Advertisement

ފްރާންސްގެ އޭސީސީ އިން ފީފާގެ ކުރީގެ ރައީސް ބްލެޓާއާ ސުވާލުކޮށްފި

27 ނޮވެންބަރު 2021 - 08:26 0


ފްރާންސްގެ އޭސީސީ އިން ފީފާގެ ކުރީގެ ރައީސް ބްލެޓާއާ ސުވާލުކޮށްފި

27 ނޮވެންބަރު 2021 - 08:26 0

ޕެރިސް (ނޮވެމްބަރު 27) - ފްރާންސްގެ އެންޓި ކޮރަޕްޝަން ޕޮލިސް (އޭސީސީ) އިން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާއާ ސުވާލުކޮށްފި އެވެ.

ބްލެޓާ، 85، އާ ސުވާލުކުރަން ފްރާންސްގެ އޭސީސީ އިން ނިންމީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ވޯޓާ ގުޅޭ މައްސަލައެއްގަ އެވެ. ބްލެޓާއާ ސުވާލުކޮށްފައިވާއިރު، އޭނާ މިހާރު މައްސަލައިގައި ބައިވެރިވަނީ ހެކިވެރިއެއްގެ ގޮތުގައި ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ މި މައްސަލައިގައި ހިމެނޭ ކޮން ފަރާތަކުން ބްލެޓާގެ ނަން ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާތީކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ގަތަރުގެ ވޯލްޑް ކަޕްގެ ވޯޓާ ގުޅޭ ގިނަ މައްސަލަތަކެއްގައި ބްލެޓާގެ އެކި ވާހަކަ އެކި ގޮތަށް ދެކެވެ އެވެ. ފްރާންސްގެ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި ފްރާންސްގެ އެސީސީން ބަލަނީ ފީފާގެ ރައީސްގެ މަގާމުގައި ބްލެޓާ ހުންނެވިއިރު، 2009 ވަަނަ އަހަރު ގަތަރު ވޯލްޑް ކަޕް ބިޑްގެ ކުރިން ހިނގާދިޔަ ބައެއް ކަންތައްތަކާ ގުޅޭ މައްސަލަ އެކެވެ.

އެ ގޮތުން ގަތަރު ވޯލްޑް ކަޕް ބިޑްގެ ވޯޓު ނެގުމުގެ ނުވަ ދުވަސް ކުރިން ފްރާންސްގެ ރައީސަކަށް އޭރު ހުންނެވި ނިކޮލަސް ސަރްކޯޒީގެ ދައުވަތަކަށް ބްލެޓާ ވަނީ އެލީސީސް ހޮޓަލަށް ވަޑައިގެންފަ އެވެ. އެ ހޮޓަލުގައި އެ ވަގުތު ގަތަރުގެ ސަރުކާރު އިސް އޮފިޝަލުންނާއި ގަތަރު ވޯލްޑް ކަޕް ބިޑްގެ އިސް އޮފިސަލުން ވެސް ހާޒިރުވެވަޑައިގެން ތިއްބެވި އެވެ. އޭގެ އިތުރުން އޭރު ޔުއެފާގެ ރައީސަކަށް ހުންނެވި، ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓީނީ ވެސް އެލިސީސް ހޮޓަލުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްވެ އެވެ.

ފްރާންސްގެ އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލައިގައިވާ ގޮތުން ގަތަރަށް ވޯލްޑް ކަޕް ބިޑް ކާމިޔާބު ކޮށްދޭން ޔޫރަޕްގެ ގައުމުތަކުގެ ވޯޓުތައް ހޯދަން އެހީތެރިވެދިނީ ޕްލެޓިނީ އާއި ބްލެޓާ އެވެ. އެއީ މަގާމުގެ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެންނެވެ. ގަތަރު ވޯލްޑް ކަޕްގެ ވޯޓު މައްސަލައިގައި 2019 ވަނަ އަހަރު ޕްލެޓިނީއާ ސުވާލުކުރި ނަމަވެސް އޭނާއާ މެދު ފިޔަވަޅެއް ނާޅަ އެވެ. ގަތަރުން ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރީ އެމެރިކާއާ ވާދަކޮށެވެ.

ބްލެޓާއާ ގުޅުން ހުރި ވޯލްޑް ކަޕްގެ އަގުބޮޑު ޓީވީ ރައިޓްސް ޑީލެއްގެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ. އެއީ 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ޑީލެއް ސައްހަ ބިޑިން ޕްރޮސަސް އެއް ނެތި ގަތަރުގެ އަލް ޖަޒީރާ އަށް ކާމިޔާބު ކޮށްދޭން ބްލެޓާ ބާރުއަޅުންވާފައިވާތީ އެވެ. އެ ޑީލްގައިވާ ގޮތުން ދެ ވޯލްޑް ކަޕްގެ ޑީލް އަލްޖަޒީރާ އަށް ދޭނީ 300 މިލިއަން ޑޮލަރަށެވެ. އަދި އެއީ 100 މިލިއަން ޑޮލަރުގެ ބޯނަހެއް ހިމެނޭ ގޮތަށެވެ.

ބްލެޓާ ވަނީ 17 އަހަރު ފީފާ ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. އެއީ 1998 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާ އިން 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ބެލްޓާ އާއި ޔޫއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ފުރަތަމަ ސަސްޕެންޑްކުރީ އަށް އަހަރަށެވެ. އެހެން ނަމަވެސް ފީފާ އެތިކްސް ކޮމިޓީން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްދީފަ އެވެ. މި އަހަރު މާޗް މަހު ބްލެޓާގެ އިތުރު މައްސަލައެއް ނިންމައި، ފީފާ އިން ވަނީ އޭނާ އަށް އިތުރު ސަސްޕެންޝަނެއް ދީފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ.