Advertisement

ދިގުވާހަކަ: ތޫފާން

26 ނޮވެންބަރު 2021 - 08:32 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ތޫފާން

26 ނޮވެންބަރު 2021 - 08:32 0

(ހަތަރު ވަނަ ބަޔާ ގުޅޭ)

"ދެން ތި ދައްކަނީ ކޮން ވާހަކައެއް؟" ރިޔާޝާ ރުންކުރު ރާގެއްގައި ބުނެލި އެވެ.

"މި ދައްކަނީ ކައިވެނީގެ ބޭރުން ކަންކަން ކުރެވޭތީ އެ ވާހަކަ. ކައިވެނިކޮށްގެން ކުރާނެ އާ ކަމެއް ނޯންނާނެ ވާހަކަ." އަހަރެން އަތުގައި އޮތް ސަމުސާ ވެސް މޭޒުމަތީގައި ބޭއްވީމެވެ.

"މަށަށް ހީވަނީ ޔަނާލް މަދެކެ ފޫހިވީހެން މިހާރު. ބޭނުން ކެނޑުނީހެން." ރިޔާޝާ ރަސްމީ ރާގުގައި ބުނެލި އެވެ.

"ތިހެން ނުވިސްނަބަލަ."

"ދެން ކިހިނެއް ވިސްނާންވީ؟" ރިޔާޝާ ތުން އަނބުރައިލި އެވެ. "ޔަނާލު ދެ އިރުކާ ބޭހެއްހެން ތިޔަ ވާހަކައެއް އެބަ ދައްކާ. ކޮންމެ ފަހަރަކު ވެސް ކުރާނެހާ ކަމެއް ކޮށްފަ ތިޔަ ވާހަކައެއް ދައްކަން އެނގެނީ. އޭގެ ކުރިން ނޭނގެ."

"ރަނގަޅޭ. އަހަރެން ނުބުނަން އަހަރެން ވަކި ރަނގަޅެކޭ. އަހަންނަށް ވެސް ގޯސްކަންކަން ކުރެވޭ. ރަނގަޅު ގޮތް ވިސްނުނީމަ އެކަމާ ދެރަ ވެސްވޭ. ޖެހިލުން ވެސް ވެވޭ. ތައުބާ ވެސް ވާން."

"ދެން ކޮބާ ތިވާ ތައުބާއެއްގެ ބޭނުމެއް؟" ރިޔާޝާ ޖެއްސުމުގެ ރާގުގައި ބުނެލި އެވެ.

"އެއީތާ މައްސަލައަކީ؟ އަހަރެން ގަބޫލުކުރާނީ އަހަންނަށް ފުރިހަމައަށް އެކަން ނުކުރެވެނީކަމަށް. އެހެން ނޫންނަމަ އެކަން ތަކުރާރު ވެގެން ނުވާނެ،" އަހަރެންގެ ރާގު ބަދަލުވަމުން ދިޔަކަން ޚުދު އަހަންނަށް ވެސް ވިސްނުނެވެ. "އެކަމަކު."

ރިޔާޝާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ޖުމުލަ ފުރިހަމަ ނުކުރެވުމުންނެވެ. އޭރު އަހަރެންގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ އެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި ދުވަމުން ދިޔައެވެ. ގައިން ހީނބިހި ނަގައިމުން ދިޔަ އެވެ.

"ދެން ތަކުރާރެއް ނުކުރާނަން. އަހަރެން މިހުރީ އެ އަޒުމުގައި. އެ ޖޯޝުގައި." އަހަރެން ޢަޒުމާއެކު ބުނެލީމެވެ.

"ތިއެއް ނޭނގޭނެ. ސިކުންތެއް ނުވަނީސް ޔަނާލްގެ ނަފުސު އޮންނާނީ ވަޔަށް ކެހިފަ." މަލާމާތުގެ ރާގުގައި ރިޔާޝާ ބުނެލި އެވެ.

"ހުރޭ ބަލަން. ގޯހަށް ގޯހެކޭ ބުނާ މީހަކަށް އަހަރެން ވާނަން. ހިތް އެދުނަސް ނޫނެކޭ ބުނާން ޖެހޭ ކަންކަމުގައި ނޫނެކޭ ބުނާން ކެރޭނަން. އަހަރެން އެ ކޮޓަރީގެ ދޮރުން މި ނުކުތީ އެކަމަށް ވަޢުދުވަމުން. އަމިއްލަ ނަފުސަށް." ތުންފަތަށް ބާރުކޮށްލަމުން އަޒުމާއެކު ބުނެލީމެވެ.

