Advertisement

ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައަށް ރާއްޖޭން ޖަވާބުދާރީވެއްޖެ

25 ނޮވެންބަރު 2021 - 22:47 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައަށް ރާއްޖޭން ޖަވާބުދާރީވެއްޖެ

25 ނޮވެންބަރު 2021 - 22:47 1

ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖޭން ޖަވާބުދާރީ ވެއްޖެ އެވެ.

މިއީ އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނައަހަރު އެ ގައުމުން ހުށަހެޅި މައްސަލައެކެވެެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނާ ގޮތުގައި މި މައްސަލަ އުފަންވީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލައަކުންނެވެ.

ހައްލުކުރެވިފައި ނުވާ މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްއަށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަންގެ މުއާހަދާގެ ދަށުން ހުށަހަޅާފައިވާއިރު، މިއަހަރު ތެރޭގައި ރާއްޖެއިން ފާހަގަކުރި އިޖުރާއީ ނުކުތާއަކާއި ގުޅިގެން ގޮތެއް ނިންމާފައިވެ އެވެ.

އެ ނިންމުމުގައި ވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސާސް އެ ޓްރައިބިއުނަލްއަށް ލިބިގެންވާކަން ބަޔާންކޮށްފަ އެވެ.

އޭޖީއިން ބުނީ އެ ނިންމުމާއި ގުޅިގެން މިއަހަރުގެ މެއި މަހު މޮރިޝަސްގެ ފަރާތުން ހުށަހެޅިި މައްސަލައަށް މިއަދު ޖަވާބުދާރީވެފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން މި މައްސަލައަށް ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައޫލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވިގެންކަން އޭޖީއިން ފާހަގަކުރި އެވެ.

އެގޮތުން، މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާ އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެ އެވެ.

ރާއްޖެ މިނިވަން ވުމާއެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.