Advertisement

ރޯގާގެ ވައްތަރުތަކާއި، އަލާމާތްތަކުގެ ތަފާތު

26 ނޮވެންބަރު 2021 - 06:10 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ދެ މީހަކު ވާހަކަ ދައްކަން އިށީދެލައިގެން ތިބި އިރު، އެކެއްގެ މާސްކު ދަތްދޮޅީގައި. -- ފޮޓޯ: އަދަދު


ރޯގާގެ ވައްތަރުތަކާއި، އަލާމާތްތަކުގެ ތަފާތު

26 ނޮވެންބަރު 2021 - 06:10 0

ގިނަ ބައެއް ކޮވިޑް ވެކްސިން ޖަހުމާއި، ޕޮޒިޓިވްވާ ނަންބަރު ތިރިވެ، 100 ގައި ހިފެހެއްޓިފައި ހުރުމާއެކު، ކޮވިޑުގެ ނުރައްކާ ގިނަ ބަޔަކު ހަނދާން ނެތިއްޖެ މަންޒަރު ފެންނަން ފެށި އެވެ. ކުރިން ދިން ސަމާލު ކަމަން ގެއްލި، ގައިދުރު މިން ކައިރިވެ، މާސްކު ދަތްދޮޅި އަށް ތިރިވެ، ގެންގުޅު ސެނިޓައިޒަ ފުޅި ވަކިވެއްޖެ އެވެ. ފިހާރަތަކާއި ކެފޭތަކުގެ ތޮއްޖުން ވެސް ބޮޑެވެ.

ކޮވިޑްގެ ނަންބަރު ހިފެހެއްޓިފައި ހުރިއިރު، އާދައިގެ ހުމާއި ރޯގާ ވަނީ އިތުރުވެފަ އެވެ. މި ހުރިހާ ރޯގާތަކެއްގައި ވެސް އަލާމާތްތައް ނުހަނު އެއްގޮތެވެ. އެހެންވެ، އެ މައުލޫމާތު އެނގިފައި ހުރުން މުހިންމެވެ.

ރެސްޕިރޭޓޮރީ ސިންކްޓިއަލް ވައިރަސް

ރެސްޕިރޭޓޮރީ ސިންކްޓިއަލް ވައިރަސް ނުވަތަ އާރް.އެސް.ވީ އަކީ ކުއްލިއަކަށް އަލާމާތްތައް ފާޅުވާ ރޯގާއެކެވެ. މި ރޯގާގެ ނުރައްކާ ބޮޑުވަނީ ކުޑަކުދިންނަށާއި، ފުއްޕާމޭގެ މައްސަލަތައް ދިމާވެފައި ތިބޭ މީހުންނަށެވެ. އާރް.އެސް.ވީ ޖެހިފައި ތިބޭ މީހުން ކެއްސާ ކެއްސުމުގެ އަޑުން ޑޮކްޓަރުން ވަރަށް ފަސޭހައިން އެބަލި ދެނެގަނެއެވެ. އަދި ޓެސްޓުތަކުގެ ޒަރިއްޔާއިން މި ބަލި ޔަގީންކުރެވެއެވެ.

އިންފްލުއެންޒާ

އިންފްލުއެންޒާއަކީ ވިއްސާރަ މޫސުމުގައި ހަލުވިކޮށް ފެތުރޭ ރޯގާއެކެވެ. އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ކެއްސާ، ކިނބިހި އެޅުމާއި، ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިހުން އަދި ބަނޑުގެ މައްސަލަތައް ދިމާވުން ހިމެނެއެވެ. އެހެން ރޯގާތަކާއި އަޅާ ކިޔާއިރު އިންފްލުއެންޒާގެ އަލާމާތްތަކަކީ ބަލި ޖެހުމާއި އެކު ވަރަށް އަވަހަށް ފާޅުވާ އަލާމަތްތަކެކެވެ.

ކޮމަން ކޯލްޑް

ކޮމަން ކޯލްޑް، ނުވަތަ އާދައިގެ ރޯގާ ޖައްސާ އެތައް ވައްތަރެއްގެ ވައިރަހެއް ސައިންސުވެރިން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ކޮރޯނާ ވައިރަސްތަކާއި ރައިނޯ ވައިރަސްގެ ބާވަތްތައް ހިމެނެއެވެ. ނަމަވެސް ކޮމަން ކޯލްޑްގެ ސަބަބުން ފާޅުވާ އަލާމާތްތަކަކީ އެހާ ގިނަ ދުވަސް ވަންދެން ދިގުދެމިގެންދާ އަލާމާތްތަކެއް ނޫނެވެ. ބޭސް ބޭނުން ކުރާނަމަ ރޯގާޖެހޭތާ ފަސް ދުވަހުގެ ތެރޭގައި މި ބަލީގެ އަލާމަތްތައް ފިލައި ބަލި ރަނގަޅުވާނެއެވެ.

ކޯވިޑް 19

ކޯވިޑް 19 ގެ އެންމެ ފާޅުކަން ބޮޑު އެއް އަލާމާތަކީ ވަހާއި ރަހަ ގެއްލުމެވެ. ޑޮކްޓަރުންނާއި ސިއްހީ މާހިރުން އިއްތިފާގުވެލައްވާ ގޮތުގައި މި އަލާމާތްތައް ފެނިއްޖެ ނަމަ އެއީ ކޯވިޑް 19ގެ ބަލިމަޑުކަން ކަމަށްވުން ވަރަށް އެކަށީގެންވެއެވެ. މީގެ އިތުރުން ބޭރަށް ހިނގުމާއި، މޭނުބައިކުރުމާއި، ހުންއައުން އަދި އާދަޔާ ހިލާފަށް ކެއްސުން ފަދަ އަލާމާތްތައް މި ބަލި ޖެހުމާއިއެކު ފާޅުވުން އެކަށީގެންވެއެވެ. ނޭވާލުމަށް އުނދަގުވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ހޮސްޕިޓަލަށް އެކަން އަނގައި ވީއެންމެ އަވަހަށް ސިއްހީ ފަރުވާ ހޯދުން ވަރަށް މުހިންމެވެ.

މުޅި ދުނިޔޭގެ ހިނގުން ހުއްޓުވައި، އެންމެން "ގޭބަނދު" ކުރި ކޮރޯނާ ވައިރަސްއާމެދު އާދައިގެ ގޮތަކަށް ދެކުން އަދި ދުރެވެ. ވެކްސިން ފުރިހަމަކޮށްފައި ވިޔަސް، ބަލިން ރައްކާތެރި ވުމަށް ހުރި ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހެ އެވެ.