ރިޔާޝާ ބަހެއް ނުބުނެ އެވެ. އޭނާގެ މޫނުމަތިން ފެވެމުން ދިޔައީ ފޫހިކަމެވެ. ހިތްހަމަ ނުޖެހުމެވެ. އެކަމާ ކުރިމަތިލާން ޖެހޭނެކަން އަހަންނަށް އެނގެ އެވެ. އެހެންވެ މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ކޮފީތަށީގައި ތުން ޖަހައިލީމެވެ.

"އޯކޭ. ހިނގާ ގޮތެއް ނިންމަން." ރިޔާޝާ ބުނެލި އެވެ.

އަހަރެން ހީކުރީ ރިޔާޝާއަށް ހެޔޮ ވިސްނުނީކަމަށެވެ. އަހަރެންގެ ބަހަށް އޭނާ އެއްބަސްވީ ކަމަށެވެ. ނަމަވެސް އޭނާ އެދުނީ އެހެން ކަމަކަށެވެ.

"ކޮން ކަމެއް؟"

"ބުރޭކުވާން،" ރިޔާޝާ ހިންދިރުވާލިއެވެ. "ރީތި ގޮތުގައި ވަކިވާން."

"އޭރުން؟" އަހަންނަށް ލިބުނީ ހައިރާންކަމެކެވެ.

އެހައި ފަސޭހައިން ގުޅުން ކަނޑައިލަން ރިޔާޝާ ނިންމީތީ ސުވާލު އުފެދުނެވެ. އަހަރެން ވީ ލޯބީގައި ކޮޅުފައިން ޖެހުމަށް އޭނާ ތެދުވީތީ ޖެހިލުންވި އެވެ.

"އަހަރެން މިވާ ލޯތްބޯ." އަހަންނަށް ބުނެވުނެވެ.

"ލޯތްބަކީ ކޮބައިތަ؟ އެއީ އަހަރެން ދަންނަ އެއްޗެއް ނޫން." ރިޔާޝާ ކޮޅަށް ތެދުވި އެވެ.

"ދެން؟ މާނައަކީ ރިޔާޝާ އަހަރެން ދެކެ ލޯތްބެއް ނުވެއޭތަ؟" އަހަންނަށް ވެސް ތެދުވެވުނެވެ.

ރިޔާޝާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. މަޑުމަޑުން ފޮތިގަނޑުގައި ހިފައިލި އެވެ. އެއަށްފަހު ދޮރު ހުޅުވާލި އެވެ. ދޮރު ހުޅުވާލުމާއެކު މަޑުމަޑު ވައިރޯޅިއެއް އެތެރެއަށް ވަނެވެ. ރިޔާޝާގެ މޫނު ހުރަސްކޮށް އޭނާގެ އިސްތަށިގަނޑާ ހަމައަށް ވައިރޯޅިގެ އަސަރު ކުރި އެވެ. އަހަރެން ގޮސް ރިޔާޝާގެ ފަހަތުން އޭނާގެ ގައިގައި ބައްދައިލީމެވެ. އޭނާގެ އިސްތަށި ގަނޑަށް މޫނު ކޮށްޕައިލީމެވެ. އޭނާގެ ކަނދުރާގައި ތުންފަތް ޖައްސާލީމެވެ.

"އަހަންނަށް އިންސާނަކު ދެކެ ހަގީގީ ލޯބި ވެވުނު ނަމަ އެ މީހަކީ ތީ.؟ އަހަރެން ވައި އަޑުން ބުނެލީމެވެ. "އަހަރެންގެ ލޯތްބާ ދުރަށްދާން މަސައްކަތް ނުކުރޭ. އާދޭސްކުރަން."

"އަހަންނަށް ލޯތްބަކީ ކޮބައިކަމެއް ނޭނގޭ. އަހަރެން ލޯބި މާނަ ކުރަނީ އުފަލާއި އަރާމަށް. ހިތްހަމަ ޖެހުމާއި ހިނިތުންވުމަށް. ޔަލާންގެ ފަރާތުން އަހަންނަށް އެކަން ލިބޭ. ނުލިބިއްޖެ ނަމަ.." ރިޔާޝާ ހުއްޓައިލި އެވެ.

