Advertisement

ޔާމީންގެ މައްސަލާގައި މި މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރަނީ

25 ނޮވެންބަރު 2021 - 11:13 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީން: މި މަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައި


ޔާމީންގެ މައްސަލާގައި މި މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރަނީ

25 ނޮވެންބަރު 2021 - 11:13 0

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ, އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ތާވަލުކޮށްފި އެވެ.

އެ ކޯޓުން ތާވަލުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 8:45 ގައި ހުކުމް އިއްވުމަށެވެ. އެގޮތަށް ޗިޓް ފޮނުވާފައިވާކަން ޔާމީންގެ ގާނޫނީ ވަކީލުން ޔަގީންކޮށްދިނެވެ.

ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިންގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަދި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ނަމަވެސް, މިދިޔަ ހަފުތާ އިތުރު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން ބޭއްވި ގއ. ވޮޑުމުލާގެ ކުލީގެ ފައިސާ ހިމެނޭ ޗެކްގެ ނަންބަރު ބޭންކް ސްޓޭޓްމެންޓާއި ޑެޕޮސިޓް ސްލިޕްގައި ދެ ގޮތަކަށް ލިޔެފައި އޮތުމުން އެކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރުމަށެވެ.

މައްސަލާގައި ބޭއްވި އެންމެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން އަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދައުވާ ކޮށްފައިވަނީ އެމަނިކުފާނަށެވެ. ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށެވެ.

އެހެންވެ, އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން އަމަލު ކުރަމުން ދަނީ އެމަނިކުފާނާމެދު ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ, އެ ޝުއޫރުތައް ސުޕްރީމް ކޯޓަށް އިއްވަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވަކީލް މުހައްމަދު ޖަމީލު ވެސް ތިން އިލްތިމާސްއެއް ފަނޑިޔާރުންނަށް ކުރެއްވި އެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހުކުމް ނެރުއްވާއިރު ޑިއު ޕްރޮސެސް މި މައްސަލާގައި ދައުލަތުން ގެންގޮސްފައިވާ ގޮތް ބެލުމެވެ. ދެވަނަ ކަމަކަށް ވަފާތެރިކަމާއެކު ހުކުމް ނެރުއްވުމަށާއި ތިންވަނަ ކަމަކަށް އަދުލުވެރި ހުކުމެއް އިއްވުމަށް އެދިވަޑައިގަތެވެ.

ޖަމީލު ވިދާޅުވި ގޮތުގައި, ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުކޮށްފައިވަނީ މުޅި ކޮންސެޕްޓް އޮޅުވާލައިގެން ގާނޫނުގެ މާނަތައް އެފުށްމިފުށަށް ޖަހައިގެންނެވެ. އެ ހުކުމް އެގޮތަށް ދަމަހައްޓައިފިނަމަ ތުހުމަތު ވެސް ނޭނގި ގިނަ ބައެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެހެންވެ, އެދުނީ ހުކުމް ބާތިލްކުރުމަށެވެ. ނަމަވެސް, ދައުލަތުން ވަނީ ޔާމީންގެ މައްޗަށް އޮތް ހުކުމް ރަނގަޅު ކަމަށް ބުނެ, އެ ހުކުމް ދަމަހައްޓައިދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިން ކުށުގެ ހުރިހާ އުންސުރެއް ޔާމީންގެ މައްޗަށް ވަނީ ސާބިތުކޮށްދެވިފަ އެވެ. އަދި, މައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިންނެވެ. އެހެންވެ, އެ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.

ވޮޑުމުލާގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށްދެ އެވެ. އޭގެއިތުރުން ވ. އާރަށު މައްސަލާގައި ވެސް ޔާމީންގެ މައްޗަށް މަނީލޯންޑްރިން އާއި ރިޝްވަތި ހިފިކަމުގެ ދައުވާ ވަނީ އުފުލާފަ އެވެ.