޮޓް ދޭން ފަށަނީ

27 ނޮވެންބަރު 2021 - 11:25 0

އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭގެ ބޮޑު އާބާދީއެއް ކޮވިޑް ވެކްސިންގެ ދެ ޑޯޒް މިހާރު ފުރިހަމަކޮށްފައިވާއިރު, ބޫސްޓާ ޑޯޒް ވެސް ޖަހަން ވަނީ ފަށާފަ އެވެ. އެގޮތުން, 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ވަނީ ޖަހަން ފަށާފަ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތްކެއާ, ޓޫރިޒަމް އަދި އެއާޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ބޫސްޓާ ޝޮޓް ދިނުން އަންނަ ހަފުތާ ފަށާނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ މެދު ތެރޭގައި އާންމު ރައްޔިތުންނަށް ބޫސްޓާ ޝޮޓް ދިނުން ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޝަރުތު ހަމަވާ މީހުން ވީއެންމެ އަވަހަކަށް ބޫސްޓާ ޝޮޓް ޖެހުމަށް އަޅުގަނޑު އިލްތިމާސްކުރަން," ރައީސް ވިދާޅުވި އެވެ.

އެޗްޕީއޭއިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 9058 މީހުން ވަނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ބޫސްޓާ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ރައީސް ސޯލިހު ވަނީ މިހާރު ފެނިގައިވާ އާ ކޮވިޑްގެ "އޮމިކްރޮން" އަކީ ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަމުން ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާ ކުރައްވާނެކަން ހާމަ ކުރައްވާފަ އެވެ.

މި އާ ވޭރިއަންޓު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ދެކުނު އެފްރިކާ އިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިއްޔެ ވަނީ މި ވޭރިއެންޓުގެ ނުރައްކާ ވަރަށް ބޮޑުކަމަށް ބުނެފަ އެވެ.

"މިހާތަނަށް ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭ. އެހެންވެ، އިތުރު ދިރާސާތައް ކުރަން ޖެހޭ. މިއުޓޭޝަންތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، އޭގެ ސަބަބުން ބަލި ފެތުރޭ ހަލުވި މިނަށް އަދި ބަލީގައި ސީރިއަސްވާ މިންވަރަށް ބަދަލު އާދޭތޯ ބަލަމުން ދާނެ،" ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ބުންޏެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެ ވޭރިއަންޓު މިހާތަނަށް ފެނުނު ގައުމު ތަކުގެ ތެރޭގައި ބޮޓްސްވާނާ، ބެލްޖިއަމް އަދި ހޮންގްކޮންގް ހިމެނެ އެވެ.

އޮމްރިކޮން ވޭރިއަންޓުގެ ނުރައްކާ ބޮޑު

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ.

އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބުނީ އެފްރިކާގެ ހަތް ގައުމަކުން ދަތުރުކުރުން ލިމިޓު ކުރާނެ ކަމަށެވެ.

މިއަދު ހެނދުނު ސްރީ ލަންކާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބުވޭގެ އިތުރުން ސްވާޒީލޭންޑަށް ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.