"ދެން ގޮތް ދޫކޮށްފަ މެރީކުރާން އެއްބަސްވޭ،" އަހަރެން ދެ އަތަށް ބާރުކޮށްލަމުން ރިޔާޝާ ގަޔާލާ ފިއްތައިލީމެވެ. "މެރީ ކުރާން ބޭނުން ނުވަންޏާ އަހަރެންގެ ނިންމުމަށް އިހުތިރާމުކުރޭ."

"އަހަރެން އަދި މެރީ ކުރާކަން ބޭނުމެއް ނުވޭ. އެކަމަކު އަހަންނަށް އުފާވެރިކަން ބޭނުންވާނެ. ހިތްހަމަ ޖެހުން ލިބެންވާނެ. އެކަން ޔަނާލް ދަންނަންވާނެ." ރިޔާޝާ އެނބުރިލި އެވެ.

އޭނާ އަހަންނާ ދުރަށް ދިޔައީ އެވެ. ކުޑަ ދޮރުކައިރިއަށް ޖެހިލަމުން އަހަރެން ފުންނޭވާއެއް ބޭރުކޮށްލީމެވެ. ހުރަހެއް ނެތި މޫނާ ސަމާސާ ކުރަމުން ދިޔަ ވައިރޯޅިތަކަށް އިހުތިރާމު ކުރަމުން ދެ ލޯ މަރައިލީމެވެ. ކޮންމެ ގޮތަކަށް ކަންތައްވީ ނަމަވެސް އަހަރެން އަހަރެންގެ ގޮތުގައި ކުރިއަށް ދިޔުމަށް އަޒުމު ކަނޑައެޅީމެވެ. ރިޔާޝާއާއެކު އެ ގޭގައި އުޅެވޭނަމަ ކަންކަން ގޯހުން ގޯހަށް ދާނެކަމަށް ބަލައި ދެވަނަ ފިޔަވަޅު އެޅުމުގެ އަޒުމުގައި ކޮޓަރިއަށް މިސްރާބު ޖެހީމެވެ.

"އަހަރެން ރިޔާއަށް ވެސް އިހުތިރާމު ކުރަން. އަދި ރިޔާ އަހަންނަށް ވެސް އިހުތިރާމު ކުރާނެ ކަމަށް ހީކުރަން." ދަބަސް ކޮނޑުގައި އެލުވާލަމުން އަހަރެން ބުނެލީމެވެ.

"ދެން ބްރޭކުވީތަ؟" ރިޔާޝާ އަހައިލި އެވެ.

"ނޫނޭ. އަހަރެން އަންނާނަން. މި މި ވަގުތަށް އެންމެ ރަނގަޅު ގޮތް. އަހަންނަށް އަހަރެންގެ ގޮތުގައި ކުރިއަށް ދިޔުމަށް ފުރުސަތުދީ. އަހަރެން ރިޔާ އެކަނި ކޮށެއް ނުލާނަން. މާލެ ގޮސް އަންނާނަން. ރިޔާ ތައްޔާރުވެފަ ގުޅާ. ކުލާސް އޮތީ ހަވީރުއެއްނު."

އަހަރެން ފަހަތުން ރިޔާޝާ ވެސް އައެވެ. ދޮރާހަމައަށެވެ. ބޭރަށް ނުކުމެ ބޫޓަށް އަރަންދެން އޭނާ ބަލަން ހުއްޓެވެ. ދޮރުފަތުގައި ބައްދާލައިގެންނެވެ.

"ކީ އޮންނާނެ. އަހަރެން ބޭނުން އިރަކު ވަދެވޭނެއްނު ދޯ." އަހަރެން ބުނެލީމެވެ.

ބަދަލުގައި ރިޔާޝާ ހިނިތުންވެލިއެވެ. އޭނާގެ މޫނު މައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނިފައި އަހަރެން ހިތުގައި ޖެހުނެވެ. ނަމަވެސް އަހަންނަށް އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯކޮށްލެވުނެވެ. އެހެންވެ އެ އަސަރުތައް ނުފެންނަ ކަމަށް ހެދީމެވެ.

