Advertisement

ޕެލެޓް ބަހައްޓާ މައްސަލައިގެ ހައްލު އޮތީ މަގު ހެދުމުގެ މަޝްރޫއާ ގުޅިފައި: މުއިއްޒު

25 ނޮވެންބަރު 2021 - 13:45 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މާލޭގެ މަގެއްމަތީ ޕެލެޓް ބަހައްޓާފައި. މޭޔަރު މުއިއްޒު ވަނީ މިހާރު ކުރިޔަށް ގެންދާ މަގުހެދުމުގެ މަޝްރޫއާއެކު އެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް.


ޕެލެޓް ބަހައްޓާ މައްސަލައިގެ ހައްލު އޮތީ މަގު ހެދުމުގެ މަޝްރޫއާ ގުޅިފައި: މުއިއްޒު

25 ނޮވެންބަރު 2021 - 13:45 0

މާލޭގެ މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލައިގެ ހައްލު އޮތީ މިހާރު ފަށައިގެން ކުރިޔަށްގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫއާ ގުޅިފައިކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި ހުރި މައްސަލަތަކާއި ވިދިގެން މޭޔަރުކަމަށް ވަޑައިގަތްފަހުން ކުރެއްވި އެކި އެކި މަސައްކަތްތަކާ ގުޅޭ ގޮތުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ އެކި މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލައިގައި، ސިޓީ ކައުންސިލުން އެ ޕެލެޓްތައް ނެގި ނަމަވެސް ކަމުގެ ހަގީގީ ސަބަބަށް ވާސިލުނުވެވޭތީ، އަލުން ހަމަ އެ ޕެލެޓް ބަހައްޓާ ބަޔަކު ޕެލެޓް ބަހައްޓާނެ ކަމަށެވެ.

"ޕެލެޓްތައް ނަގަން ބަލާއިރުގައި ޕެލެޓްތައް ބަހައްޓާ ސަބަބު އަޅުގަނޑުމެންނަށް އަންޑަސްޓޭންޑް ވާން އެބަ ޖެހޭ. ޕެލެޓްތައް ބަހައްޓަނީ ގެޔަށް ވަންނާނެ އިތުރު އެއްވެސް ގޮތެއް ނެތީމާ. މި ދަންނަވަން އުޅޭ ވާހަކައަކީ އަޅުގަނޑުމެންނަށް މާދަން ވެސް ގޮއްސަ ނެގިދާނެ ޕެލެޓް ހުރިހާ މަގަކުން. އެކަމަކު ހަމަ އަނެއްކާ ވެސް އެ އެއްޗިހި އަބުރާ އަންނާނެ. އެ ސަބަބު ހައްލެއް ނުވޭ. އަޅުގަނޑުމެން ވެސް ބޭނުމެއް ނޫން ޕެލެޓްތައް ހުންނާކަށް،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވީ ޕެލެޓްތައް ބަހައްޓަން މެދުވެރިވާ މައިގަނޑު ސަބަބަކީ އާންމުންނަށް ގޭގެޔަށާއި ފިހާރަތަކަށް ވަނުމުގައި ސައިކަލް އަދި ކާރު ފަދަ ތަކެތި މަގުތަކުގެ ޕޭމެންޓް ކައިރީގައި ޕާކަށް ޖަހާފަ ހުންނަ ގޮތުން ދަތިތަކާއި ކުރިމަތިވާތީ ކަމަށެވެ.

"މިސާލަކަށް ބޮޑެތި ފިހާރަތައް ކުރިމަތި ވެސް އެ ހުންނަނީ ބްލޮކް ކޮށްލާފަ. އެވާގޮތަކީ އެތާ ކައިރިއަށް މުދާ ބާލަން ވެސް ކައިރިކުރެވޭނެ ގޮތެއް ނޯވޭ. އެހެންވީމާ ބޭނުންވަނީ ދާއިމީ ހައްލެއް ގެނެވޭ ގޮތެއް މިކަމަށް. އެހެންވީމާ މަގުހެދުމުގެ މަޝްރޫގެ ތެރެއިން ވަރަށް ބޮޑު ހައްލެއް އަންނާނެ މި ޕެލެޓްތަކުގެ މައްސަލައަށް،" މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: އަދަދު/ހުސެއިން ޝަޔާހު


މާލޭގެ މަގުހެދުމުގެ މަޝްރޫއު މިހާރު ފަށައިގެން ކުރިޔަށްދާއިރު، އެ މަޝްރޫއުގެ ތެރެއިން ހަދާ މަގުތަކުގައި ޕެލެޓް ބަހައްޓަން ނުޖެހޭ ގޮތަށް ޕޭމެންޓް ޑިޒައިންކޮށް ބަދަލުތަކެއް ގެންނާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އެއާއެކު އާންމުންނަށް ވެސް ގޭގެޔަށް ވަނުމުގައި ދަތިތަކާއި ކުރިމަތިނުވާނޭކަމަށް އަދި ސައިކަލާއި ކާރު ފަދަ އުޅަނދު ވެސް ޕާކުކުރުމުގައި ދަތިތަކާއި ކުރިމަތިވާނޭކަމަށް މޭޔަރު ވިދާޅުވި އެވެ.

"މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން މާލޭގެ 105 މަގެއް މި ހެދެނީ. 105 މަގަކީ އެއީ ވަރަށް ބައިވަރު މަގު. ދެން އެ މަގުތައް ހެދޭއިރުގައި އެ މަގުތަކުގެ ޕޭމެންޓް ޑިޒައިން ކުރެވިފަ ހުންނާނީ ގޭގެޔަށް ވަދެވޭ ގޮތަށް އެކްސެސް ލިބޭ ގޮތަށް. އެހެންވީމަ ގެޔަށް ވަންނާނެ ޖާގަ ކޮންމެ މަގެއްގަ ވެސް ހުންނާނެ އޭރުން އުފެދިފައި. އެހެންވީމަ ޕެލެޓް ބަހައްޓާކަށް ނުޖެހޭނެ،" މޭޔަރު ވިދާޅުވި އެވެ.

ޕޭމެންޓް ޑިޒައިން ކުރާއިރު މިފަހުން ހަދާ ނިންމި ރޯޝަނީ މަގެކޭ އެއްގޮތަށް ޕޭމެންޓު ޑިޒައިންކުރާނޭކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން ޕޭމެންޓުގެ ދެ ތިން ސަރަހައްދެއް މަގަށް ކުޑަކޮށް ނެރުމަށްފަހު އުސްކޮށް ހަދާ ގޮތަށް ޑިޒައިންކުރާނޭކަމަށް މޭޔަރު ވިދާޅުވި އެވެ.

"ކުރަން އުޅޭ ކަމަކީ ދެ ތިން ދިމާލަކުން ކޮންމެ ގޯޅިއެއްގެ ވެސް ޕޭމަންޓު ޑިޒައިނަށް މި ގެންނަނީ ބަދަލެއް. ޕާކު ނުކުރެވޭ ގޮތަށް މި ނެރެނީ ބައިތައް. ނެރެފަ އެތަންތަން މެދުވެރިކޮށް ގެޔަށް ވަދެވޭ ގޮތަށް. އެހެން ހަދާފަ ދެން ޕާކުކުރާނެ ޖާގަ ދެނީ ސައިކަލްތަކަށް. ހަމަ ފިޒިކަލީ ޕޭމަންޓު ޑިޒައިނަށް ބަދަލެއް ގެންނަނީ. ގާ އަތުރާ ގޮތަށް. ޕޭމަންޓު އުސްކޮށްފަ ޑިޒައިނަށް ބަދަލެއް ގެންނަނީ،" މޭޔަރު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދަން ނިންމާފައިވާ މަގުތައް ނޫނަސް މާލޭގެ އެހެން މަގުތަކުގައި ވެސް ހަމަ އެ ކޮންސެޕްޓަށް ޑިޒައިންކޮށް ބަދަލުތަކެއް ގެނައުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.

"ހުރިހާ މަގުތަކެއްގައި ވެސް މަގުހެދުމުގެ މަޝްރޫގެ ބޭރުން، ސިޓީ ކައުންސިލްގެ މެޓީރިއަލްއާ މުވައްޒަފުން ބޭނުންކޮށްގެން ޕޭމަންޓް ޑިޒައިނަށް ބަދަލު ގެންނާނަން. މިހާރު ކުރަހާ ނިމިއްޖެ ގާތްގަނޑަކަށް ހުރިހާ ގޯޅިއެއްގެ ވެސް ޕޭމަންޓް ހަދާނެ ގޮތް،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

"ބަދަލު ގެނައިމަ ގޭގެޔަށް ނުވަތަ ފިހާރަތަކަށް ހުންނާނެ އެކްސެސް ޖާގަތަކެއް. ހުރީމަ ދެން ޕެލެޓްތައް ނަގަން އަޅުގަނޑުމެންނަށް ވެސް ފަސޭހަވާނެ. އޭރުން ޕެލެޓްތައް ބަހައްޓާ ބެހެއްޓުމަށް ވެސް ވަރަށް ބޮޑު ހައްލެއް އަންނާނެ."