Advertisement

އަންނަ އަހަރު 20،000 މެމްބަރުން ހަމަކުރާނަން، މިއީ މިހާރު ބޮޑު ޕާޓީއެއް: ނާޒިމް

25 ނޮވެންބަރު 2021 - 15:21 2

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެމްއެންޕީގެ ލީޑާޝިޕް. އެ ޕާޓީއަށް 10،000 މެމްބަރުން މިހާރު ވަނީ ހަމަކޮށްފަ-- ފޮޓޯ: އެމްއެންޕީ


އަންނަ އަހަރު 20،000 މެމްބަރުން ހަމަކުރާނަން، މިއީ މިހާރު ބޮޑު ޕާޓީއެއް: ނާޒިމް

25 ނޮވެންބަރު 2021 - 15:21 2

އަންނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 20،000 މެމްބަރުން ހަމަކުރާނެ ކަމަށާއި، އަދި މިހާރު އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން ބޮޑު ޕާޓީއެއްކަމުގައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީއަށް އިއްޔެ 10،000 މެމްބަރުން ހަމަކުރި މުނާސަބަތާ ގުޅިގެން ނާޒިމް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީއާ ގުޅުނު ނަމަވެސް އަދިވެސް ޕާޓީ ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވީތީ 10،000 މެމްބަރުން މި ހަމަކުރީ ގާތްގަނޑަކަށް 3 މަހާއި ބައި ތެރޭގައި. އެއީ ޕާޓީ އުފަންކުރުވިއިރު ވެސް އަމާޒެއް. މިހާރު އަޅުގަނޑުމެންނަކީ ރާއްޖޭގެ ބޮޑު ޕާޓީއެއް،" ނާޒިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުންނަމަ، 10،000 މެމްބަރުން ހަމަކުރުމާއެކު އެމްއެންޕީ ވެގެންދާނީ ރާއްޖޭގައި ތިން ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށެވެ. އެމްއެންޕީއަށް ވުރެ މެމްބަރުން ގިނަ ޕާޓީތަކުގެ ގޮތުގައި މިވަގުތު އޮންނާނީ އެމްޑީޕީ އާއި ޕީޕީއެމް އެކަންޏެވެ.

ޕާޓިތަކުގައި މެމްބަރުން ތިބި އަދަދު

  • އެމްޑީޕީ - 54302
  • ޕީޕީއެމް - 38020
  • ޖުމްހޫރީ ޕާޓީ - 9،335
  • އެމްޑީއޭ - 8،712
  • އަދާލަތު ޕާޓީ - 6،253
  • އެމްޓީޑީ - 3،875
  • ޕީއެންސީ - 3،084
  • ޑީއާރުޕީ - 2،870
  • އެމްއެސްއެލްޑީޕީ - 2،686

ސިޔާސީ ޕާޓީތަކަށް 10،000 މެމްބަރުން ހަމަކުރުމާއެކު އެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރަން ވާނޭކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރެ އެވެ. އެމްއެންޕީއަށް ވެސް މިހާރު ހަމަ އެހެން ޕާޓީތަކެކޭ އެއްގޮތަށް ފައިސާ ލިބޭނެކަމަށް އުއްމީދުކުރާކަމަށް ނާޒިމް ވިދާޅުވި އެވެ.

"ދެން އިލެކްޝަނުން އެކަން ކަނޑައަޅައި ފައިސާ ދޫކުރާނީ. އެކަމަކު އުންމީދަކީ މިހާރު 10،000 މެމްބަރުން ހަމަކޮށްފައިވާތީ އެ ފައިސާ ލިބުން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީއަށް 10،000 މެމްބަރުން ހަމަކުރިޔަސް އަދިވެސް ޕާޓީގެ އަދަދުތައް އިތުރުކުރަން ޕާޓީގެ ލީޑާޝިޕުން ކުރާ މަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއީ ހަމަ ހުއްޓުމެއް ނެތް މަސައްކަތެއްތާ! މިހާރު ވެސް އަޅުގަނޑުމެންގެ ޓީމުތައް އަތޮޅުތެރޭގަ ހަރަކާތްތެރިވަމުންދަނީ. ދެން ޕާޓީގެ ލީޑާޝިޕުން ވެސް އަތޮޅު ތެރޭ ދަތުރުތަކުގައި ބައިވެރިވާނެ، އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް 20،000 މެމްބަރުން ހަމަކުރުން،" ނާޒިމް ވިދާޅުވި އެވެ.