"ރެޑީވެފަ ގުޅައިލާ. އަންނާނަން. މިރޭ ބޭރަށް ދާންވާނެ ދޯ." އަހަރެން ބޫޓަށް އެރުމަށްފަހު ރިޔާޝާއާ ގާތްވެލީމެވެ.

"ހޫނ." ރިޔާޝާ ހޫން އަޅުވައިލީ ފޫހި ގޮތަކަށެވެ.

އެ ދުވަހުގެ ރެޔެވެ. ރިޔާޝާއަށް ގުޅައިގުޅައި ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން އަހަރެން ނިންމީ އެ ގެއަށް ދާށެވެ. ފެރީގައި އިން އިރު ވެސް ހިތަށް އެކި ކަހަލަ ވަހުމުތައް އަރައިފައިބަމުން ދިޔަ އެވެ. ރިޔާޝާއަށް ކަމެއް ދިމާވީ ކަމަށް ވިސްނެން ފެށުނެވެ. އެހެން ނޫނީ އޭނާ ފޯނަށް ޖަވާބުދޭނެއެވެ. ކިތަންމެ ރުޅި ގަދަވެފައި ހުއްޓަސް ފޯނަށް އެކަމެއް ނުބާލާނެ އެވެ.

ފެރީން ފޭބިގޮތަށް ދެފިޔަވަޅު އެއްކުރަމުން އަހަރެން މިސްރާބު ޖެހީ ރިޔާޝާމެންގެ އެޕާޓުމެންޓާ ދިމާއަށެވެ. އެއީ ތިންބުރީގެ އިމާރާތެކެވެ. ރިޔާޝާމެންގެއާ ހަމައަށް ގޮސް ހުއްޓިލުމަށްފަހު އަހަންނަށް ބަލައިލެވުނީ އެމީހުންގެ އެޕާޓުމަންޓާ ދިމާއަށެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސިޑިއާ ދިމާއަށް ހިނގައިގަނެވުނެވެ. ސިޑިން އަރައި، ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތަޅުދަނޑި ޖަހައިލަމުން ދޮރު ހުޅުވާލީމެވެ. މައިގެ ތެރޭގައި އެކަކު ވެސް ނެތެވެ. ނަމަވެސް ކޮންމެވެސް މީހެއްގެ ހުނުމުގެ އަޑު ކޮޓަރިން އިވެމުން ދިޔަ އެވެ. އަޑުއައީ ރިޔާޝާގެ ކޮޓަރިއާ ދިމާއިންނެވެ. އަހަރެން ހީކުރީ ފޯނުގައި އޮވެގެން ކޮންމެވެސް މީހަކާ ވާހަކަދައްކަނީ ކަމަށެވެ.

ތަންކޮޅެއް ބޮޑަށް ސަމާލުވަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އިވެމުންދިޔަ އަޑުތަކާ މެދު ވިސްނަމުންނެވެ. އަހަންނަށް ހުއްޓެން މަޖުބޫރުވި އެވެ. ހުނުމުގެ އަޑާއެކު އިތުރު މީހެއްގެ އަޑު އިވެމުން ދިޔުމުންނެވެ. އެއީ ފިރިހެނެއްގެ އަޑުކަން ޔަގީންވިއެވެ. މާނޭވާލެވިފައިވާ ގޮތަކަށް އޭނާ ވާހަކަ ދައްކާހެން ހީވަމުން ދިޔުމުންނެވެ.

މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފައިލީމެވެ. ދޮރު ހުރީ ތަޅު ނުލައެވެ. އެހެންވެ ދޮރުހުޅުވުނެވެ. ފެނުނު މަންޒަރުން މުޅި މީހާ ގަނޑުވި އެވެ. ހަރަކާތްތައް ހުއްޓުނެވެ. ނޭވާ ނުލައި އެތައް އިރަކު ހުންނާން ޖެހުނެވެ. ދެ ލޯ ދޮގު ހަދަނީކަމަށް ވިސްނުނެވެ. އެހެންވެ އަވަސް އަވަހަށް އެސްފިޔަ ޖައިލީމެވެ. ކުރިމަތީން ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރާން ދަތިވެގެންނެވެ.

ތަޅުން އަތް ދޫވިއެވެ. އެއާއެކު ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވުނެވެ. ކޮޓަރީގެ ފާރުގައި ތަޅު ޖެހުނެވެ. މުޅިތަނަށް އެ އަޑު އިވުނެވެ. (ނުނިމޭ)