Advertisement

ޑެލިވަރީ ބޯއީ އަކުން ޗެމްޕިއަންސް ލީގު މެޗެއްގެ ތަރިއަކަށް

25 ނޮވެންބަރު 2021 - 08:27 0

މެސިއަސް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ޑެލިވަރީ ބޯއީ އަކުން ޗެމްޕިއަންސް ލީގު މެޗެއްގެ ތަރިއަކަށް

25 ނޮވެންބަރު 2021 - 08:27 0

ބްރެޒިލަށް އުފަން ޖޫނިއާ މެސިއަސް 2011 ވަނަ އަހަރު އަންހެނުންނާއި ދަރިފުޅާ އެކު އިޓަލީ އަށް ހިޖުރަކޮށް އެންމެ ފުރަތަމަ ވަޒީފާއަދާކުރީ ޑެލިވަރީ ބޯއީއެއްގެ ގޮތުގަ އެވެ. އިޓަލީގެ މަޝްހޫރު ކްލަބް ޔުވެންޓަސް ނިސްބަތްވާ ޓޮރިނޯ ސިޓީގައި އޭނާ އުޅުނީ ފްރިޖާއި ދޮންނަމެޝިން ޑެލިވާކުރާށެވެ.

އޭގެ 10 އަހަރު ފަހެވެ. އޭނާ އަކީ މިހާރު އިޓަލީގެ ގަދަބާރު އޭސީ މިލާނުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. ރޭ އޭނާ އެ ވަނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑް އަތުން މިލާނަށް މުހިއްމު މޮޅެއް ހޯދައިދޭން ގޯލެއް ޖަހައިދީފަ އެވެ.

މެސިއަސް އިޓަލީއަށް ދިރިއުޅުން ބަދަލުކޮށް އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުނީ ހުސް ވަގުތު އެވެ. އޭނާ އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅުނީ 2015 ވަނަ އަހަރު އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގެ ކަސާލޭ އަށެވެ. އެއީ ޕްރޮފެޝަނަލް ލީގެއް ނޫނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އޭނާ ކުޅުނު ގޮޒާނޯ ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓްވުމާ އެކު އެ ލީގުން ފުރުސަތު ލިބުނެވެ. އޭނާ ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ލީގެއްގައި ކުޅުނީ ގޮޒާނޯ އަށް އުމުރުން 27 އަހަރުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މަޑުމަޑުން ކުރިއަރައި ގޮސް އޭނާ އަށް އިޓަލީގެ ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބުނެވެ. އެއީ އެ ލީގުގފައި ވާދަކުރާ ކްރޮޓޯނޭ އިން މެސިއަސް ލޯން އުސޫލުން 2019 ވަނަ އަހަރު ގެންދިއުމުންނެވެ. އެ ޓީމު 2020 ވަނަ އަހަރު އިޓަލީގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސެރިއޭ އަށް ޕްރޮމޯޓްވުމުގައި މެސިއަސް ހިއްސާ ވުމާ އެކު ފުރަތަމަ ޑިވިޝަނުން އޭނާ ފުރުސަތު ލިބުނެވެ. މެސިއަސް 2020/2021 ގައި ސެރިއޭގައި 37 މެޗުން ނުވަ ގޯލް ޖެހި އެވެ.

އޭސީ މިލާނުން މި ސީޒަނަށް ގެންނަން ބޭނުންވި މުހިއްމު ކުޅުންތެރިއަކު ނުލިބުމުން ފަހު ވަގުތު މެސިއަސް ގެންނަން ނިންމި އެވެ. އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ޕައޮލޯ މަލްޑިނީ، މެސިއަސް ގެންނަން އުޅުމުން ކްލަބުގެ ވެރިން ފުރަތަމަ ދެކޮޅު ވެސް ހެދި އެވެ. އުމުރު މަތިވުމާއި މަތީ ފަންތީގައި މާގިނަ ދުވަހު ކުޅެފައިވާ ކުޅުންތެރިއަކަށް ނުވާތީވެ އެވެ ސަޕޯޓަރުން ވެސް ހިތްހަމަނުޖެހުނެވެ. އެކަން ބޮޑުވީ އައިއިރު ޕްރީ ސީޒަން ހަދާފައި ނެތުމުން ފިޓްނަސް ދަށްވުމާއި އެންމެ މެޗެއް ކުޅެނިކޮށް އަނިޔާވުމެވެ.

އެއާ އެކު މާގިނަ ފުރުސަތުތަކެއް ނުލިބިދާނެ ކަމަށް ބެލެވުނެވެ. އަމުދުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމަށް މޮޅުވުން މަޖުބޫރު މެޗެއްގައި ޔޫރަޕުގެ ގަދަބާރު އެތުލެޓިކޯއާ ދެކޮޅަށް ރަށުން ބޭރުގައި ފުރުސަތު ލިބިދާނެ ކަމަށް ނުބެލެވުނެވެ. އެކަމަކު ރޭ ކޯޗު ސްޓެފާނޯ ޕިއޮލީ އޭނާ އަށް ފުރުސަތު ދިނެވެ.

ދެ ވަނަ ހާފުގައި މެސިއަސް އަރައި ފްރޭންކް ކެސިއޭގެ ހުރަހަކުން 87 ވަނަ މިނެޓުގައި ބޮލުން ގޯލް ޖަހައި މިލާން މޮޅުކޮށްދިނެވެ. ޔޫރަޕުގައި އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު އަލަތު މެޗުގައި އޭނާ މިލާނަށް ހޯދައިދިނީ ވަރަށް މުހިއްމު މޮޅެކެވެ.

މެސިއަސް ބުނީ ރޭ ލަނޑު ޖެހި ވަގުތަކީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު ހިނދުކޮޅު ކަމަށާއި އެކަމަކު އަދިވެސް އޭނާ އަށް އެންމެ މުހިއްމީ ހިތްތިރިކަން ކަމަށެވެ.

"އަހަރެން ރޯން ބޭނުންވީ. އަހަރެން މިހާ ހިސާބަށް ތަހައްމަލުކުރި ހުރިހާ ކަމެއް ސިކުނޑީގައި އެނބުރުނު. މިއީ ހާލިސް ޖަޒުބާތުތަކެއް،" އޭނާ ބުންޏެވެ.

"މި ގޯލް އަހަރެން ހާއްސަކުރާނީ އާއިލާ އަށާއި އަހަންނަށް އިތުބާރުކުރި މީހުންނަށް."

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ލިވަޕޫލް ވަނީ ޕޯޓޯ އަތުން 2-0 އިން މޮޅުވެފަ އެވެ. ލިވަޕޫލުން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ އޭރިއާބޭރުން ޖެހި ޝޮޓަކުން ތިއާގޯ އަލްކަންޓާރާ އެވެ. އޭގެ ފަހުން ކެޕްޓަން، ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެ ވަަނަ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޓަކޫމީ މިނަމީނޯ ޖެހި ގޯލުތައް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ގްރޫޕް ބީގައި ހުރިހާ މެޗަކުން މޮޅުވެ، 15 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ލިވަޕޫލް ވަނީ އަނެއް ބުރަށް ގޮސްފަ އެވެ. ޕޯޓޯ ފަސް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އިރު މިލާން އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ މިލާނެވެ.

ފަހު މެޗުން އެތުލެޓިކޯ އަތުން މޮޅުވެ، ޕޯޓޯ އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. މިލާނަށް ދެވެން އޮތީ ލިވަޕޫލް އަތުން މޮޅުވެ އެތުލެޓިކޯ އާއި ޕޯޓޯ އެއްވަރުވެއްޖެ ނަމަ އެވެ. އެ ހާލަތުގައި އެތުލެޓިކޯ މޮޅުވެއްޖެ ނަމަ ދެ ވަނަ ބުރަށް ދާނީ މިލާނާއި އެތުލެޓިކޯގެ ތެރެއިން ލަނޑުގެ ތަފާތުން ކުރި ލިބޭ ޓީމަކަށެވެ. މިލާން މޮޅުނުވެ އެތުލެޓިކޯ މޮޅުވެއްޖެ ނަމަ އެ ޓީމަށް ފުރުސަތު ލިބޭނެ އެވެ.