Advertisement

މާޒިޔާގެ އެކެޑަމީއެއް ނ. ކެނދިކުޅުދޫގައި ފަށައިފި

27 ނޮވެންބަރު 2021 - 00:09 0


މާޒިޔާގެ އެކެޑަމީއެއް ނ. ކެނދިކުޅުދޫގައި ފަށައިފި

27 ނޮވެންބަރު 2021 - 00:09 0

ރާއްޖޭގެ ޗެމްޕިއަން, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ނ. ކެނދިކުޅުދޫގައި މިއަދު ރަސްމީކޮށް އެކެޑަމީގެ މަސައްކަތް ފަށައިފި އެވެ.

ކެނދިކުޅުދޫ ޓާފް ދަނޑުގައި މިއަދު ބޭއްވި އެކެޑަމީ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި މާޒިޔާގެ އިސްވެރިންނާއި ކެނދިކުޅުދޫ ކައުންސިލް މެމްބަރުންގެ އަދި މާޒިޔާގެ ސްޕޮންސަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ހިމެނިވަޑައިގަންނަަވަ އެވެ.

ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ކެނދިކުޅުދޫގައި މި އެކެޑަމީ ކުރިއަށް ގެންދަނީ މާޒިޔާ އާއި ކެނދިކުޅުދޫ ކައުންސިލް އަދި ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބުން ގުޅިގެންނެވެ. އަދި މި އެކެޑެމީގެ މެއިން ސްޕޮންސަރަކީ، މާޒިޔާގެ މެއިން ސްޕޮންސަރުން ކަަމަށްވާ އުރީދޫ މޯލްޑިވްސް އެވެ.

ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ ރަށަށް މާޒިޔާގެ ފަރާތުން ފުޓްބޯޅައިން ކުރިއަށްދާން މި ތަނަވަސްކޮށްދިން ފުރުސަތަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

މާޒިޔާ އިން ވަނީ މީގެ ކުރިން ވެސް ފުޓްބޯޅަ އެކެޑަމީގެ މަސައްކަތްތައް އެކި ރަށްތަކާ ގުޅިގެން ކުރިއަށް ގެންގޮސްފަ އެވެ.

ކެނދިކުޅުދޫގައި މާޒިޔާ އިން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން.


އެކި އުމުރުފުރާތަަކަށް ހުޅުވާލައިގެން ފެށި މި އެކެޑަމީގައި އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ތަމްރީނު ދޭނެ އެވެ. އެކެޑަމީ ރަސްމީކޮށް ފެށިއިރު، ދެ ޖިންސުގެ ކުދިން ހިމެނޭހެން 63 ކުދިން ވަނީ ބައިވެރިވެފަ އެވެ.

މާޒިޔާ އަކީ މާލޭގައި ވެސް އެންމެ ފުޅާދާއިރާއެއްގައި އެކެޑަމީ ހިންގަމުން އަންނަ ކްލަބް އެވެ. އަދި މާޒިޔާ އެކެޑަމީން ވަނީ 2019 ވަނަ އަހަރު އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކުރީ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމެވެ.

މާޒިޔާގެ އެހީތެރިކަމާ އެކު ކެނދިކުޅުދޫގައި ވަނީ އެފްއޭއެމް ޑީ ލައިސަންސް ކޯހެއް ކުރިއަށް ގެންދަން ފަށައިފަ އެވެ. މި ކޯހުގައި މާޒިޔާގެ ހެޑް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ކިޔަވައިދެ އެވެ.

ފުޓްބޯޅަ ކޯޗިންގެ މަތީ ފާސް، އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން ވަނީ މީގެ ކުރިން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި ވެސް ކޯޗިން ކޯސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެއީ އޭއެފްސީ މެދުވެރިވެގެން މޯހަން އަށް ލިބުނު ފުރުސަތެކެވެ. ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، މޯހަން ވަނީ އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ އިން އަންނަ މަހު ފަށަން ނިންމާފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން ޓްރެއިނިން ކޭމްޕް ކުރިއަށްގެންދަނީ ވެސް ކެނދިކުޅުދޫގަ އެވެ.

މާޒިޔާ އިން އެ ރަށުގައި ޓްރެއިނިން ކޭމްޕް ގެންދަނީ 10 ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގައި ކެނދިކުޅުދޫ ޓީމާ ދެކޮޅަށް މެޗު ކުޅޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. ފުޓްބޯޅަ ސީޒަނުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ.